ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި އޮވެ މަސައްކަތް ކޮށްގެން ލިބުނު ކާމިޔާބީއެއް: ފައްޔާޒް

އެމްޑީޕީގެ ޖަލްސާގައި ފައްޔާޒު ވާހަކަދައްކަވަނީ. ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލް އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ލިބުނު ބޮޑު ކާމިޔާބީއަކީ، ޕާޓީގެ މެންބަރުން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ނަތީޖާކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާއާ ދިމާކޮށް ފައްޔާޒް މި ޝުއޫރުތައް ފާޅުކުރެއްވި އިރު، އެ ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތު ނުދޭން ނިންމުމާ ގުޅިގެން ރައީސް މުހައްމަދު ނަޝީދު ވަނީ ޖަލްސާގައި ބައިވެރިވެވަޑައިނުގަތުމަށް ނިންމަވާފައެވެ.

ރައީސް ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދަކީ އުފާވެރި ދުވަހެއް ނަމަވެސް، އެމަނިކްފާނު ވަރަށް ހިތާމަކުރައްވާ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ މި ނަތީޖާއަކީ މިހާރުގެ ސަރުކާރަށް ރައްޔިތުން ދެއްވި ސާފު ޖަވާބެއް ކަމަށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، މި އިންތިޚާބުގައި ޕާޓީގެ މެންބަރުންނާއި، އެތަކެއް އާންމު ރައްޔިތުންނެއް ދެއްކެވީ އާދަޔާ ހިލާފު ގަދަ ހިތްވަރެއް ކަމަށެވެ. އަދި ގާނޫނުއަސާސީގެ ހިމާޔަތުގައާއި، ޑިމޮކްރަސީގެ ދިފާއުގައި ދިވެހިން ތިބޭނެކަން މި ނަތީޖާއިން ސާބިތުކޮށްދީފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

”ފެންނަ ނުފެންނަ ވޯޓުގައި 70 ޕަސެންޓުން މި ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނެފި“

ގާނޫނުއަސާސީއަށް އިތުރު ބަދަލުތަކެއް ގެނައުމުގެ މެންޑޭޓެއް މިހާރު މި ސަރުކާރުގައި ނެތް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ނަމަވެސް، މިހާރު ގެނެސްފައި ހުރި ބަދަލުތައް އަނބުރާ ގެންދަން ޖެހޭ ކަމަށާއި، ދައުލަތް ހިންގުމުގެ އޮނިގަނޑަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭކަން ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ނޫނެކޭ ބުނެ ރައްޔިތުން އެމްޑީޕީއާ ކައުންސިލްތައް ހަވާލުކުރީ އެ ޕާޓީއާ މެދު އުންމީދެއް އޮތުމުން ކަމަށެވެ. އަދި މިއީ ރައްޔިތުންގެ އިތުބާރު ހޯދަން ލިބުނު ފުރުސަތެއް ކަމަށާއި، ރައްޔިތުން ދިން އުންމީދުގެ ހުޅުކޮޅު ނިވުނަނުދީ ރޯކުރުމަކީ ޕާޓީގެ މައްޗަށް އޮތް ބޮޑު ޒިންމާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްލާހީ މަސައްކަތަކީ އަބަދުވެސް ކުރަން ޖެހޭ މަސައްކަތެއްކަން ފާހަގަކުރައްވަމުން ފައްޔާޒް ވިދާޅުވީ، ދައުލަތް ހިންގުމުގެ ނިޒާމަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ ކަރުދާހަކާއެކު ކުރިއަށް އޮތް ތަނުގައި ރައްޔިތުންނާ ހަމައަށް ދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: