ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ގެ ފަރާތުން ފަހުން އުފުލި ދައުވާތަކުގެ މިއަދަށް ތާވަލް ކުރި ޝަރީޢަތް އަދީބުގެ ފަރާތުން އެދިގެން ކެންސަލް ކޮށްފިއެވެ.
އަދީބުގެ މައްޗަށް ފަހުން ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ހަތް ދައުވާއެއް އުފުލި އެވެ. އެ ހަތް ދައުވާ ވެސް އުފުލީ އެމްއެމްޕީއާރްސީގެ ތެރެއިން 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް ހިންގި ކޮރަޕްޝަނާއި މަނީ ލޯންޑްރިން މައްސަލައާ ގުޅިގެންނެވެ. އެ ދައުވާތައް އުފުލާފައިވަނީ އެސެޓް ރިކަވަރީ ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ފުލުހުން ގުޅިގެން ހިންގި ތަހުގީގަށް ފަހުއެވެ.
މި ހަތް ދައުވާއަކީ ވެސް ތަހުގީގުގައި އަދީބު އިއުތިރާފުވެފައިވާ ކުށްތަކެއްގެ މައްޗަށް އުފުލާފައިވާ ދައުވާތަކެވެ. އަދީބު ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ ކުށަށް އިއުތިރާފްވާ ކަމުގެ އެއްބަސްވުމެއްގައި ސޮއި ކުރައްވާފަ އެވެ. އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އޭގެ ކުރިން ދައުލަތާއެކު ތަހުގީގަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އަދީބު ސޮއި ކުރެއްވި އެވެ.
”ސަންގު“ އަށް މައުލޫމާތު ދެއްވަމުން އަދީބުގެ ގާނޫނީ ވަކީލް މަހުފޫޒް ސައީދު ވިދާޅުވީ އަދީބިގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް އިތުރަށް ދިރާސާ ކުރުމަށް ވަގުތު ބޭނުންވާތީ މައްސަލަ ކެންސަލް ކޮށްދިނުމަސް އެދި މިދިޔަ ހަފްތާގައި ކްރިމިނަލް ކޯޓަށް ސިޓީ ފޮނުވާފައިވާނެ ކަމަށެވެ.
އެގޮތުން މިއަދަށް ތާވަލް ކުރި ޝަރީޢަތް ކެންސަލް ކޮށްފައި ވަނީ އެގޮތިގެ މަތިން ކަމަށް މަހުފޫޒް ވިދާޅުވިއެވެ. އަދި ވިދާޅުވީ އަދީބުގެ މިއަދު ކޯޓަށް ހާޒިރު ކުރި ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ގެނެސްދީފައިވާ ހަބަރަކީ ސައްހަ ހަބަރެއް ނޫން ކަމަށާއި އަދީބުގެ ކޯޓަށް ހާޒިރު ކޮށްފައި ނުވާ ކަމަށް މަހުފޫޒް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ދައުލަތުން އަދީބުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވާއިރު އެ ދައުވާތަކުގެ ޝަރީޢަތް ލައިވް ކޮށްދިނުމަސް ދައުލަތުގެ ފަރާތުންނާއި އަދި އަދީބުގެ ފަރާތުން ވަނީ އެދިފައެވެ. ނަމަވެސް މިހާތަނަށް އެކަމާއި މެދު ޝަރީޢަތުން ވަކިގޮތެއް ނިންމާފައެއް ނުވެއެވެ.
މީގެ ކުރިން ފުލުހުން ހިންގި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތަހުގީގަށްފަހު ވެސް އަދީބުގެ މައްޗަށް ހިޔާނާތުގެ 10 ދައުވާތަކެއް އުފުލި އެވެ. ނަމަވެސް އެ ދައުވާތައް ކުރިމިނަލް ކޯޓުން ވަނީ ބޭރުކޮށްލާފަ އެވެ. އެމްއެމްޕީއާރްސީގެ ރަށްތަކާ ގުޅޭ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވެސް ތަހުގީގު ކުރި އެވެ.
އަދީބުގެ މައްޗަށް މިހާތަނަށް ސާބިތުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އެއް މައްސަލަ އެވެ. އެއީ މާބިންހުރާ މައްސަލަ އެވެ. ނަމަވެސް އެ ހުކުމް ހައިކޯޓުން ބާތިލްކޮށް ކުރިމިނަލް ކޯޓަށް އަލުން ބަލަން ވަނީ އަންގާފަ އެވެ. ހައިކޯޓުގެ އެ ހުކުމް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. ނަމަވެސް އެ މައްސަލަ ޕީޖީއިން ވަނީ އަނބުރާ ގެންގޮސްފަ އެވެ. އެއީ އަދީބާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ.

