ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަށް އަސާސީ ޙައްގެއް ނުލިބޭ، ހުންނެވީ ހިކި އަނަރޫފަވެފައި: އަދުރޭ

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ-- ފޮޓޯ:- ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޖަލުގައި ބައެއް އަސާސީ ހައްގުތައް ނުލިބޭ ކަމަށާއި އެމަނިކުފާނު ހުންނެވީ ވަރަށް ހިކި އަނަރޫފަވެފައި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ހއ. ބާރަށުގައި ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ ޔާމީން ޖަލުގައި ހުންނެވީ ވަރަށް ހާލުގައި ކަމަށެވެ. އަދި ޔާމީން ހުންނެވީ ޖަލު މީހެއްގެ ހާލުގައި ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވި ގޮތުގައި، ޖަލުގައި ކޮންމެ ދުވަހަކު ޔާމީނަށް ދަނީ ނުހައްގުން އަނިޔާ ދެމުންދެއެވެ. އަދި ޖަލަށް ވަޑައިގެން ޔާމީނާ ބައްދަލުވުމުން އެމަނިކުފާނު ހުންނެވި ހާލު ފެނިވަޑައިގެން ދެރަވި ކަމަށް އަދުރޭ ވިދާޅުވިއެވެ.

ޖަލުގައި ހުންނަވާއިރު، ތުބުޅި ބާލާނެ ގޮތެއްވެސް ނެތް ކަމަށާއި ކާން ގެންނަނީވެސް ރަނގަޅަށް ރޯނުފިލާ ހުންނަ އެއްޗެހި ކަމަށް ޔާމީން ވިދާޅުވި ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވި ގޮތުގައި ސާޅީސް ފަސް ދުވަސް ވެގެން ދިޔައިރު އެކައްޗެއް ކާންދޭން ވާހަކައަކާއި ނިދަން ފަސޭހަ ނޫން ވާހަކަ ޔާމީން ވިދާޅުވުމުން ރޮވުނު ކަމަށް އަދުރޭ ވިދާޅުވިއެވެ.

“ކާން ގެންނަ އެއްޗެހި ރޮލެއް ނުފިލުވައޭ، ސާޅީސް ފަސް ދުވަސް ވެގެން ދިޔައިރު ކާން ދެނީ އެކައްޗެކޭ، ނިދާކަށް ފަސޭހައެއް ނޫނޭ، ގަސްތުގައި އަޑުގަދަ ކުރަނިއްޔޭ، މޫނު މައްޗަށް ބަލާލީމައި މުޅި މޫނުމަތީގައި އޮތީ ބިހި ނަގާފައި، ކީއްވެގެންތޯ އޮޅުން ފިލުވާލިއިރު ތުނބުޅި ބާލަން ޖެހެނީ ޖަލު މީހުން ތުނބުޅިބާލާ ރޭޒަރުން”

އަދުރޭ ވިދާޅުވީ އެ ވާހަކަ އަޑުއަހާކަށް ކެތެއްނުވި ކަމަށާއި އެވާހަކަތައް އިވުމުން ރޮވުނު ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި ރައީސްކަން ކުރެއްވި ބޭފުޅުން ޖަލުގައި ތިއްބެވީ ވަރަށް އަރާމުގައި ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވި ގޮތުގައި ބައެއް ރައީސުންނަށް އެހީތެރިވުމަށް އަނބިކަނބަލުންނަށް ޖަލަށް ވަޑައިގަތުމުގެ ހުއްދަ ވެސް އޭރު ދެއްވިއެވެ. އަދުރޭ އިޝާރާތް ކުރެއްވީ ރައީސް މައުމޫން ޖަލުގައި އޮންނެވި އިރު އެމަނިކުފާނުގެ އަނބިކަބަލުން ނަސްރީނާ ޖަލަށް ވަޑައިގެންނެވި ވާހަކަ އަށެވެ.

ގޮޅީގައި އޮންނެވި ނަމަވެސް ޔާމީން އޮންނެވީ ވަރަށް ސާބިތު ކަމާ އެކުގައި ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ކަންބޮޑުވެ ވަޑައިގަންނަވަނީ ރާއްޖޭގެ ހާލަތާ މެދުގައި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

“އަޅުގަނޑުމެންގެ މިނިވަންކަން ގެއްލިގެންދާނެ ކަމުގެ ބިރު އެމަނިކުފާންގެ ހިތްޕުޅުގައި ވަރަށް ބޮޑަށް އެބައޮތް. މާތްވެގެންވާ އިސްލާމް ދީން ފިޔަވާ އެހެން ދީންތަކަށް ޖާގަ ދީފާނެތީ އެމަނިކުފާން ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާ”

ރައީސް ޔާމީން ހިކިއަނަރޫފަވެ، ވަރަށް ހާލުގައި ޖަލުގައި އުޅުއްވަމުން ގެންދަވާ ކަމަށް އަދުރޭ ވިދާޅުވި ނަމަވެސް ކަރެކްޝަންސް އެވާހަކަތައް ދޮގު ކުރެއެވެ.

ކަރެކްޝަނުން ބުނެފައިވަނީ ރައީސް ޔާމީނަށް ފޯރުކޮށްދޭންޖެހޭ ހުރިހާ ހިދުމަތްތަކެއް ދެމުން ގެންދާ ކަމަށެވެ. އެގޮތުން ކަސްރަތު ކުރެވޭނެ ގޮތާއި، ފަރިއްކުޅުވަން ބޭނުންވާ ތަކެތީގެ މެނޫއެއް އޮންނާނެ ކަމަށް ކަރެކްޝަނުން ބުނެއެވެ.

ކުރީގެ ރައީސުންނަށް ލިބިދޭ ޚާއްސަ ހިދްމަތްތައް އެއްވެސް އުނިކަމެއްނެތި ރައީސް ޔާމީނަށް ލިބޭނެ ކަމަށާއި އަދި އެމަނިކުފާނު ބޭނުންވާ އެއްޗެހި އާއިލާ އިން ފޯރުކޮށްދެއްމުންދާ ކަމަށްވެސް ކަރެކްޝަނުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: