ބޭސް ހޯދުމުގައި އާންމުންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި، މިކޯޕަރޭޝަނުން ޙާއްސަ ހޮޓްލައިން ”1505“ އަދި ޑިޖިޓަލް ޕޯޓަލް ތަޢާރަފްކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުން އުފައްދަވާފައިވާ މި ކުންފުނީގެ މައިގަނޑު މަސްއޫލިއްޔަތަކީ ދިވެހިރާއްޖޭގެ ބޭސްފަރުވާއާއި ގުޅޭ އެންމެހާ ޚިދުމަތްތައް ރާއްޖޭގެ ހުރިހާ ހިސާބަކަށް ދެމެހެއްޓެނިވި ހަރުދަނާ ގޮތެއްގައި ފޯރުކޮށްދިނުމެވެ.
ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމު ޒަމާނީ ފެންވަރަށް ވިލަރެސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން، ބޭހާއި ސިއްޙީ އާލާތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ޚިދުމަތް، މިހާރަށްވުރެ ފުޅާކުރުމަށް މިކުންފުނިން ދަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ.
”ސްޓޭޓް ފާމާ“ އިން ބުނީ ކުންފުނިން ދެވޭ ޚިދުމަތްތަކަކީ ރައްޔިތުންނާ ގާތުން، ރައްޔިތުންނަށް ފަސޭހައިން ފޯރުކޮށްދެވޭ ޚިދުމަތްތަކަކަށް ހެދުމުގެ މަސައްކަތްތައް ކުރަމުން ގެންދާކަމަށެވެ. އެގޮތުން 24 ގަޑިއިރު ބޭހުގެ ޚިދުމަތް ހޯދުމަށް އެދި ގުޅޭނެ ޙާއްސަ ހޮޓްލައިން މިއަދު ރަސްމީކޮށް ތަޢާރަފްކުރެވިގެން ދިޔައީކަން ފާހަގަކުރެއްވި އެވެ.
”ސްޓޭޓް ފާމާ“ އިން ބުނީ ޒަރޫރީ ބޭސްތައް ހޯދުމުގައި ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ކުރިމަތިވާނަމަ މިހޮޓްލައިން މެދުވެރިކޮށް، ބޭހަށް އޯޑަރުކުރުމާއި، ބޭސް ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދެވޭނެ ކަމަށެވެ.
މީގެ އިތުރުން، ”އީފާސް“ މެދުވެރިކޮށް ކޮންމެ ރައްޔިތަކަށްވެސް ވަދެވޭ ގޮތަށް ތަޢާރަފްކުރެވޭ ކުންފުނީގެ ”ސްޓޭޓްފާމާ“ ޕޯޓަލް https://portal.statepharma.mv/ އިން ބޭސް ހޯދުމަށް އެދުމާއި، އެދިފައިވާ ބޭސް ލިބުމުގެ އެންމެފަހުގެ އަދާހަމަ ކޮބައިކަން ދެނެގަނެވޭނެކަމަށް ވަނީ ބުނެފަ އެވެ.
މި ޕޯޓަލް ފަރުމާކުރެވިފައި ވަނީ އެންސްޕާގެ ނިޒާމާ ގުޅުވާލެވިގެން ކަމަށްވާތީ، މިހާރުވެސް ހިނގަމުންދާ ނިޒާމުގެ ތެރެއިންނާއި، ސްޓޭޓްފާމާ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ހުށަހެޅުންތަކަށް އަވަސް ޚިދުމަތެއް ލިބިގެންދާނެއެވެ.
މި މަސައްކަތުގެ މައިގަނޑު މަޤްސަދަކީ އާންމު ރައްޔިތުންނަށް ލުއިފަސޭހަކަމާއި، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ބޭހުގެ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.

