ދުނިޔޭގެ ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްގެ ބަލި ރާއްޖޭގައި ފެތުރިދާނެ ކަމަށް ތައްޔާރުވަމުންދާ ކަމަށާއި، އެހެން ނަމަވެސް ”ޗައިނާ ޓްރެވެލް ބޭން“ އެއް ނެރުމުގެ ވިސްނުމެއް އަދި ނެތް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ކޮރޯނާވައިރަސް، އެކި ގައުމުތަކަށް ފެތުރެން ފެށުމާ އެކު، ރާއްޖެ އަންނަ މީހުން ސްކްރީން ކުރުމުގެ މަސައްކަތް އެއާޕޯޓްތަކުގައި ވަނީ ފަށައިފަ އެވެ. އަދި އެ ވައިރަސް ހުރި މީހަކު ފެނިއްޖެ ނަމަ، ކަރަންޓީން ކުރުމަށްޓަކައި ހުޅުމާލޭގެ އޯޓިޒަމް ސެންޓަރު ކައިރީގައި ހުންނަ 10 ކްލާސްރޫމުގެ ޕްރީ ސްކޫލް ވަނީ ހަމަޖައްސައިފަ އެވެ. އަދި ހުޅުމާލޭ ޕްރީސްކޫލްގައި ކަރަންޓީން ކުރާ ގޮތަށް ހަމަޖައްސާފައި ވިޔަސް، ކޮރޯނާވައިރަސްގެ ނުރައްކާތެރި ކަން އިތުރަށް ބޮޑުވެއްޖެ ނަމަ، ތެޔޮ ރައްކާކުރާ ކ. ފުނަދޫގައި ވެސް ކަރަންޓީން ކުރެވޭ ގޮތަށް ވަނީ ނިންމާފައެވެ. ނަމަވެސް އެ ވައިރަސް ހުރި މީހަކު މިހާތަނަށް ރާއްޖެ އިން ނުފެންނަ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮރޯނާ ވައިރަހާ ގުޅިގެން ސަރުކާރުން އެކުލަވާލި ހެލްތު އިމަޖެންސީ ކޯޑިނޭޝަން ކޮމިޓީން މިރޭ ވަނީ ނޫސްވެރިންނާއި ރައީސް އޮފީހުގައި ބައްދަލުކޮށްފައެވެ. އަދި އެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް އަލީ ވަހީދު ވިދާޅުވީ ކޮރޯނާ ވައިރަސް އަތުވެދާނެ ކަމަށް ސަރުކާރު އޮތީ ތައްޔާރީ ހާލަތެއްގައި ކަމަށެވެ. އަދި އިގްތިސޯދަށް ވުރެ ސަރުކާރުން އިސްކަން ދޭނީ ރައްޔިތުންނަށް ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ. މިހާތަނަށް ފަތުރުވެރިންގެ ދެހާހަށް ވުރެ ގިނަ ކެންސަލޭޝަންތަކެއް އައިސްފައިވާއިރު އޭގެ ތެރޭގައި ގިނައި ޗައިނާ ފަތުރުވެރިންގެ ބުކިންކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
ޗައިނާގެ ވޫހާން އާއި ކައިރި ސަރަހައްދުތައް އެކީ، ލޮކް ކުރެވި ކަރަންޓީން ކުރި ނަމަވެސް މިވީ މަހެއްހާ ދުވަހުގެ ތެރޭގައި ޗައިނާގެ އެތައް މިލިއަން ދުނިޔޭގެ އެތަން މިނިތަނަށް ދަތުރުކޮށްފައިވާކަން ގަބޫލު ކުރަންޖެހޭ ކަމަށް އަލީ ވަހީދު ވަނީ ތަކުރާރުކުރައްވާފައެވެ.
”ދެން އެކަން ޖެހޭނީ ގަބޫލު ކުރަން. ތެދެއް ބައެއް ގައުމުތަކުން ވިސާ ހުއްޓާލައިފި. އަނެއްބައި ގައުމުތަކުން ވިސާ ދެމުން އެބަގެންދޭ. ފަތުރުވެރިކަން ޕްރޮޓެކްޓްވެފައި އޮތުމަކީ މުހިއްމުކަމެއް. ނަމަވެސް ސަރުކާރުން ނަގަން ބޭނުންވާ ޑިޒިޝަނެއް ނެގުމުން ބައިބައިވުމެއް ނޯންނާނެ.“ އަލީ ވަހީދު
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާދަމާގެ ވަގުތެއްގައި ޓޫރިޒަމް އިންޑަސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. އަދި އެއަށްފަހު އެ މީހުންގެ އިރުޝާދާއި މަޝްވަރާއާއި އެއްގޮތަށް ނިންމެވުންތަކެއް ނިންމަވާނެ ކަމަށެވެ. އެހެން ކަމުން، ޗައިނާ ފަތުރުވެރިންގެ އެރައިވަލްތަކާ ގުޅޭ ގޮތުން ވެސް ގޮތެއް ނިންމާނީ އެ އިރުޝާދުތަކާ އެއް ގޮތަށް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އޭގެ ސަަބަބެއްގެ ގޮތުގައި އަލީ ވަހީދު ވިދާޅުވީ ސަރުކާރުން އަމަލު ކުރަމުން އަންނަނީ ވޯލްޑް ހެލްތު އޯގަނައިޒޭޝަންގެ ލަފައާއި އިރުޝާދާ އެއް ގޮތަށް ވުމުންނެވެ.
”މިކަމާ ގުޅިގެން ހިނގައިގެން އެއްވެސް ކަމެއް ސަރުކާރުން ސިއްރެއް ނުކުރާނެ، ރާއްޖެއިން ފެނިއްޖެ ނަމަ ވާން ޖެހޭ ހުރިހާ ތައްޔާރީތައް ވަނީ ހަމަޖެހިފައި، އެންމެ ގޯސް ހާލަތަށް ވެސް ސަރުކާރު އޮތީ ތައްޔާރަށް، ސަރުކާރަށް އެންމެ މުހިއްމު ވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން. އިގްތިސާދީ ކަންކަން ވެސް އަންނަނީ އޭގެ ފަހުން،“ އަލީ ވަހީދު
މި ބައްދަލުވުމުގައި ބައިވެެރިވި ނޫސްވެރިންވެސް ވަނީ ޗައިނާގެ ވުހާންއިން ރާއްޖެއަށް އެއްވެސް މީހަކު އެތެރެވެފައި ވޭތޯ އާއި، އެއްވެސް މީހަކަށް ކިރިޔާވެސް ޝައްކެއް ކުރެވުނުތޯ ސުވާލުކޮށްފައެވެ. އެހެން ނަމަވެސް އަލީ ވަހީދު ވިދާޅުވީ ޗައިނާގެ ވުހާން ސިޓީއިން ރާއްޖެއަށް ޑައިރެކްޓް ފްލައިޓެއް ނޯންނަ ކަމަށެވެ. އެހެން ނަމަވެސް، ޓްރާންސިޓް ވެގެން ރާއްޖެއަށް އެ ސިޓީގެ މީހަކު ނާންނާނެކަމަށް ބުނެގެން ނުވާނެ ކަމަށެވެ.
ވައިރަސްގެ އަސަރު ކޮށްފައިވާ މީހަކު ފެނިއްޖެނަމަ އޭގެ އަސަރު ދިވެހި ރާއްޖޭގެ އިގްތިސޯދަށާއި، ފަތުރުވެރިކަމަށް އަންނާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި އިގްތިސޯދަށް ފަހުގެ ތާރީހެއްގައި އައި ލޮޅުމެއްގެ މިސާލެއްގެ ގޮތުގައި އަލީ ވަހީދު ނެންގެވީ 2004 ވަނަ އަހަރު ދިމާވި ސުނާމީ ކާރިސާއެވެ. އަލީ ވަހީދު ވިދާޅުވީ ބައެއް ދިވެހިން ދަތުރުކުރާ ގައުމުތަކުން ވެސް ކޮރޯނާވައިރަސް ފެނިފައިވާ ކަމަށާއި ނަމަވެސް އަދި ޓްރެވަލް އެޑްވައިޒަރީ ނެރެންޖެހޭ ފަދަ ހާލަތެއް މެދުވެރި ނުވާކަމަށެވެ. އެހެން ނަމަވެސް، ވަގުތާއިއެކު އެކަން ވެސް ކުރާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
”ޓްރެވަލް އެޑްވައިޒަރީ ނެރެން ޖެހޭ ހާލަތެއްގައި ނެރޭނެ. އެކަމަކު އަދި އެ ހާލަތަކަށް ނުދޭ. މި ހާލަތުގައި ސަރުކާރުން އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން ދެން.“ އަލީ ވަހީދު
މި ޕްރެސްކޮންފަރެންްސްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ޗައިނާގެ ވުހާން ސިޓީން ފެތުރިގެން އައިސް އުޅޭ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް އެއްވެސް މީހަކު ރާއްޖެއިން ފެނިފައި ނުވާ ކަމަށެވެ. އަދި އެ ވައިރަސްއަށް ކިރިޔާވެސް ޝައްކުވާ މީހެއް ފެނިއްޖެނަަމަ ފުރަތަމަ އެއާޕޯޓުން ފެށިގެން އަޅަން ޖެހޭ ފިޔަވަޅުތަކުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި، އައްޑޫ ގޭން އިންޓަނޭޝަނަލް އެއާޕޯޓުގައި ދަތުރުވެރިންގެ ހަށިގަނޑުގެ ބޭރުފުށުގެ ފިނިހޫނުމިން ހުރި މިންވަރު ބަލާނެ ތާމަލް ކެމެރާ ބޭނުން ކުރެވޭނެ ގޮތް ހަމަޖައްސާ، އަދި ސްކްރީން ކުރެވޭނެ އިންތިޒާމް ވެސް ގާއިމް ކުރެވިފައިވާކަމަށް ވިދާޅުވިއެވެ.
އަމީންބައްޔަށް މީހަކު ޕޮޒިޓިވް ވެއްޖެނަމަ އައިސޮލޭޓަރުގައި ބާއްވައިިގެން ފަރުވާ ދެވޭނެ ގޮތް ވެސް އިންތިޒާމު ކޮށްފައިވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.
”ކުރެވޭ ސްކްރީން، އަދި ޓެސްޓުތަކުގެ ތެރޭން މީހަކަށް ޝައްކު ކުރެވިގެން ނުވަތަ މީހަކަށް ތުހުމަތު ކުރެވިގެން ނުވަތަ މީހަކު ޕޮޒިޓިވްވާ ހާލަތެއްގައި އޭނައަށް ފަރުވާ ދިނުމަށްޓަކައި ވާން ޖެހޭ ތައްޔާރީތަކުގެ އިތުރަށް ދަތުރުފަތުރާއި ޓްރާންސްޕޮޓޭޝަން އާއި އެމްބިއުލެންސް ހިދުމަތައް ވެސް ވަކި އިންތިޒާމްތަކެއް ހަމަޖެހިފަ ހުރީ. އެހެންވީމަ އަޅުގަނޑުމެންނަށް ކަށަވަރުކަމާއެކީގައި ދަންނަވަން ކެރޭ މިވަގުތު އަޅުގަނޑުމެންނަށް މިކަހަލަ ކޭސްއެއް ފެނިއްޖެ ހިނދެއްގައި ނުވަތަ ފެންނާނެ ހިނދެއްގައި ކޭސްތަކަށް ފަރުވާ ދިނުމަށް ވާން ޖެހޭ ތައްޔާރީތައް ވަނީ ވެފައި،“ އަމީން
އަމީން ވިދާޅުވީ ކޮރޯނާ ވައިރަސް ޖެހޭ މީހަކު އެކަހެރި ކުރުމުގެ ފެސިލީޓީތައް ގާއިމް ކުރުމުގެ މަސައްކަތް ނިމި، އެތަނުން ފަރުވާ ދެވޭ ވަރަށް ގާއިމްކޮށްފައިވާކަމަށެވެ.
ކޮރޯނާވައިރަސްއާ ގުޅިގެން ސްކްރީން ކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަކޮށް، ބައެއް މީހުންނާ މިހާރު ދަނީ ސުވާލު ކުރަމުންނެވެ. އަދި އެކަމާ ބެހޭ މައުލޫމާތު ދިނުމަށްޓަކައި ޚާއްސަ ހޮޓްލައިނެއް ވެސް މިހާރު ގާއިމް ކޮށްފައިވާ ކަމަށް އަމީން ވިދާޅުވިއެވެ. ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ބުނާ ގޮތުންނަމަ، ކޮރޯނާވައިރަސްތަކަކީ އާދައިގެ ރޯގާ އިން ފެށިގެން މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް (މާސް) އާއި ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް (ސާސް) ފަދަ ނޭވާލާ ނިޒާމަށް ވަރަށް ބޮޑަށް އަސަރުކުރާ ބައްޔެކެވެ.
އެ ވައިރަސް އިންސާނުންނަށް ޖެހޭނީ ޖަނަވާރުންގެ ފަރާތުންނެވެ. ސިއްހީ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ސާސް ވައިރަސް އިންސާނުން ޖެހުނީ ބުޅަލުންކަމަށްވާއިރު، މާސް ވައިރަސް ފެތުރުނީ ޖަމަލުންނެވެ. އަދި އިންސާނުންގެ ހަށިގަނޑުން ނުފެންނަ އެ ޒާތުގެ ކިތަންމެ ވައިރަސްތަކެއް ޖަނަވާރުންގެ ހަށިގަނޑުގައި އުޅޭކަމަށް ވަނީ ހޯދިފަ އެވެ.

