މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ މިފްކޯއިން ވިއްކާ މަސްދަޅުގެ އަގަށް ބަދަލު ގެނެސްފިއެވެ.
މިކަމާއި ގުޅިގެން މިއަދު މިފްކޯއިން ނެރުނު ބަޔާނުގައި ވިދާޅުވީ، މި ބަދަލު ގެންނަން ޖެހުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ޚަރަދު މައްޗަށް ދިއުމާ ގުޅިގެން ކަމަށެވެ.
މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި މާރިޗު މަހުގެ ކުރިން 11.57ރ. އަށް ލީޓަރެއް ލިބެމުން ދިޔަ ތެޔޮ މިހާރު މިފްކޯއަށް ލިބެނީ 14.32ރ. އަށް އަގުބޮޑުކޮށް ކަމަށެވެ. އަދި މިއަދުން ފެށިގެން ގެނައި މި ބަދަލާއެކު، ތެޔޮ މަސްދަޅެއް ވިއްކުމަށް ހަމަޖެހިފައިވަނީ 18 ރުފިޔާ 50 ލާރިއަށް ކަމަށެވެ.
މިއީ ކުރީގެ އަގުން އެންމެ ރުފިޔާއެއްގެ ބޮޑުވުމެކެވެ. ކުރިން މަސްދަޅު ވިއްކަމުން އައިސްފައިވަނީ، 17 ރުފިޔާ 50 ލާރި އަށެވެ. މި ބަދަލާއެކު، ތެޔޮ މަސްދަޅު ކޭހެއް ވިއްކުމަށް ހަމަޖެހިފައިވަނީ 800ރ. އަށް ކަމަށް މިފްކޯއިން މައުލޫމާތުދެއްވައެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މުޅި ދުނިޔޭގެ އިޤްތިޞާދަށް އަންނަ ހީނަރުކަމާއެކު ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން މިފްކޯގެ މަސައްކަތްތަކަށް ބޭނުންވާ ތެލުގެ ޚަރަދު ބޮޑުވެފައިވީ ނަމަވެސް ކުންފުނިން ފިޔަވަޅުތައް އަޅަމުން ދާނީ ރައްޔިތުންނަށް އޭގެ އަސަރު އެންމެ ކުޑަވާނެ ގޮތަކަށް ކަމަަށްވެސް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.

