މި މަހުގެ ހަތަރު ވަނަ ދުވަހު ރާއްޖޭގައި ބޭއްވި ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ނުދިނުމުން ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ނުރުހުން ފާޅުކުރައްވައިފިއެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް ’އެކްސް‘ ގައި ކުރެއްވި ޕޯސްޓެއްގައި މާރިޔާ ވިދާޅުވީ، އެމްޑީޕީގެ އާންމު މެންބަރުން ދެކެން ބޭނުންވީ ދެ ރައީސުން (ރައީސް ސާލިޙް އަދި ރައީސް ނަޝީދު) އެ ޖަލްސާގެ ސްޓޭޖުގައި ވާހަކަފުޅު ދައްކަވައި، އެ ކާމިޔާބީގައި ދެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ މަންޒަރު ކަމަށެވެ. އަދި ޒުވާން ކުދިން ބޭނުންވީ ދެ ރައީސުންނާއެކު ސެލްފީ ނެގުމަށް ކަމަށްވެސް މާރިޔާ ފާހަގަކުރެއްވިއެވެ.
މާރިޔާ އިތުރަށް ވިދާޅުވީ މުޅި ރާއްޖޭގެ ޑިމޮކްރަސީއަށް ލޯބިކުރާ އެންމެންވެސް ބޭނުންވަނީ އެމްޑީޕީ އެކުގައި ވަރުގަދަކޮށް ފެނުމަށް ކަމަށެވެ.
”ދެ ރައީސުންނާ އެކު އަލުން މި ކާމިޔާބީ ގައުމީ ލެވެލްއެއްގައި ފާހަގަ ކުރާތަން ފެންނަން އެމްޑީޕީގެ މެންބަރުން އެދޭ!“ މާރިޔާގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
މި މައްސަލައިގައި މާރިޔާ ވަނީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޢަފޫރު މޫސާއަށް އިލްތިމާސެއްވެސް ކުރައްވާފައެވެ. އެގޮތުން ދެ ރައީސުންނާއެކު މި ކާމިޔާބީ ފާހަގަކުރުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ވަރަށް އަދަބުވެރިކަމާއެކު ޗެއާޕާސަންގެ ކިބައިން މާރިޔާ ވަނީ އެދިވަޑައިގެންފައެވެ.

