ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު އެމްއެންޑީއެގްފައި މަސައްކަތް ކުރާ މުވައްޒަފަކު ޖިނާއީ ކުށެއް ކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެމްއެންޑީއެފްއިން މިހެން ބުނެފައި މިވަނީ އެމްއެންޑީއެފްގެ އޮފިސަރަކު ޅ، ނައިފަރުގެ އެންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ މީސްމީޑިއާގައި ފަތުރެމުންދާ ޕޯސްޓަކާއި ގުޅިގެން މީޑިއާއަކުން ކުރި ސުވާލަކަށް ޖަވާބް ދެއްވަމުންނެވެ.
އެގޮތުން އެމްއެންޑީއެފްގެ ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ޖިނާއީ މައްސަލަތައް ބަލަނީ ފުލުހުންގެ އިދާރާއިން ކަމަށާއި، އަދި ގައުމީ ދިފާއީ ބާރުގެ އޮފިސަރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެކަން ދައުލަތުގެ ކަމާއި ބެހޭ މުއަްސަސާއަކުން ގައުމީ ދިފާއީ ބާރަށް އަންގައިފިނަމަ އެ ޖިނާއީ ކުށެއް ސާބިތުވި އޮފިސަރަކާ މެދު އަޅަން ޖެހޭ ފިޔަވަޅު ގައުމީ ދިފާއީ ބާރުން އަޅާނެ ކަމަށް މޭޖާ އާޒިމް ވިދާޅުވިއެވެ.
މޭޖާ އާޒިމް މިފަދައިން ވިދާޅުވެފައިވާއިރު ގއ، ކަނޑުހުޅުދޫގައި ދެ އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓސް އެންޑް ޖެންޑާ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ސިފައިންގެ ދެ އޮފިސަރަކު15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެ މައްސަލަ ކުރިއަށް ނުދާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާގެ އެ ވާހަކަތަކާއި ގުޅިގެން އެމްއެންޑީއެފްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެފަދަ ކަމެއް ހިނގާފައިވާ ކަމުގެ މައުލޫމާތު އެއްވެސް ފަރާތަކުން އެ މުއައްސަސާއާ ހިއްސާ ކޮށްފައި ނުވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އެ ވާހަކަ ދެއްކެވި މެންބަރު ރޮޒައިނާ ވެސް އަދި އެކަމާ ގުޅިގެން ފުލުހުންނާ ގުޅުމުން، 15 އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރި ކަން ނުވަތަ އެކަން ކުރި މީހަކު ނުވަތަ ބަޔަކު ބުނެ ނުދެވުނު ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ސިފައިންގެ މީހެއްގެ ފަރާތުން އެފަދަ ދަށު ދަރަޖައިގެ ލާއިންސާނީ އަމަލެއް ހިނގާފައިވާ ކަމުގެ މައުލޫމާތެއް އެއްވެސް ފަރާތަކުން ހިއްސާ ކޮށްފި ނަމަ އެ މައްސަލައެއް ވަގުތުން ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެ މުއައްސަސާއިން ކުރިއަށް އޮތް ތާވެސް އަމަލު ކުރަމުން ގެންދާނީ އެގޮތަށް ކަމަށެވެ.
އެމްއެންޑީއެފްގެ ބަޔާނާއި ގުޅިގެން ރޮޒައިނާ ވިދާޅުވީ އެމްއެންޑީއެފްގެ ދެ އޮފިސަރަކު15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަން ފުލުހުންނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި އަދި އެ މައުލޫމާތު ފުލުހުންގެ އިދާރާގައި ހުންނާނެ ކަމަށެވެ. އެހެން ކަމުން އެ މައުލޫމާތު އެމްއެންޑީއެފްއާ ހިއްސާ ކޮށްދެއްވުމަށް އެދޭ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

