މާލޭގެ ރައްޔިތުންނަށް ޓަކައި، ގިނަ ހިދުމަތްތަކެއް ކޮށްދީ، މާލެއަކީ ހަމަޖެހިލައިގެން އުޅެވޭނެ ތަނަކަށް ހަދައިދިނުމަކީ އަބަދުވެސް ”ޑްރީމް ޖޮބް“ ކަމަށް މާލޭގެ މޭޔަރުކަން އެންމެ ފުރަތަމަ ކުރެއްވި ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ޚަބަރަށް ފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާދަމް މަނިކު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ އޭނާގެ ”ޑްރީމް ޖޮބް“ ކަމަށާއި ރައްޔިތުން އެ މަޤާމު ޙަވާލުކޮށްފި ނަމަ މާލޭ ރައްޔިތުންގެ ”ޑްރީމް މާލެ“ ދައްކާލަ ދެއްވާނެ ކަމަށެވެ.
މާލޭ މުނިސިޕަލްޓީގެ ރައީސްކަން ވެސް ކުރެއްވުމަށް ފަހު، ދެހާސް އެގާރަ ވަނަ އަހަރު މޭޔަރު ކަމަށް ވަޑައިގެންނެވި އާދަމް މަނިކު ވިދާޅުވީ ފުރަތަމަ ފަހަރު މާލޭ ސިޓީގެ މޭޔަރ ކަމުގެ މަޤާމުގައި ކުރެވުނީ ހިތި ތަޖުރިބާ އެއް ކަމަށެވެ.
އާދަމް މަނިކު ވިދާޅުވި ގޮތުގައި މިދިޔަ 10 އަހަރުގެ ތެރޭގައި މާލެއަށް ވަރަށް ގިނަ ކަންތައްތަކެއް އޭނާވަނީ ކޮށްދެއްވާފައެވެ. އެގޮތުން، މާލޭގެ މޭޔަރުކަން ކުރެއްވި ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވެސް މާލޭގެ ބޯހިޔާވަހިކަމާއި ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވުނުކަން ފާހަގަ ކުރެއްވިއެވެ.
”ޙަޤީގަތު މިވަގުތުވެސް އަޅުގަނޑު މިދަނީ އަޅުގަނޑުގެ ރަށެއް ހަދަމުން، އަޅުގަނޑުގެ ކަންތައްތައް އަޅުގަނޑު ކުރަނީ އެތަނެއް ހުރެގެން އަޅުގަނޑުގެ ބެލުމުގެ ދަށުން، މޭޔަރު ކަމަށް ދިޔައިމަ ވަރަށް ދަތިވާނެ، ކުރިން ފަހަރުވެސް ވީ އެހެން، އެކަމަކު އަޅުގަނޑު އަތުގައި އެބަހުރި ކައިގެން ބޮއިގެން އުޅޭނެ ވަރު، ދެން އިތުރު އެއްޗެއް ނުލިބުނަސް އަޅުގަނޑުގެ ދަރަންޏެއް އެބަ އޮތް މިގައުމަށް“ އާދަމް މަނިކު ވިދާޅުވިއެވެ.
އާދަމް މަނިކު ވިދާޅުވީ ކުރިން މޭޔަރަކަށް ހުންނެވިއިރު، ކަންކަންހުރީ އެންމެ ކަމުދާ ގޮތަކަށް ނޫން ކަމަށެވެ. މާލެ ސިޓީ މޭޔަރު ކަމުން އޭރު އިސްތިއުފާ ދެއްވީ، އޭރު ކައުންސިލު ތެރޭގައި އޮތް ކޮރަޕްޝަނާއި އެނޫންވެސް ކަންކަމާއި ހުރެ ކަމަށްވެސް އާދަމް މަނިކު ވިދާޅުވިއެވެ.
ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އާދަމް މަނިކަކީ މާލެ ސިޓީގެ ތަރައްގީއަށް ބޮޑެތި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އޭނާ ވިދާޅުވި ގޮތުގައި މާލެ އަށް ބަދަލުތަކެއް ގެނައުމުގެ ތަޖުރިބާ އާއި އަޒުމް އޭނާގެ ގައިގައި އެބަހުއްޓެވެ.
މާލޭ މުނިސިޕަލްޓީގެ ރައީސްކަން ވެސް ކުރެއްވި އާދަމް މަނިކު މާލޭގެ މޭޔަރު ކަމަށް 2011 އަހަރު ވަޑައިގެންނެވިތާ ފަސް ވަރަކަށް މަސް ފަހުން އިސްތިއުފާ ދެއްވިއެވެ. ނަމަވެސް ދައުރު ހަމަވުމާ ހަމައަށް ސިޓީ ކައުންސިލްގެ މެމްބަރުކަން އާދަމް މަނިކު ކުރެއްވި އެވެ.

