ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙް މިއަދު އެ މަޤާމުން ވަކިކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނެފައިވަނީ، ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގެ އިތުރުން އެ ކުންފުނީގެ ބޯޑު މެންބަރުކަމުގެ މަޤާމުން ވެސް ހ. ޔެލޯރޯޒް 2، މުޙައްމަދު ނަޖާޙް މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ މަޤާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.
ނަޖާޙް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ 23 ޑިސެމްބަރު 2024 ގައެވެ. އޭނާ އެ މަޤާމަށް އައްޔަން ކުރެއްވީ ކުރިން އެ މަޤާމުގައި ހުންނެވި މުޙައްމަދު ރަޝީދު މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ނަޖާޙް ފެނަކައިގެ އިސްވެރިޔާގެ މަޤާމުގައި ހުންނެވި ދުވަސްވަރު، އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ބޮޑުވެ، ކުންފުންޏަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން މިހާރު ވަނީ ޚާއްޞަ މަޝްރޫޢެއް ވެސް ފަށާފައެވެ.
މުޙައްމަދު ނަޖާޙަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި 21 އަހަރު ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ލޮޖިސްޓިކްސް މެނޭޖުމަންޓުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.

