ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

26 ގެ ނިންމުން: ކައުންސިލްތަކުގެ އިސް ގޮނޑިތައް ކާމިޔާބު ކުރުމުގައި ޕީއެންސީއާއި އެމްޑީޕީ އެއްވަރު!

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ނަތީޖާއަކީ ދިވެހި ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް ގެނުވި ނިންމުމެކެވެ.

އޭޕްރިލް 4 ވަނަ ދުވަހު ބޭއްވި މި އިންތިހާބުގެ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި، ރާއްޖޭގެ ބޮޑު ދެ ޕާޓީ ކަމަށްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ވަނީ ކައުންސިލްތަކުގެ އިސް ގޮނޑިތައް ކާމިޔާބު ކުރުމުގައި އެއްވަރުވެފައެވެ.

އިންތިހާބުގެ ތަފާސްހިސާބުތަކާއި ފާހަގަކޮށްލެވޭ ބަދަލުތައް

މިފަހަރުގެ އިންތިހާބަކީ ރާއްޖޭގެ ތާރީހުގައިވެސް ލޯކަލް ކައުންސިލް އިންތިހާބެއްގައި އެންމެ ގިނަ އަދަދަކަށް މީހުން ވޯޓުލީ އިންތިހާބެވެ. ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 294,876 މީހުންގެ ތެރެއިން 212,371 މީހުން ވަނީ ވޯޓުލާފައެވެ. މިއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 72 އިންސައްތައެވެ. މީގެ ކުރިން 2020 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ވޯޓުލާފައިވަނީ 69 އިންސައްތަ މީހުން ކަމަށްވާއިރު، މިފަހަރުގެ އިންތިހާބުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

އިންތިހާބީ ދާއިރާތަކަށް ބަލާއިރު، ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމާ ގުޅިގެން، ޖުމްލަ ދާއިރާތަކުގެ އަދަދު ވަނީ 224 އަށް ބަދަލުވެފައެވެ. މި ދާއިރާތަކުން ޖުމްލަ 675 މަގާމަކަށް މީހުން އިންތިހާބުކޮށްފައިވެއެވެ. މީގެ ތެރޭގައި 5 މޭޔަރުންނާއި، 177 ރަށު ކައުންސިލް ރައީސުން ހިމެނެއެވެ.

ސިޓީ ކައުންސިލްތަކުގެ ނަތީޖާ: އެމްޑީޕީގެ ބޮޑު ކާމިޔާބީއެއް

ސިޓީ ކައުންސިލްތަކުގެ ނަތީޖާއަށް ބަލާއިރު، ފަސް ސިޓީގެ މޭޔަރުކަންވެސް ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. މި ފަސް ބޭފުޅުންނަކީވެސް މީގެ ކުރިން އެ މަގާމުތައް ފުރުއްވަމުން ގެންދެވި ބޭފުޅުންނެވެ.  ސިޓީތަކުގެ ކައުންސިލް ގޮނޑިތަކަށް ބަލާއިރު އެމްޑީޕީއަށް މެޖޯރިޓީ ލިބުނުއިރު ޕީއެންސީން ސިޓީއަކުން ގޮނޑިތައއެއް ނުވަތަ ގޮނޑިތަކެއް ވަނީ  ކާމިޔާބުކޮށްފައެވެ. މާލެ ސިޓީން އެމްޑީޕީ 16 ގޮނޑި ހޯދިއިރު ޕީއެންސީން ވަނީ 1 ގޮނޑި ހޯދާފައެވެ. ހަމައެފަދައިން އައްޑޫ، ފުވައްމުލައް، އަދި ކުޅުދުއްފުށި ސިޓީންވެސް ޕީއެންސީން ވަނީ ގޮނޑިތައް ކާމިޔާބުކޮށްފައެވެ.  ތިނަދޫ ސިޓީން ޕީއެންސީން ވަނީ 2 ގޮނޑި ކާމިޔާބުކޮށްފައެވެ.

ރަށު ކައުންސިލްތަކާއި އިސް ގޮނޑިތަކުގެ ހަމަހަމަކަން

ރަށު ކައުންސިލްތަކުގެ ރައީސުންގެ ގޮނޑިތަކަށް ބަލާއިރު، ޕީއެންސީން ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. ޕީއެންސީން 78 ރަށެއްގެ ރައީސްކަން ކާމިޔާބުކުރިއިރު، އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ 73 ރަށެއްގެ ރައީސްކަމެވެ. މީގެ އިތުރުން މިނިވަން ކެންޑިޑޭޓުން ވަނީ 22 ރަށެއްގެ ރައީސްކަން ހޯދާފައެވެ.

ނަމަވެސް، މުޅި އިންތިހާބުގެ ”އިސް ގޮނޑިތައް“ ނުވަތަ ކައުންސިލްތަކުގެ އެންމެ މަތީ ވެރިންގެ ގޮނޑިތަކަށް ބަލާއިރު ދެ ޕާޓީ ވަނީ އެއްވަރުވެފައެވެ. އެމްޑީޕީއަށް ލިބުނު 5 މޭޔަރުންގެ ގޮނޑިއާއި 73 ރަށު ރައީސުންގެ ގޮނޑި އެއްކޮށްލުމުން ޖުމްލަ އަދަދަކީ 78 އެވެ. މިއީ ޕީއެންސީން ކާމިޔާބުކުރި 78 ރަށު ރައީސުންގެ ގޮނޑިއާ އެއްވަރު އަދަދެކެވެ.

މި އިންތިހާބުގެ ނަތީޖާއިން ހާމަވެގެންދަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ދެ ޕާޓީގެ މެދުގައި އޮތް ވާދަވެރިކަން ބޮޑުވެފައިވާ މިންވަރެވެ. ސިޓީތަކުގެ މޭޔަރުކަން އެމްޑީޕީން ދެމެހެއްޓި ނަމަވެސް، ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންގެ ގޮނޑިތަކުން ޕީއެންސީން ލިބުނު ކުޑަ ކާމިޔާބީއަކީ މި ބޮޑު އިންތިހާބުން ސިޓީތަކުން ލިބުނު ބޮޑު ނާކާމިޔާބީގައި ހިތްވަރުކޮށް ކުރިއަށް ދާން ލިބުނު ހިތްވަރެކެވެ. ޖުމްލަ ގޮތެއްގައި އިސް މަގާމުތަކުން ދެ ޕާޓީ އެއްވަރުވުމަކީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސިޔާސީ ހަރަކާތްތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމުގެ ނިޝާނެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: