ކޮންމެ އަހަރެއްގެ އިރުވައި މޫސުމާއި ދިމާކޮށް ރަށް ގިރުމުގެ މައްސަލަތައް ކުރިމަތިވާތީ އެކަން ބަލަމުން އަންނަ ކަމަށް އެންވަޔަރަމަންޓު މިނިސްޓަރު ޑރ ހުސައިން ރަޝީދު ވިދާޅުވެއްޖެ އެވެ.
ބ. ދަރަވަންދޫ ގިރަމުންދާތީ މީސް މީޑީއާގައި މީހަކު ކަންބޮޑުވުން ފާޅުކުރުމުން، އެއަށް ޖަވާބުދާރީވަމުން މިނިސްޓަރު ޑރ. ހުސައިން ވިދާޅުވީ އިރުވައި މޫސުމުގައި ރަށް ގިރުމުގެ މައްސަލަ ރާއްޖޭގައި ވަރަށް ބޮޑު ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.
މިނިސްޓަރު މިހާރު ހުންނެވީ އެންމެ އުތުރުގެ ހަތަރު އަތޮޅު ކަމަށްވާ ހއ. ހދ. ށ އަދި ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި އެވެ. އޭނާ ވިދާޅުވީ އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ރަށް ހިމެނޭ ބ. އަތޮޅު އަދި ރ އަތޮޅަށްވެސް އެ ދަތުރުފުޅުގައި ޒިޔާރަތް ކުރައްވާނެ ކަމަށެވެ.
މި ދުވަސްވަރު އިރުވައިގެ ހަޅަ ޖަހާ ގިނަ ރަށްތަކަކަށް ދަނީ އުދަ އަރަމުންނެވެ. އޭގެ ސަބަބުން ރަށްރަށުގެ ރީތި ގޮނޑުދޮށްތައް ހަލާކުވެ ހޭޅިފަށުގައި ހުންނަ ގަސްތައް ހަލާކުވެ ރަށް ގިރުމުގެ މައްސަލަ ދަނީ ދިމާވަމުންނެވެ.

