ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ މުހިންމުކަމަކީ ކުޑަކުދީންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން: ނައިބް ރައީސް

ޅެންވެރިންގެ ދުވަސް ފާހަގަ ކުރުމަސް ބޭއްވި ހާއްސަ ޖަލްސާގެ ތެރެއިން ނައިބް ރައީސް ފައިސަލް ނަސީމް އިނާމް ދެއްވަނީ: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދީންނަކީ ޤައުމުގެ ކުރިމަގުކަމަށް ވިދާޅުވެ، އެ ކުދީންނަށް އެންމެ ފުރިހަމައަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދީ، ޤައުމަށް ފައިދާހުރި ޖީލަކާއި ރަނގަޅު ދަރީންތަކެއް ބިނާކޮށް ތަރުބިއްޔަތު ކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 31 ވަނަ ޅެންވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މ. އަތޮޅު ދިއްގަރުގައި ބޭއްވެވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ޅެމެއްގެ ބައިތަކަށް އިޝާރާތްކުރައްވާ ޅެންވެރީން ދެއްވާފައިވާ މުހިންމު ފިލާވަޅުތަކުން ޢިބުރަތް ލިބިގަނެ، ޅެންތައް މެދުވެރިކޮށް ޝާއިރުން ކުރައްވާފައިވާ އިލްތިމާސްތަކަށް އިޖާބަދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ގޮވާލެއްވިއެވެ.

ޅެންވެރީން ދިވެހި ޤައުމަށް ކޮށްދެއްވާފައިވާ، އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތަކަށް ތަޢުރީފު ކުރައްވާ، ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ޅެންވެރިކަމަކީ ޤައުމުގެ އަދަބިއްޔާތުގެ މުއްސަނދިކަން ރަމްޒުކޮށްދޭ ފަންނެއް އަދި ހެއްކެއްކަމަށެވެ. އަދި، ޅެންވެރީންގެ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖާއި، ދިވެހި ބަހުގެ އެކެޑަމީ އަދި ކަމާއިބެހޭ އެހެން އިދާރާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރާން ޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މި އަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަ ކުރުމުގައި ދިއްގަރުގެ ރައްޔިތުންގެ ފަރާތުން ފެނިގެންދިޔަ އަޚުވަންތަ ގުޅުމާއި، އެއްބައިވަންތަކަން ފާހަގަކުރައްވާ އެމަނިކުފާނުވަނީ، ދިއްގަރު ރައްޔިތުންގެ މި މިސާލުން ހިތްވަރު ލިބިގަތުމަށް ދިވެހި ހުރިހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ޅެންވެރީންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިއްގަރު ސްކޫލުގައި ބޭއްވެވި ޖަލްސާ ފެށިގެންދިޔައީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަނދާނީ ޝަރަފުގެ ހެކި ވެދުންކުރުމުންނެވެ. ހަނދާނާއި ޝަރަފުގެ ހެކި އެމަނިކުފާނަށް ވެދުންކުރީ ދިއްގަރު ސްކޫލުގެ ދަރިވަރުންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ ދިވެހި ޅެންވެރިކަމާއި އަދަބިއްޔާތަށް ޚިދުމަތް ކުރައްވަމުންގެންދަވާ ނިޝާން ޢިއްޒުންދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުސައިން ކޮށްދެއްވާފައިވާ ޚިދުމަތްތައް ފާހަގަކުރައްވާ، އެމަނިކުފާނަށް ޚާއްޞަ ހަނދާނީފިލައެއް އަރުވާފައެވެ. ނ.ޢ.ޢ.ވ. ޢަބްދުއްރަޝީދު ޙުސައިނަކީ ދިވެހި ބަހާއި އަދަބަށް އިޚުލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ، އަދި ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ، އަދި މިހާރުވެސް އެ މަސައްކަތުގައި ދެމިހުންނެވި ބޭފުޅެކެވެ. މި އަހަރުގެ ޅެންވެރީންގެ ދުވަސް ތަޚުޞީސް ކުރައްވާފައިވަނީ އެމަނިކުފާނަށެވެ.

ނ.ޢ.ޢ.ވ. ޢަބްދުއްރަޝީދު ޙުސައިނުގެ ބައެއް މަސައްކަތްޕުޅަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ، އެމަނިކުފާނު ކުރައްވާފައިވާ ބައެއް މަސައްކަތްޕުޅުތަކަކީ ދިވެހީން ފިލާވަޅު ލިބިގަންނާން ޖެހޭ، އަދި ވަކީން ޚާއްޞަކޮށް ދަރިވަރުންނަށް މުހިންމު، ދަރިވަރުން އިސްކަންދޭންޖެހޭ، އެ ފިލާވަޅުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިފިނަމަ އުޖާލާ މުސްތަޤުބަލެއް ބިނާކުރުމަށް އެހީތެރިވެދޭނެ އަގުހުރި އެއްޗެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މީގެ އިތުރުން، ޅެންވެރީންގެ ދުވަހެއް ފާހަގަކުރުމުގެ މުހިންމުކަމާއިމެދު ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ ދިވެހިރާއްޖޭގެ ޅެންވެރީންގެ ގުލްޒާރުގައި ހިމެނޭ ފާހަގަކޮށްލެވޭ ބައެއް ޚިދުމަތްތެރި ޅެންވެރީންނާއި، ޝާއިރުންނާއި، އަދީބުންނާއި، އުސްތާޛުންގެ ނަންތައް ފާހަގަކުރައްވާ، އެ ބޭފުޅުން ދޫކުރައްވާފައިވާ ހަދިޔާތަކުގެ އަގު ވަޒަންކޮށް، އެ ބޭފުޅުންގެ ޒިކުރާ އައު ކުރާން ޖެހޭކަމަށް ވިދާޅުވެފައެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ “ޢިއްޒަގެ ޅެންފޮތް” ގެ ނަމުގައި ޝާއިޢުކޮށްފައިވާ “މަލަސް” ގެ 103 ވަނަ ޢަދަދު ރަސްމީކޮށް ނެރެދެއްވާފައެވެ. ޅެންވެރީންގެ ދުވަހުގެ ގޮތުގައި ޚާއްޞަ ދުވަހެއް ފާހަގަކުރައްވާން ސަރުކާރުން ފައްޓަވާފައިވަނީ 1989 ވަނަ އަހަރުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: