ދީބާޖާ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިގެން ދައުލަތަށް ކާމިޔާބުވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވުމަށް ފަހު އެ މައްސަލަ ރިވިއުކުރަން ހުށަހަޅަން ނިންމުމުން ސާފުވެގެންދިޔައީ މިނިވަންކަމާއެކު އޭޖީގެ މަސްއޫލިއްޔަތުް އަދާކުރެވޭނެފަދަ މާހައުލެއް ނެތްކަން ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، ބަދަލުގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓަށް 174 މިލިއަން ރުފިޔާ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވި ނިންމެވުން ބަދަލުކުރައްވައި، އެ މައްސަލަ ރިވިއުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅަން ރައީސް އަންގަވާފައިވާ ކަމަށް އޭޖީ އޮފީހުން މިއަދު ވަނީ ބުނެފައެވެ. އަދ ިއޭޖީ އޮފީހުން ބުނީ ރައީސްގެ ނިންމެވުމާ އެއްގޮތަށް މައްސަލަ ރިވިއުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން މިހާރު ނިންމާފައިވާ ކަމަށެވެ.
އޭޖީގެ އެ ނިންމެވުމަށް ފާޑުވިދާޅުވެ ހައިލަމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ދީބާޖާގެ މައްސަލަ ރިވިއުކުރަން ހުށަހަޅާނެ ޤާނޫނީ ހަމައެއް ނެތްކަމަށް އެޓަރނީ ޖެނެރަލް ވިދާޅުުމަށްފަހު، މަޖިލިހުގެ އެންގެވުމަކަށް ހަމަ އެ އެޓާރނީ ޖެނެރަލް އެ މައްސަލަ ރިވިއުކުރަން ހުށަހަޅަން ނިންމުމުން ސާފުވެގެންދިޔައީ މިނިވަންކަމާއެކު އޭޖީގެ މަސްއޫލިއްޔަތު އަދާކުރެވޭނެފަދަ މާހައުލެއް ނެތްކަން ހާމަވާ ކަމެއް ކަމަށެވެ.
https://twitter.com/AhmedHailam/status/1219952092967657472
އުތުރު ޕްރޮޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް އެމްޑީޕީގެ ވެރިކަމުގައި 2011 ވަނަ އަހަރު ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގައި ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް މިއަހަރު ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ. ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމަށް ލަފާ ދިނުމަށް އުފައްދާފައި އޮންނަ ސެޓްލްމަންޓް ކޮމެޓީން ވަނީ އެ ހުކުމާ ގުޅިގެން ދީބާޖާއާ އެކު މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 174 މިލިއަން އެ ކުންފުންޏަށް ދޭން ނިންމެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ދީބާޖާއަށް ބަދަލުގެ ގޮތުގައި 348 މިލިއަން ދައްކަން ސިވިލް ކޯޓުން ކުރިން ކުރި ހުކުމް ހައި ކޯޓުން މިދިޔަ އަހަރު ބާތިލްކުރި އެވެ. އެކަމަކު ހައި ކޯޓުން އެ މައްސަލަ ބަލައިގެންފައި އޮތީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން ކަމަށްވާތީ ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ އެ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައިފަ އެވެ.

