ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ވައިރަސް: ޗައިނާއިން އަންނަ ޑައިރެކްޓު ފްލައިޓުތައް ހޯލްޑް ކުރިޔަސް، ޗައިނާއިން ރާއްޖެއަށް ޓްރާންސިޓް ކުރެވޭނެ!

ކޮރޯނާ ވައިރަސް ރާއްޖެއަށް އެތެރެވިޔަ ނުދިނުމަށްޓަކާ ކުރަމުންދާ މަސައްކަތްތައް
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްގެ ބަލި ރާއްޖޭގައި ފެތުރިދާނެ ކަމަށް ރައްކާތެރިވެ ތިބުމުގެ ގޮތުން، ޗައިނާ އިން ރާއްޖެ އަށް ސީދާ ދަތުރުތައް ކުރުން ހުއްޓާލުމަށް ސަރުކާރުން ނިންމައިފިއެވެ.

ކޮރޯނާވައިރަސް، އެކި ގައުމުތަކަށް ފެތުރެން ފެށުމާ އެކު، ރާއްޖެ އަންނަ މީހުން ސްކްރީން ކުރުމުގެ މަސައްކަތް އެއާޕޯޓްތަކުގައި ވަނީ ފަށައިފަ އެވެ. އަދި އެ ވައިރަސް ހުރި މީހަކު ފެނިއްޖެ ނަމަ، ކަރަންޓީން ކުރުމަށްޓަކައި ހުޅުމާލޭގެ އޯޓިޒަމް ސެންޓަރު ކައިރީގައި ހުންނަ 10 ކްލާސްރޫމުގެ ޕްރީ ސްކޫލް ވަނީ ހަމަޖައްސައިފަ އެވެ. އަދި ހުޅުމާލޭ ޕްރީސްކޫލްގައި ކަރަންޓީން ކުރާ ގޮތަށް ހަމަޖައްސާފައި ވިޔަސް، ކޮރޯނާވައިރަސްގެ ނުރައްކާތެރި ކަން އިތުރަށް ބޮޑުވެއްޖެ ނަމަ، ތެޔޮ ރައްކާކުރާ ކ. ފުނަދޫގައި ވެސް ކަރަންޓީން ކުރެވޭ ގޮތަށް ވަނީ ނިންމާފައެވެ. ނަމަވެސް އެ ވައިރަސް ހުރި މީހަކު މިހާތަނަށް ރާއްޖެ އިން ނުފެންނަ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން ސަރުކާރުން އެކުލަވާލި ހެލްތު އިމަޖެންސީ ކޯޑިނޭޝަން ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖެ އާއި ޗައިނާއާ ދެމެދު ސީދާ ދަތުރުތައް މި ވަގުތަށް ހުއްޓާލަން ނިންމުމާއި އެކު، ދިވެހިން ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ އެހެން ދަތުރުތައް ޗައިނާ އާއި ބަލި ފެނިފައިވާ ގައުމުތަކަށް ނުކުރުމަށް ސަރުކާރުން ދިވެހިންނަށް ޓްރެވަލް އެޑްވައިޒަރީއެއް ނެރޭނެ ކަމަށެވެ. އޭގެ އިތުރުން މިއަދުގެ މަޣްރިބް ނަމާދުން ފެށިގެން ނަމާދުގައި ގުނޫތު ކިޔަން ފަށަން ނިންމާފައިވާކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

”ސަރުކާރުން މިވަގުތަށް މުހިންމު ދެ ނިންމެވުމަށް ނިންމަވާފައި އެބަ އޮތް އެއްކަމަކީ ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުކުރާ ފްލައިޓްތައް، ސީދާ ޗައިނާއަށް އަންނަ ފްލައިޓްތައް މެދުކަނޑާލަން ސަރުކާރުން މިވަނީ ނިންމަވާފައި.  ޗައިނާއާ އަދިވެސް ރޯގާ ފަތުރެމުންދާ ގައުމުތަކަށް ދިވެހިން ދަތުރުކުރުމަށް، ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ފިޔަވާ ކުރަން ޖެހޭ ދަތުރުތައް ނުކުރުމަށް ސަރުކާރުން އިލްތިމާސް ކުރަން“ ޝާހިދު

ޝާހިދު ވިދާޅުވީ ޗައިނާގައި ހުންނަ ރާއްޖޭ އެމްބަސީގައި ދިވެހި 69 މީހަކު ރެޖިސްޓްރީވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އޭގެ ތެރެއިން 9 މީހުންނަކީ ވުހާންގައި ތިބި ދިވެހިންކަމަށް ވެސް ވިދާޅުވިއެވެ. އެހެން ނަމަވެސް ވުހާން ސިޓީގައި ތިބި ނުވަ މީހުންގެ ތެރެއިން ރާއްޖެ އަށް އަންނަން ބޭނުންވަނީ ހަތް މީހަކުކަމަށް ވުމުން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ކޮރޯނާ ވައިރަސް އަތުވެދާނެ ކަމަށް ސަރުކާރު އޮތީ ތައްޔާރީ ހާލަތެއްގައި ކަމަށެވެ. އަދި އިގްތިސޯދަށް ވުރެ ސަރުކާރުން އަބަދުވެސް އިސްކަން ދޭނީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށް ވެސް ވިދާޅުވިއެވެ. އަލީ ވަހީދު ވިދާޅުވީ ވައިރަސްއިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމާއި ބެހޭ ފަރާތްތަކާއި މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ޗައިނާ ޑައިރެކްޓު ދަތުރުތައް ހުއްޓާލާފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ އިސްފަރާތްތަކާއި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

ވަރައިސްއަށް ސްކްރީން ކުރުމުގައި އެއްވެސް ފަރުވާކުޑަކުރުމެއް ނާންނަކަން ފާހަގަކުރައްވާ އަލީ ވަހީދު ވިދާޅުވީ، ރިސޯޓުތަކަށްވެސް އިރުޝާދު ދެވި މަސައްކަތްތައް ކުރިޔަށް ދަނީ ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ އިރުޝާދުތަކާއި އެއްގޮތަށް ކަމަށެވެ.

 

މިފިޔަވަޅަކީ ދިވެހި ރައްޔިތުންގެ އިތުރުން ރާއްޖެއަށް ޒިޔާރާތްކުރާ ހުރިހާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޅި ފިޔަވަޅެއް، މި ނިންމުން ރައީސް ނިންމެވުމުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެހާ މަސްލަހަތުވެރިންގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު މި ނިންމުމުގައި އެބަ އޮތް.ޗައިނާއިން މިހާރު އައިސް އެތިބަ ފަތުރުވެރިން އެތިބީ، ސްކްރީން ކުރެވިގެން ބެލިގެން އެ ބަލި ނެތްކަން ޔަގީން ވެގެން ރާއްޖެއަށް ވަދެފައި. އެކަމުގައި ޝައްކެއް ނެތް“ އަލީ ވަހީދު

އަލީ ވަހީދު ވިދާޅުވީ، ޗައިނާއިން ރާއްޖެއަށް އަންނަ ސީދާ ފްލައިޓްތައް މިވަގުތަށް މަނާކުރަން ނިންމީ، ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިންނާ ވެސް އެކުގައި މަޝްވަރާ ކުރެއްވުމަށް ފަހު އެބޭފުޅުންގެ ވެސް ރުހުން އޮވެގެން ކަމަށެވެ. އެގޮތުން ސީދާ ޗައިނާއިން ރާއްޖެއަށް އަންނަ ފްލައިޓްތަކަކީ، މޯލްޑިވިއަން އާއި ޗައިނާ ސަދާން އެވެ. އަދި މޯލްޑިވިއަންގެ ސީދާ ދަތުރުތައް ޗައިނާއަށް ހުއްޓާލުމާ ގުޅިގެން، މޯލްޑިވިއަންގެ ފްލައިޓްތައް މެދުވެރިކޮށް ރާއްޖެ އަންނަން، ޗައިނާ ފަތުރުވެރިން ހަދާފައިވާ 954 ބުކިންސް ކެންސަލްވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ވޫހާން އިން ދިވެހިން ގެންނާނީ އެހެން ގައުމުތަކުގެ މީހުން ނެރޭއިރު ކަމަށާއި އެ ދިވެހިން ރާއްޖެ އަށް ގެންނާނީ އެ ގެންދާ ގައުމެއްގައި ފުރިހަމަކުރަންޖެހޭ ކަރަންޓީނު ނިންމުމަށް ފަހުގައި ކަމަށެވެ.

މި ބައްދަލުވުމުގައި ބައިވެެރިވި ނޫސްވެރިންވެސް ވަނީ ޗައިނާގެ ވުހާންއިން ރާއްޖެއަށް އެއްވެސް މީހަކު އެތެރެވެފައި ވޭތޯ އާއި، އެއްވެސް މީހަކަށް ކިރިޔާވެސް ޝައްކެއް ކުރެވުނުތޯ ސުވާލުކޮށްފައެވެ. އެހެން ނަމަވެސް އަލީ ވަހީދު ވިދާޅުވީ ހުރިހާ މަސައްކަތެއް ވެސް ކުރިޔަށް ދަނީ ވަރަށް ފުރިހަމަކޮށް ކަމަށެވެ. އަދި ކިރިޔާވެސް ޝައްކު ވާ މީހަކާއި ކުރަންޖެހޭ ސުވާލުތައް އަމާޒުކޮށް އިންޓަވިއު ކުރާ ކަމަށެވެ. އަދި މިހާތަނަށް އެއްވެސް ފަތުރުވެރިއަކު ވައިރަސްއަށް ޝައްކު ކުރެވިގެން ކަރަންޓީކޮށްފައި ނުވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މި ޕްރެސްކޮންފަރެންްސްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ޗައިނާގެ ވުހާން ސިޓީން ފެތުރިގެން އައިސް އުޅޭ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް އެއްވެސް މީހަކު ރާއްޖެއިން ފެނިފައި ނުވާ ކަމަށެވެ. އަދި އެ ވައިރަސްއަށް ކިރިޔާވެސް ޝައްކުވާ މީހެއް ފެނިއްޖެނަަމަ ފުރަތަމަ އެއާޕޯޓުން ފެށިގެން އަޅަން ޖެހޭ ފިޔަވަޅުތަކުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި، އައްޑޫ ގޭން އިންޓަނޭޝަނަލް އެއާޕޯޓުގައި ދަތުރުވެރިންގެ ހަށިގަނޑުގެ ބޭރުފުށުގެ ފިނިހޫނުމިން ހުރި މިންވަރު ބަލާނެ ތާމަލް ކެމެރާ ބޭނުން ކުރެވޭނެ ގޮތް ހަމަޖައްސާ، އަދި ސްކްރީން ކުރެވޭނެ އިންތިޒާމް ވެސް ގާއިމް ކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: