ސަރުކާރުން އަލަށް ތަޢާރަފްކުރި ޓެކްސީ ލައިންގެ ޚިދުމަތާއެކު ރާއްޖޭގެ ޓެކްސީގެ ޚިދުމަތަށް އިންޤިލާބީ ބަދަލެއް އަންނާނެކަމަށާއި، މި ޚިދުމަތަކީ މާލެ ސަރަހައްދުގައި 24 ގަޑިއިރު މެދުނުކެނޑި ލިބޭނެ ޚިދުމަތެއްކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދުގައި ސަރުކާރުން ތަޢާރަފްކުރި ޓެކްސީ ލައިންގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަޢުދީ ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި އެކިއެކި ބައްދަލުވުންތަކުގައި ރައްޔިތުން ފާޅުކުރި އެންމެ ބޮޑު އެއް ކަންބޮޑުވުމަށް ލިބުނު ހައްލެއް ކަމަށެވެ. އަދި މި ޚިދުމަތުގެ ސަބަބުން މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
”މާލޭ ޓެކްސީ ލައިންގެ ޚިދުމަތާއެކު ޤައުމުގެ ޓެކްސީ ގެ ޚިދުމަތަށް އިންޤިލާބީ ބަދަލެއް އަންނާނެކަން އަޅުގަނޑު ޔަޤީންކުރަން،“ ސަޢުދީ ވިދާޅުވިއެވެ.
މީގެއިތުރުން، މި ޚިދުމަތަކީ ރައްޔިތުން ބަލައިގަންނަ އަދި އިތުބާރުކުރެވޭ ޚިދުމަތަކަށް ހެދުމަށް އެމްޓީސީސީގެ ހުރިހާ މުވައްޒަފުން ގުޅިގެން މަސައްކަތް ކޮށްދިނުމަށްވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
ސަރުކާރުގެ މި ޓެކްސީ ލައިނުގައި ބޭނުންކުރަނީ ސައްތަ އިން ސައްތަ ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެކެވެ. މި ޚިދުމަތުގައި ތިން ސައިޒެއްގެ އުޅަނދުތައް ހިމެނޭއިރު، މުޅި ޚިދުމަތް ބައްޓަންކޮށްފައިވަނީ ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތަށް 24 ގަޑިއިރު ޚިދުމަތް ލިބޭނެ އުސޫލުންނެވެ. މި މަޝްރޫޢަކީ މުޅި ޓެކްސީ ނިޒާމަށް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން ކުރާ މުހިންމު މަސައްކަތެކެވެ.
އެމްޓީސީސީގެ އެމްޑީ އިތުރަށް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުދި ބޮޑު ތަފާތުކުރުމެއް ނެތި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް މި ސަރުކާރުން ކުރިއަށްގެންދަވާ ކަމަށެވެ. އެގޮތުން އެމްޓީސީސީއާ ހަވާލުކޮށްގެން ރާއްޖޭގެ އެކި ރަށްރަށުގައި ގިނަ މަޝްރޫޢުތަކެއް މިހާރުވެސް ހިނގަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

