ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ހާއްސަ ކޮމެޓީއެއް އުފައްދައިގެން ކުރިއަށް ގެންދިޔަ އޮޑިޓަށް ފަހު ނެރުނު ރިޕޯޓްގައި ހުރި ހުރިހާ ކަންކަމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވި ކަމަށް ޖަލުތަކުގެ ވެރިޔާގެ މަޤާމުން މިދިޔަ ހަފްތާގައި ދުރުކުރި އަބްދުﷲ މުނާޒް ވިދާޅުވެއްޖެއެވެ.
”ޖަލު އޮޑިޓް ރިޕޯޓްގައިވާ ހުރިހާ ކަމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް މިނިސްޓަރ އިމްރާން ވިދާޅުވެ އެކަންކަން ބެލުމަށް އެކުލަވާލި ކޮމެޓީ 2019 ވަނަ އަހަރު ބަދަލުކުރި ދެ ފަހަރު. ޖަލު އޮޑިޓްގައިވާ ކަންކަން ހާސިލް ކުރުމަށް ކަރެކްޝަނަލް ސާވިސް (އެމްސީއެލް) އަށް ބަޖެޓް ދެއްވިންތޯ؟“ އިމްރާންގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ވެސް ޓެގް ކޮށްފައި މުނާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
https://twitter.com/a_munaaz/status/1220524623877591046
މުނާޒް މިދިޔަ ހަފްތާގައި މަގާމުން ދުރުކުރިއިރު އޭނާގެ މައްޗަށް އެންމެ ބޮޑަށް ކުރި ތުހުމަތަކީ ޖަލުތަކުގެ އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައި ހުރިކަންތައްތައް ރަނގަޅު ކުރަން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާކަމުގެ ތުހުމަތެވެ.
މުނާޒަށް ޖަލުތަކުގެ ވެރިޔާގެ މަގާމު ދިނީ ޤާނޫނަށް ބަދަލު ގެނެސް، އޭނާގެ ޝަރުތުތައް ޤާނޫނުގައި ހިމަނައިގެންނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް ކަން ކުރެއްވި ދުވަސްވަރު ވެސް މުނާޒް ހުންނެވީ އެ މަޤާމުގައެވެ.
މުނާޒް މަގާމުން ދުރުކުރުމަށް ފަހު އިމްރާން ވިދާޅުވެފައި ވަނީ ދެން ޖަލު އޮޑިޓް ރިޕޯޓްގައި ހުރި ކަންކަން ފަސޭހައިން ފުރިހަމަ ކުރެވޭނެ ކަމަށެވެ.

