ކޯޓްތަކަކީ ކަންބޮޑުވުން ހައްލުކުރާ ތަނެއް ނޫން ކަމަށާއި، ހުކުމެއް ރިވިއު ނުވަތަ މުރާޖަޢާ ކުރަން ހުށަހަޅަން ޖެހޭނީ ޤާނޫނީ އަސާސެއްގެ މައްޗަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހަން ފަހުމީ ވިދާޅުވެއްޖެއެވެ.
ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުދޭން ކޮށްފައިވާ ހުކުމް ރިވިއުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ދައުލަތުން ނިންމިޔަސް، އެ ހުކުމް ތަންފީޒުކުރުން މަޑުޖައްސައިލެވޭނީ އެކަން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ކަމަށް ސިވިލް ކޯޓުން ވަނީ ނިންމާފައެވެ. އަދި މައްސަލަ ބޮޑުވެފައިވާ ދީބާޖާ ހުކުމް ރިވިއު ކުރަން ބަންޑާރަ ނައިބު އޮފީހުގެ ފަރާތުން ސުޕްރީމް ކޯޓަށް މިއަދުގެ ވަގުތެއްގައި ވަނީ ހުށަހަޅާފައެވެ. މި މައްސަލައާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާ އަލްހާން ވިދާޅުވީ މިފަދަ ނިންމުންތަކަކީ ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެގެން، ނުވަތަ މަޖްލިސްއިން އަންގައިގެން ކުރާ ކަމެއް ނޫން ކަމަށެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް 2011 ވަނަ އަހަރު ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގައި އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކުރި ހުކުމް މިދިޔަ އަހަރު ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ. އެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާތީ ދީބާޖާ އިން އޮތީ އެ ހުކުމް ތަންފީޒުކުރަން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓާއި ހަމައަށް މިހާރު ވަނީ ގޮސްފައެވެ.
މައްސަލައިގައި ސިވިލް ކޯޓުގައި ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ ފައިސާ ދެއްކުމަށް ކުރި ހުކުމް ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށާއި އެހެންވެ، އެ މައްސަލަ އަށް ފުރުސަތު ދިނުމަށްޓަކައި ހުކުމް ތަންފީޒު މައްސަލަ މަޑުޖައްސައިލަން އެދޭ ކަމަށެވެ. އަދި އެގޮތަށް މިއަދު ސިޓީއަންކު ވެސް ކޯޓުގައި އެދިފައިވާނެ ކަމަށް ދައުލަތުން ބުންޏެވެ.
ދީބާޖާގެ މައްސަލަ ރިވިއުކުރަން ހުށަހަޅާނެ ކަމަށް ސަރުކާރުން ބުނިއިރު، ކުރިން ބަންޑާރަ ނައިބު މަޖިލީހުގައި ވިދާޅުވެފައިވަނީ އެ ނިންމުން ރިވިއުކުރަން ހުށަހެޅޭނެ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.
ނަމަވެސް އޭޖީ އޮފީހުން މިއަދު ބުނީ ސުޕްރީމް ކޯޓުގެ ނިންމުން ރިވިއުކުރަން ހުށަހަޅަނީ އެކަމުގައި އާންމުންގެ ކަންބޮޑުވުން އޮތް ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވާތީ އާންމު މަސްލަހަތަށް ރިއާޔަތްކޮށް ކަމަށެވެ. ސަރުކާރުން ވަނީ ކޯޓުން ބޭރުގައި ދީބާޖާއެކު އެއްބަސްވުމަކަށް އައިސް، ބަދަލުގެ ގޮތުގައި 174 މިލިއަން ދޭން ކުރިން އެއްބަސްވެފަ އެވެ. އެކަމަކު މިހާތަނަށް އެއްވެސް ފައިސާއެއް ސަރުކާރުން ނުދެ އެވެ. ދީބާޖާ އަށް ބަދަލުދޭން ސިވިލް ކޯޓުން ކުރި ހުކުމް 2018 ވަނަ އަހަރު ހައި ކޯޓުން ބާތިލްކުރި އެވެ. އެކަމަކު ހައި ކޯޓަށް މައްސަލަ ބަލައިގެންފައި އޮތީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން ކަމަށްވާތީ ސުޕްރީމް ކޯޓުން މިދިޔަ އަހަރު ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، ދީބާޖާއަށް ބަދަލުދޭން ކުރި ހުކުމް ދަމަހައްޓައިފަ އެވެ.
އަލްހާން ކުރައްވާފައިވާ ޓްވީޓުތަކެއްގައި ވިދާޅުވީ، މައްސަލަ ރިވިއު ކުރަނީ އާއްމުންގެ ކަންބޮޑުވުންތައް ހުރުމުން ކަމަށް ވިދާޅުވާއިރު، އެ ކަންބޮޑުވުންތައް ދެނެގަންނަ މިންގަނޑުތަކަކީ ކޮބައި ތޯ ސުވާލު ކުރައްވާފައެވެ.
https://twitter.com/AlhanFahmy/status/1219951569291972608
މަޖިލީހުގެ ކޮމިޓީގައި ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، ދީބާޖާ އަށް ބަދަލު ދޭން ސަރުކާރުން ނިންމުމުން އެކަމުގައި އަޑި ނޭނގޭ ކަންތައްތަކެއް ހިންގާފައިވާ ކަމަށް މާލިއްޔަތު ކޮމިޓީގެ ގިނަ މެމްބަރުން ތުހުމަތު ކުރައްވައި އެ ކޮމިޓީގެ ބައްދަލުވުމަކަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ހާޒިރުކޮށް، ގިނަ ސުވާލުތަކެއް އޭނާ އަށް ވަނީ ކުރިމަތި ކުރުވި އެވެ.
އެ ބައްދަލުވުމުގައި، ރިފްއަތު ވިދާޅުވެފައިވަނީ ދީބާޖާއަށް ބަދަލުދޭންޖެހޭކަމަށް ގަބޫލު ކުރައްވާކަމަށާއި، އެ މައްސަލަ ސުޕްރީމް ކޯޓުގައި މުރާޖައާކޮށްގެން ސަރުކާރަށް ކާމިޔާބުވާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ދީބާޖާއަށް 348 މިލިއަން ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން މިދިޔަ އަހަރު ބާތިލް ކުރި އެވެ. އެކަމަކު ދީބާޖާއިން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަހަރު ނިންމީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން ހައި ކޯޓުން އެ މައްސަލަ ބަލައިގަތީ ގާނޫނާ ޚިލާފަށް ކަމަށާއި އެހެންވެ، ހައި ކޯޓުގެ ހުކުމް ބާތިލްކޮށް އަދި ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރި އެވެ.

