”ދުރަންދަރު 2: ދަ ރިވެންޖް“ 2026ގެ ދުނިޔޭގެ އެންމެ ކާމިޔާބު 10 ފިލްމުގެ ލިސްޓުގައި ހިމެނިއްޖެއެވެ.
ޚަބަރުތައް ބުނާގޮތުން، މި ފިލްމު ސިނަމާތަކަށް ނެރުނުތާ އެންމެ ތިން ހަފުތާގެ ތެރޭގައި ބައިނަލްއަޤުވާމީ ބޮކްސް އޮފީހުން 178 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ހޯދާފައެވެ. އިންޑިއާގެ މާކެޓަށް އެކަނި ބަލާއިރުވެސް، މި ފިލްމަށް 1,246 ކްރޯޑް ރުޕީސް ލިބިފައިވެއެވެ. މިއީ އިންޑިއާގައި ހިންދީ ފިލްމަކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އާމްދަނީގެ ރެކޯޑެވެ. މި ކާމިޔާބީއާއެކު، ”ދުރަންދަރު 2“ ވެފައިވަނީ މިއަހަރުގެ މިހާތަނަށް ދުނިޔޭގެ އެންމެ ކާމިޔާބު 10 ފިލްމުގެ ލިސްޓުން ޖާގަ ހޯދި އިންޑިއާގެ ފުރަތަމަ ފިލްމަށެވެ.
އުތުރު އެމެރިކާގެ މާކެޓުގައި މީގެ ކުރިން ”ބާހޫބަލީ 2“ ހަދާފައިވާ ރެކޯޑްތައް މުގުރާލައި، އެ ސަރަހައްދުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި އިންޑިއާ ފިލްމުގެ ލަގަބުވެސް ”ދުރަންދަރު 2“ ވަނީ ހޯދާފައެވެ. އެގޮތުން އެމެރިކާ އާއި ކެނެޑާއިން އެކަނިވެސް މި ފިލްމަށް 26 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ.
އަދިތުޔަ ދާރު ޑައިރެކްޓްކޮށްފައިވާ މި ސްޕައި ތުރިލާ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ”ދުރަންދަރު“ ގެ ދެވަނަ ބައެވެ. މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދަނީ ރަންވީރު ސިންގް، ސަންޖޭ ދަތު، އަކްޝޭ ކަންނާ، އަރުޖުން ރާމްޕާލް، ސާރާ އަރްޖުން އަދި އާރު މާދަވަން އެވެ.
އަދިއްތުޔަ ދާރު ޑައިރެކްޓްކޮށްފައިވާ ’ދުރަންދަރު‘ ފްރެންޗައިޒްގެ ފަހު ބައިގެ ގޮތުގައި ފެނިގެންދާ މި ފިލްމަކީ އަރުޖުން ރާމްޕާލް، ސަންޖޭ ދަތު އަދި އާރް. މާދަވަން ފަދަ ކުޅަދާނަ ތަރިންގެ ހުނަރުވެރި ހަރަކާތްތަކެއް ފެނިގެންދާނެ ފިލްމެކެވެ. މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ކަރާޗީގެ ނުރައްކާތެރި ކުށްވެރިންގެ މާހައުލާއި ސިޔާސީ މަސްރަހުގެ ތެރޭގައި ހަރަކާތްތެރިވާ އިންޑިއާގެ ސިއްރު އޭޖެންޓެއްގެ މައްޗަށެވެ. މާޒީގައި ހިނގާފައިވާ ޓެރަރިސްޓް ހަމަލާތަކަށް އިންސާފު ހޯދުމަށާއި، ބޯޑަރު ހުރަސްކޮށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާ ކުރިމަތިލުމަށް އޭނާ ކުރާ ހިތްވަރުގަދަ މަސައްކަތްތައް މި ފިލްމުން ސިފަކޮށްދެއެވެ.

