އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވަގުތީ ގޮތުން އަދާކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) އެ މަގާމުން އިސްތިއުފާ ދެއްވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މޫސާ އަލިމަނިކު (މޫކޭ) ގޮވާލައްވައިފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުގައި އާރުޑީސީގެ މެނޭޖިންގ ޑައިރެކްޓަރުކަން ވެސް ކުރެއްވި މޫސާ އަލިމަނިކު މިކަމަށް ގޮވާލެއްވީ، ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު ނަޝީދަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ދީފައި ނުވާ މައްސަލައިގައެވެ.
މި މައްސަލައިގައި ޕާޓީގެ ގިނަ މެންބަރުންނާއި އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޫކޭ ވިދާޅުވީ، އެމްޑީޕީއަކީ ވަކި މީހެއްގެ އެކަނި އެއްޗެއް ނޫން ކަމަށެވެ. އަދި ޖަލްސާގެ ތެރެއިން ގެއްލުވާލީ ޕާޓީގެ އެންމެ މަތީ މަސްލަހަތު ކަމަށް އޭނާ ސިފަކުރެއްވިއެވެ.
”އެކަކުވެސް ބާކީ ނުކޮށް ކުރިއަށް ދެވެން އޮއްވާ ގަފޫރަކަސް ކާސިމަކަސް ޕާޓީގެ އާންމު މެމްބަރުން މާޔޫސްކޮށް ރޫޙު މަރާލުމަކީ ވަގުތުން ޗެއަރ އިސްތިއުފާ ދޭންޖެހޭ ކަމެއް“
ޕާޓީގެ އެތެރޭގެ މަސްލަހަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި، ލީޑަޝިޕްގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މެންބަރުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ނަމަވެސް މިކަމާ ގުޅިގެން ޗެއާޕާސަން އަބްދުލްޣަފޫރު މޫސާގެ ފަރާތުން އަދި ބަހެއް ލިބިފައެއް ނުވެއެވެ.

