ގއ. ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުގައި މިހާތަނަށް 9 މީހަކާއި ސުވާލުކޮށް ބަޔާން ނަގާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ޖިންސީ ގޯނާގެ މައްސަލައިގައި މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑުކޮށްފައިވާ ހަސަން ދީދީގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެވޭ ކަމަށާއި އެ މައްސަލަތަކުގެ ތަހުގީގު މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވެސް ވަނީ ބަޔާނެއް ނެރެފައެވެ.
ޖިންސީ ގޯނާގެ މައްސަލައްގައި ހަސަން ދީދީ ސަސްޕެންޑުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރާ ޖިންސީ ގޯނާގެ މައްސަލަ ފުލުހުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.
މައްސަލައާއި ގުޅޭ މައުލޫމާތު މީޑިއާތަކާއި ހިއްސާކޮށް ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ މި މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވަނީ މިދިޔަ އޮކްޓޯބަރު މަހު ކަމަށެވެ. އަދި މައްސަލަ ހުށަހެޅުމާއި އެކު، ފައިލް ކޭސް ކުރެވި ތަހުގީ ކުރަން ފެށި ކަމަށެވެ.
މި މައްސަލައިގައި މިހާތަނަށް 9 ފަރާތަކާއި ސުވާލުކޮށް ބަޔާން ނަފާފައިވާއިރު، މި މައްސަލައިގައި އިތުރަށް ފާހަގަކުރެވިފައިވާ ކަންތަކާއި ގުޅިގެން އިތުރު ބަޔަކާއި ސުވާލު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ތަހުގީގަށް ބޭނުންވާ ހެކިތައް ހޯދަމުން އަންނަ ކަަމަށް ވެސް ފުލުހުން ވަނީ ބުނެފައެއެވެ.
ހަސަން ދީދީއާއި ގުޅޭގޮތުން ބަޔާނެއް އާއްމުކޮށް ޖޭއެސްސީއިން ބުނެފައިވަނީ އިސް މެޖިސްޓްރޭޓްގެ މައްސަލައެއް ކޮމިޝަނަށް ލިބިފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަމަށެވެ. އެއާއި އެކު، މިއަދާއި ހަމައަށް އެ ކޮމިޝަނުން ހަސަންދީދީގެ މައްޗަށް ތުހުމަތު ކުރެވޭ ކަންތަކުގެ މައްޗަށް ހަތް މައްސަލައެއް ބަލަމުން އަންނަ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
އިސް މެޖިސްޓްރޭޓް ހަސަން ދީދީ އަށް ކުރާ ތުހުމަތުތަކަކީ:
1- މުވައްޒަފުންނަށް ޖިންސީ ގޯނާކުރުން.
2- މާލިއްޔަތު ގަވާއިދާ ޚިލާފަށް އަމަލުކުރަން މަޖުބޫރު ކުރުވުން.
3- ހަޑިހުތުރު ބަހުން އެއްޗެއް ގޮވުން.
4- މުވައްޒަފުންނަށް ބަރަހަނާ ވީޑިއޯ ދެއްކުން.
5- ކޯޓުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރުން.
6- ހެކިންގެ ބަޔާން ނެގުމަށް ހުރަސް އެޅުން.
7- މާރާމާރީ ހިންގުމަށް ހިތްވަރު ދިނުން.
ޖޭއެސްސީން ބުނެފައިވަނީ، މައްސަލަ ތަހުގީގު ކުރުމަށް ޖުލައި މަހު އޭނާ ސަސްޕެންޑުކޮށް ބެލި ބެލުމުން އޭގައި ޖިނާއީ ކަންތަކެއް ވާކަމަށް ފާހަގަކުރެވުނު ކަމަށެވެ. އަދި އެކަން ފުލުހުންނާއި ހިއްސާ ކުރިކަމަށެވެ. އަދި ހަސަން ދީދީ މުއްދަތެއް ނެތް ގޮތަަށް ސަސްޕެންޑު ކުރީ ފުލުހުން އެ މައްސަލަ ބަލަން ފެށުމުން ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
ކަނޑުހުޅުދޫ މެޖިސްޓްރޭޓްގެ މައްސަލަތަކެއް ޖޭއެސްސީން ބަލަމުންދާއިރު، އެރަށުގެ ދެ އަހަރު ނުފުރޭ ކުއްޖަކަށް އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. ގިނަ ބައެއް ފާޑުކިޔުންތަކެއް އަމާޒުވަމުން އަންނަނިކޮށް، ފުލުހުން މިހާރު ވަނީ އެ ދެ މީހުންނާއި އެ ކުއްޖާގެ ބައްޕަ ވެސް ހައްޔަރުކޮށް ތަހުގީގު ފަށައިފަ އެވެ.

