ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް އިދިކޮޅު ފަރާތްތަކުން ކޯލިޝަނެއް ހެދުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ސަލާން ޖެއްސެވި ކަމަށް ޖުމްހޫރީޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީއަށް އަލަށް ގުޅުނު މެމްބަރުންގެ ފޯމު ހަވާލުކުރުމަށް ރޭ ކުނޫޒްގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ ވެސް ރައީސް ނަޝީދަށް ބަހުގެ ހަމަލާތަކެއް ދެއްވާ ވާހަކަ ދައްކަވަމުން، ޤާސިމް ވިދާޅުވީ ކޯލިޝަނެއް އުފެއްދުމަށްޓަކައި ރައީސް ނަޝީދު ޖެއްސެވި ސަލާމާއި ސަރުކާރެއް ލިބުނު ގޮތް ހަދުމަނެތިޖެއްޖެ ކަމަށެވެ.
”ސަރުކާރެއް ލިބިވަޑައިގަތީ ކިހިނެތްކަން އެމަނިކުފާނު ހަނދުމަފުޅު ނެތީތޯ، މަނިކުފާނު ހީކުރައްވަނީތޯ ހަތަރު ލައްކައަށްވުރެ ގިނަ މީހުންގެ ހައްގުތަކަކީ ހަމައެކަނި ތި ޕާޓީގެ ތިބި ސާޅީސް މީހުންނަށް ބަހާލަން ދީފައިފައި ހުރި އެއްޗެއް ކަމަށް، ބަލަ މޮޔަފުޅުވީ ކޮން އިރަކުތޯ“ ޤާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހަދަމުން އަންނަ ސީޕްލޭން ޓާމިނަލާއި ބެހޭ ގޮތުންވެސް ޤާސިމް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ޤާސިމް ވިދާޅުވީ އެމްއޭސީއެލް އިން ހަދަމުން އަންނަ ސީޕްލޭން ޓާމިނަލް ހިންގާނެ އެހެން އޮޕަރޭޓަރުން ވެސް އެބަތިބި ކަމަށެވެ. އަދި ޓާމިނަލް ހަދަނީ ސީޕްލޭން ހިންގާ ފަރާތްތަކަށް ހިދުމަތް ދިނުމަށް ކަމަށް ޤާސިމް ވިދާޅުވިއެވެ.
ފްލައިމީގެ ހިއްސާދާރު ގާސިމް ވިދާޅުވި ގޯސް މަގަކުން ކަންކަންދާނަމަ އެވާހަކަ މީހުން ދައްކާނެ ކަމަށެވެ. ސީޕްލޭން ޓާމިނަލް ހިންގުން ޓީއެމްއޭ އާ ޙަވާލުކުރާމައި ދެކޮޅު ހެއްދެވި މުވައްޒަފުން ވަކިކުރުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ. އަދި ޤާސިމްވަނީ ވަޒީފާއިން ވަކިކުރެވުނު މުވައްޒަފުންގެ ވަޒީފާ އަލުން އިއާދަ ކުރުމަށާއި އެއްވެސް ރައްޔިތަކަށް އަނިޔާވެރި ނުވުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙަށް ގޮވާލައްވާފައެވެ.
“ މިއަދު މި އިވެނީ އަށްޑިހަ މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދޭންއުޅޭ ވާހަކަ. އެކަމާ އެއަރޕޯޓްގެ ސީނިއަރ ދެ މުވައްޒަފަކު ދެކޮޅު ހެދީމާ އެމީހުން ކަނޑާލައިފި ވާހަކަ އަޅުގަނޑަށް ނޫސްތަކުން މިފެންނަނީ. އެ ގޮތަށް ރައްޔިތުންނާ އަނިޔާވެރި ނުވާށޭ. ކޮންމެ ފަރާތަކުން ކަމަށް ވިޔަސް، މީހަކު އެއްޗެއް ބުނުމަކުން ވިޔަސް މީހަކަށް ލިބޭނެ ގެއްލުމެއް ނޯންނާނެ، އިއްޒަތްތެރި މަނިކުފާނު ތި ގޮތަށް ކަންތައް ކުރެއްވީމާ އެ އަރައިގަނެވެނީ ކޯއްޗަކަށްތޯ، އިހުލާސްތެރިކަމާ އެކު ދަންނަވާލަން، ރައްޔިތުންގެ ހައްގުތަކަށޭ ތި އަރައިގަނެވެނީ. އަސާސީ ހައްގަކަށް ތި އަތްބާނަނީ. އެހެން ނުހައްދަވާށޭ އަދަބުވެރިކަމާއެކު ދަންނަވާލަން“ ޤާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރައްޔިތުން ގޮވަމުން ދަނީ ޓީއެމްއޭއާ އެކަނި ސީޕްލޭން ޓާމިނަލް ހަވާލު ނުކުރުމަށް ކަމަށާއި އެކަން ކުރާނެ އެހެން އޮޕަރޭޓަރުން ވެސް އެބަތިބި ކަމަށެވެ.
ޓީއެމްއޭ އަށް އާ ސީޕްލޭން ޓާމިނަލް ދޫކުރުމާ ދެކޮޅު ހެއްދެވުމުން ވަޒީފާއިން ވަކިކުރީ އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް ފައިނޭންޝަލް އޮފިސަރު ހާމިދު ރިޒާ އާއި ޖެނެރަލް މެނޭޖަރު، ކޮމާޝަލް، މުޖުތަބާ ލަތީފެވެ. ނަމަވެސް އެ ވާހަކަ އެމްއޭސީއެލުން ދޮގުކުރެ އެވެ.

