މާދަމާ ބާއްވާ އިންތިޚާބުތަކުގައި ވޯޓުލުމުގެ ހުރިހާކަމެއްވެސް ހިނގާނީ، މިނިވަންކަމާ އިންޞާފުވެރިކަމާއެކުކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.
އީސީ އަދި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުމުގެ މުހިއްމު 3 ނިންމުމެއް ނިންމުމަށް ހޮނިހިރު ދުވަހު ނަގާ ވޯޓުތަކަކީ މުހިއްމު ވޯޓުތަކެއްކަމަށެވެ. އެގޮތުން ދައުލަތުގެ ހިންގުމުގެ ނިޒާމުތަކަށާއި އިންތިޒާމުތަކަށް ގެނެވޭ ބަދަލުތަކަކާއި، ރައްޔިތުންނާ ގުޅުންހުރި މުހިއްމު މަޤާމުތަކަށް މީހުން ޚިޔާރުކުރުމަށް ނަގާ ވޯޓުތަކެއްކަމުން އެއީ ރައްޔިތުންގެ ބަސް ކޮންމެހެން އިއްވަންޖެހޭ ނިންމުންތަކެއްކަމަށެވެ.
އެހެންކަމުން ހޮނިހިރު ދުވަހު ނަގާ ވޯޓަކީ ވޯޓުލުމުގެ ޙައްގު ލިބިފައިވާ ގިނަ ޢަދަދެއްގެ ބަޔަކު ނިކުމެ ރައްޔިތުންގެ ގޮތް ނިންމާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.
ޒާހިދު ވިދާޅުވީ، އިންތިޚާބުތަކުގެ ވޯޓުލުމުގެ ހުރިހާކަމެއްވެސް ކުރިއަށްދަނީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު ނުރަނގަޅު އެންމެހާ ނުފޫޒަށް ލެނބުމެއް ނެތިކަން ކަށަވަރުކުރުމަށް ކޮމިޝަނުންކުރަންޖެހޭ ހުރިހާކަމެއްވެސް ކޮށްފައިވާކަމަށެވެ. އެކަމުގައި ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރުގެ ވުޒާރާތަކާއި، ސިޔާސީ ޕާޓީތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކުން އަދި ރައްޔިތުންގެ ފަރާތުން މިހާތަނަށް ލިބިފައިވާ އެއްބާރުލުން ކޮމިޝަނުގެ ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

