ކޮރޯނާ ވައިރަސް ޗައިނާއިން ބޭރު ގިނަ ގައުމުތަކެއްގައި ހަލުވިކަމާ އެކު ފެތުރެމުންދާތީ ޑަބްލިއުއެޗްއޯ އިން މުޅި ދުނިޔެއަށް ސިއްހީ އެމެޖެންސީ އިއުލާންކޮށްފިއެވެ.
ގާތްގަނޑަކަށް 11 މިލިއަންގެ އާބާދީއެއް އޮންނަ ޗައިނާގެ ވޫހާންއިން ފުރަތަމަ ފެނުނު މި ވައިރަހަކީ ގައިން ގަޔަށް އަރާ ވައިރަހެއް ކަމަށް ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. އަދި ނިއުމޯނިއާގެ އަލާމާތްތައް ހުންނަ މި ބަލީގެ ސަބަބުން މިހާތަނަށް ބައެއް މީހުން ހާލަތު ވަނީ ސީރިއަސް ވެފައެވެ. އަދި މިރޭ ހެލްތް މިނިސްޓްރީއިން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބައްވާ ޗައިނާގެ ޒިއާންމިން ސިޓީން ރޭ ރާއްޖެ އައި 20 އަހަރުގެ ފިރިހެނަކު ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވިގެން ކަރަންޓީންކޮށްފައިވާކަން ހާމަކޮށްފައެވެ.
ކޮރޯނާ ވައިރަސްގެ ބިރު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނައިރު ސްވިޒަލެންޑުގެ ޖެނީވާގައި ވޯލްޑް ހެލްތް އޯގަމައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ވަނީ ކުށްލި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. ބޭއްވި ބައްދަލުވުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮން ގެބްރެޔެސުސް ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމަކީ މި ވައިރަސް ދުނިޔޭގެ ބަލިކަށި ސިއްހީ ނިޒާމުތައް އޮތް ގައުމުތަކަށް ފެތުރުން ކަމަށެވެ. އަދި ކުއްލި ހާލަތު އިއުލާނު ކުރަންޖެހުނީ މި ވައިރަސްގެ ސަބަބުން ނިކުމެދާނެ ނުރައްކާތެރި ނަތީޖާތަކަށް ބެލުމަށްފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ޗައިނާއިން މި ވައިރަސް ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތަށް ތައުރީފްކޮށް އަދަނޮން ވިދާޅުވީ، މިހާތަނަށް އެޅިފައި ހުރި އަވަސް ފިޔަވަޅުތައް ނޭޅުނު ނަމަ ބަލި ޖެހުނު މީހުންގެ އަދަދު އިތުރުވީސް ކަމަށެވެ. ސިޓީތައް ލޮކްޑައުން ކުރުމުން ވައިރަސް ފެތުރުން ކޮންމެވެސް ވަރަކަށް މަޑުޖެހޭނެކަން ވެސް އޭނާ ފާހަގަކުރިއެވެ. އެހެން ނަމަވެސް، އެއީ ބަލި ކޮންޓްރޯލް ކުރުމަށް ދޮރެއްގެ ގޮތުގައި ވެސް ދެކިގެން ނުވާނެކަމަށް އަދަނޮން ވިދާޅުވިއެވެ.
މިދިޔަ ޑިސެމްބަރު މަހު ވޫހާން ސިޓީގައި ފެތުރެން ފެށި ކޮރޯނާވައިރަހުގެ ސަބަބުން ޗައިނާ އިން ވަނީ 170 މީހުން މަރުވެފަ އެވެ. އެ ވައިރަސް ވަނީ 7،711 މީހުންނަށް ޖެހިފަ އެވެ. ޑަބްލިއުއެޗްއޯ އިން ބުނީ ކޮރޯނާވައިރަސް މިހާތަނަށް ފެނިފައި ވަނީ 18 ގައުމުން ކަމަށާއި އެ ގައުމުތަކުގެ 98 މީހަކަށް ބަލި ޖެހިފައިއެވެ.

