ދީބާޖާ ކުންފުނީގެ އެގްރިމަންޓް ބާތިލްކުރި މައްސަލައިގައި އެ ކުންފުންޏަށް ބަދަލު ދިނުމަށް ސުޕްރީމް ކޯޓުން ކުރިން ތާއިދުކޮށްފައިވާ ހުކުމް އަލުން ރިވިއު ކުރުމަށް ބަންޑާރަ ނައިބު ސްޕްރީމްކޯޓަށް ހުށަހަޅުއްވައިފިއެވެ.
ފެރީގެ ޚިދުމަތް ދޭން ދީބާޖާ އިންވެސްޓްމެންޓާ އެކު ހެދި އެއްބަސްވުން ބާތިލްކުރުމުން، ގެއްލުމުގެ ބަދަލު ދީބާޖާ ކުންފުންޏަށް ދޭން ސިވިލް ކޯޓުން ހުކުމްކުރި އެވެ. ނަމަވެސް އޭގެފަހުން ހައިކޯޓުން އެ ހުކުމް ބާތިލްކުރި އެވެ. ފަހުން ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ ހުކުމް ބާތިލުކޮށް ސިވިލްކޯޓުގެ ހުކުމް ދަމަހައްޓާފައެވެ.
ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓުގެ ނިންމުން ރިވިއުކޮށްދޭން އެ ކޯޓަށް ހުށަހެޅީ، ކޯޓުން ބޭރުގައި އެ މައްސަލަ ހައްލުކޮށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދީބާޖާ އަށް 174 މިލިއަން ރުފިޔާ ދޭން ނިންމުމަށް ފަހުއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހެދި އެއްބަސްވުން، އޭގެ ފަހުން އުވާލި މައްސަލާގައި ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.
ދީބާޖާއަށް ދޭން ޖެހުނު އަދަދު ބޮޑުވުމުން އެ މައްސަލާގައި ހައްލެއް ހޯދުމަށް ސެޓްލްމެންޓް ކޮމިޓީއެއް އުފައްދާ ދީބާޖާއާ ސަރުކާރާއި ދެމެދު މަޝްވަރާތަކެއް ކުރެވުނެވެ. އަދި އެ މަޝަވަރާތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 174 އަށް ދެފަރާތުން އެއްބަސް ވިއެވެ.
ދީބާޖާގެ މައްސަލަ ރިވިއު ކުރަން ހުށަހެޅުމަށް ރައްޔިތުންގެ މަޖްލީހުންވެސް ފާސްކުރިއެވެ. މަޖިލީހަށް އެކަން ހުށަހެޅުމުން، ރައްޔިތުންގެ މަޖްލީހުގެ މާލިއްޔަތު ކޮމިޓީން ނިންމީ ހުކުމް އެއްކޮށް ރިވިއު ކުރަން ހުށަހަޅަން ބަންޑާރަ ނައިބު އޮފީހުގައި އެދުމަށެވެ.
މަޖިލީހުގެ ކޮމިޓީގައި ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، ދީބާޖާ އަށް ބަދަލު ދޭން ސަރުކާރުން ނިންމުމުން އެކަމުގައި ގޮތް ނޭނގޭ ކަންތައްތަކެއް ހިންގާފައިވާ ކަމަށް މާލިއްޔަތު ކޮމިޓީގެ ގިނަ މެމްބަރުން ތުހުމަތު ކުރެއްވިއެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް 2010 ވަނަ އަހަރު ސަރުކާރުން ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރީ ދީބާޖާ ކުންފުނިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ.
ދެހާސްދިހަ ވަނަ އަހަރުގެ ތެރޭގައި ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏަށް ނ، ރ، ބ އަދި ޅ އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން އެއްބަސްވުމެއްގެ ދަށުން ހަވާލުކުރިނަމަވެސް ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އެއްބަސްވުން އުވާލިއެވެ.

