14 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށް، ބިރު ދެއްކި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް، ރޭޕްކުރުމާއި އަދި ބިރު ދެއްކި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވަނީ މިއަދުއެވެ. އެ މައްސަލައާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށް ފުލުހުން ބުނެފައިވަނީ، ކުއްޖާ ރޭޕް ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އޭނާއާއި ގުޅޭގޮތުން އިތުރަށް ސުވާލު ކުރުމުން ފުލުހުން ބުނެފައިވަނީ އެ މީހާ ހައްޔަރުކޮށްފައިވަނީ މާލެއިން ކަމަށާއި، އެއީ މިއަދު އިރުއޮއްސުނުހާއިރު ކަމަށެެވެ.
ފުލުހުން ވަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށް ބުނެފައެވެ.
މިދިޔަ ހަފްތާގެ ކުރީކޮޅު އުމުރުން ދެ އަހަރުވެސް ނުވާ ކުއްޖަކަށް ޖިންސީ ގޯނާކޮށް އެ ކުއްޖާ ރޭޕް ކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެއަށްފަހު މިވީ ހަފްތާއެއް ހާ ދުވަހުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ އެތައް މައްސަލައެއްގެ އިތުރުން މީގެ ކުރިން ތަހުގީގު ނުކޮށް ދޫކޮށްފައި ހުރި އެތައް މައްސަލައެއްގެ ތަހުގީގު ވަނީ އަލުން ފަށާފައެވެ. މި މައްސަލައިގައި ކުއްޖާގެ މުނި ކާފަ އާއި ކާފަ ހައްޔަރުކޮށްފައިވާއިރު އިހުމާލުގެ ތުހުމަތުކޮށް ކުއްޖާގެ ބައްޕަވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ. އަދި އެ ތިން މީހުންގެ ބަންދަށް ވެސް 15 ދުވަސް ވަނީ ޖަހާފައެވެ.

