ސްވިފްޓުން ބީއެމްއެލް ސަސްޕެންޑުކޮށްފައި ވާތީ ކްރޮސްބޯޑާ ޕޭމަންޓުތައް ނުހެދޭކަމަށް ފަތުރަމުން ދަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއްކަމަށް އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލެ 1 ގައި އަމީން ކޮންސްޓްރަކްޝަނާއި ހަވާލު ކޮށްގެން އިމާރާތްކުރާ 364 ފްލެޓުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވަނީ ބޭންކާއި ގުޅުވައި ދެކެވޭ ވާހަކަތަށް ރައްދު ދެއްވާފަ އެވެ.
އެގޮތަށް ސްވިފްޓުން ބީއެމްއެލް ސަސްޕެންޑުކޮށްފައި ވާތީ ޓީޓީ ފަދަ ކްރޮސްބޯޑާ ޕޭމަންޓްސް ނުހެދޭކަމަށް ބުނެ އިއްޔެ ސޯޝަލް މީޑިއާގައި ފެތުރު އަޑުތައް ފާހަގަކުރެވެ އެވެ. އެކަމާއި ގުޅޭގޮތުން ރޭގެ ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ ބޭންކުގެ ނޮސްޓްރޯ އެކައުންޓްތަކުގައި ފައިސާއެއް ނެތް ކަމަށް ބުނެ ފަތުރަނީ ދޮގެއްކަމަށެވެ.
ޝަރީފް ވިދާޅުވީ ސްވިފްޓުން ރާއްޖެއިން ސަސްޕެންޑުކޮށްފައި ނުވާކަމަށާއި، ބޭންކުގައި ބޭރު ފައިސާ ލިކުއިޑިޓީ ހުންނަން ޖެހޭ މިންވަރަށް އެބަހުރިކަމަށެވެ. އަދި ނޮސްޓްރީ އެކައުންޓުތަކުގައި ވެސް ހުނަން ޖެހޭ ލިމިޓަށް، ފައިސާ ހުރިކަން ފާހަގަކުރެއްވި އެވެ.
ޝަރީފް ވިދާޅުވީ ބޭންކުން ދަނީ ކްރޮސްބޯޑާ ޕޭމަންޓްސް ހިދުމަތާއި، ކާޑުގެ ހިދުމަތާއި ޓީޓީ ހިދުމަތް ވެސް ދެމުންދާކަމަށެވެ.
މީގެއިތުރުން ޝަރީފް ވިދާޅުވި ގޮތުގައި، ނޮސްޓްރޯ އެކައުންޓްތަކުގައި ފައިސާ ނެތް ނަމަ، އިންޓަނޭޝަނަލް ޕޭމަންޓްސްގެ އެއްވެސް ހިދުމަތެއް ބޭންކަކަށް ނުދެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ބޭންކުގެ ހުރިހާ ހިދުމަތެއް މެދުކެނޑުމެއް ނެތި ފުރިހަމައަށް ކުރިއަށްދާ ކަމަށެވެ.
ބޭންކާއި ގުޅުވައި މެދުއިރުމަތީގައި ހިނގާ ހަނގުރާމައިގެ ސަބަބުން ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި މިފަދަ ދޮގު މައުލޫމާތުތައް ފެތުރުމުގެ ސަބަބުން އާންމުންނާއި ބޭންކުގެ ކަސްޓަމަރުންނާއި ބޭންކުގެ ޕާޓްނަރުންނާއި މެދު ނުބައި ތަސައްވުރެ އުފެދިގެންދާކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެފަދަ އަމަލުތައް ހިންގާ ބައެއްގެ ބޭނުމަކީ ބޭންކިން ނިޒާމާއި އިގްތިސާދަށް ގެއްލުން ދިނުން ކަމަށެވެ.
ޝަރީފް ވަނީ ކާކުކަން ނޭނގޭ ގޮތަށް، ބޭންކުން ދޭ ސައްހަ މައުލޫމާތުތަކަށް ބިނާނުކޮށް ހިންގާ މިފަދަ އަމަލުތަކަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފަ އެވެ. ޝަރީފް ވިދަޅުވީ ބޭންކާއި ގުޅޭ މައުލޫމާތުތައް ދޭނީ ސީދާ ބީއެމްއެލް ނުވަތަ މަރުކަޒީ ބޭންކު އެމްއެމްއޭ ކަމަށެވެ.

