ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީ (މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ) އަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ވަރަށް މުހިންމު ދައުރެއް އަދާކުރަމުންދާ ޕާޓީއެކެވެ. ނަމަވެސް، ފަހަކަށް އައިސް އެ ޕާޓީގެ އެތެރޭގައި އުފެދިފައިވާ ބައިބައިވުންތަކާއި ފެކްޝަންތަކުގެ ސަބަބުން ޕާޓީގެ ކުރިމަގާ މެދު ވަނީ ގިނަ ސުވާލުތަކެއް އުފެދިފައެވެ.
އެމްޑީޕީގެ ތެރޭގައި މިހާރު ފެންނަން އޮތް ބޮޑު ބައިބައިވުމުގެ މައިގަނޑު އަސްލަކީ މިދިޔަ ރިޔާސީ އިންތިހާބުގެ ޕްރައިމަރީއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތައް ބޮޑުވެ، ޕާޓީ ދެބައިވުމަށް މަގުފަހިވިއެވެ. މި މައްސަލަތަކުގެ ނަތީޖާއެއްގެ ގޮތުން ޕާޓީގެ އާންމު މެންބަރުންގެ މެދުގައިވެސް ނުތަނަވަސްކަން އުފެދި، އިންތިހާބީ ނަތީޖާއަށް އޭގެ ނޭދެވޭ އަސަރު ކުރިއެވެ.
މިވަގުތު އެމްޑީޕީގެ ތެރޭގައި މައިގަނޑު ފަސް ފެކްޝަނެއް އޮތް ކަމަށް ސިޔާސީ ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. މީގެ ތެރޭގައި އެންމެ ނުފޫޒުގަދަ ފެކްޝަންތަކުގެ ގޮތުގައި ފާހަގަކުރެވެނީ ފައްޔާޒް އިސްމާއިލް، އިބްރާހިމް މުހައްމަދު ސޯލިހު އަދި އަބްދުﷲ ޝާހިދުގެ ފެކްޝަންތަކެވެ. ކޮންމެ ލީޑަރަކުވެސް ޕާޓީގެ ކޮންޓްރޯލް ހޯދުމަށާއި އަމިއްލަ ސިޔާސީ ކުރިމަގު ބައްޓަންކުރުމަށް މަސައްކަތް ކުރަމުންދާއިރު، މީގެ ސަބަބުން ޕާޓީގެ އެއްބައިވަންތަކަމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
އެމްޑީޕީގެ އެތެރޭގެ ކޯޅުންގަނޑާއިއެކު ސިޔާސީ މަސްރަހުގައި ފެންމަތިވި އެނެއް ވާހަކައަކީ ރިޔާސީ އިންތިހާބަށްފަހު، ރައީސް ޑރ. މުއިއްޒު މަގާމުން ދުރުކޮށް، ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އުފެއްދުމަށް ރައީސް ނަޝީދު ހުށަހެޅުއްވި ވާހަކައެވެ. ނަމަވެސް، މި ހުށަހެޅުއްވުމަށް އެމްޑީޕީގެ އެހެން ފެކްޝަންތަކުން ވަނީ ވަރަށް ބޮޑަށް ދެކޮޅު ހަދާފައެވެ. އެ ފެކްޝަންތަކުން ނިންމީ އެފަދަ ވާހަކައެއް ދެއްކުމުގެ ފުރުސަތުވެސް ނަޝީދަށް ނުދިނުމަށެވެ. މިއީ ޕާޓީގެ ތެރޭގައި އޮތް އިތުބާރު ކުޑަވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ.
ބަދަލުވަމުން ދިޔަ ހާލަތާއިއެކު ރިޔާސީ އިންތިހާބަށްފަހު ރައީސް ނަޝީދާއި ފައްޔާޒް އިސްމާއިލް ގުޅިގެން މަސައްކަތް ކުރައްވަން ފެއްޓެވި ނަމަވެސް، ޕާޓީގެ އެހެން ލީޑަރުންގެ މެދުގައި އަދިވެސް ބޮޑެތި ހިޔާލުތަފާތުވުންތައް އެބަހުއްޓެވެ. ހާއްސަކޮށް ޕާޓީގެ ސިޔާސަތުތައް ބައްޓަންކުރުމުގައާއި، ކުރިއަށް އޮތް އިންތިހާބުތަކަށް ތައްޔާރުވުމުގައި އެއްގަލަކަށް ނޭރުމަކީ ޕާޓީ ބަލިކަށިވަމުންދާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ އެމްޑީޕީއަކީ ރާއްޖޭގެ ޑިމޮކްރަސީގައި މުހިންމު ބައިވެރިއެއް ކަމެވެ. ނަމަވެސް، ޕާޓީގެ ތެރޭގައި އޮތް ފެކްޝަންތަކުގެ ވާދަވެރިކަމާއި، ލީޑަރުންގެ މެދުގައި އޮތް ނުތަނަވަސްކަން ހައްލުނުކުރެވިއްޖެނަމަ، ކުރިއަށް އޮތް ތަނުގައި ޕާޓީގެ ބާރު ކެނޑިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ޕާޓީ އަލުން ކޮޅަށް ޖެހުމަށްޓަކައި އެތެރޭގެ ބައިބައިވުންތައް ނައްތާލައި، އެއް އަމާޒަކަށް މަސައްކަތް ކުރުމަކީ މިއަދު އެ ޕާޓީއަށް މަޖުބޫރުވެފައިވާ ކަމެކެވެ.

