މިފްކޯގެ ސީއީއޯގެ މަގާމުގައި ހުންނެވި ފަރުހަތު ޝަހީރު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ފަރުހަތު އިސްތިއުފާ ދެއްވިކަން ހާމަކުރެއްވީ އެ ކުންފުނީގެ މުވައްޒަފުންނާ ބައްދަލުކުރެއްވުމަށް ފަހު އެވެ.
ފަރުހަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުގައި މިފްކޯއަށް އައްޔަނު ކުރެއްވި ތިންވަނަ ސީއީއޯއެވެ. އޭނާގެ ކުރިން އެ މަގާމުގައި ހުންނެވީ ޔޫކްރައިންއަށް ނިސްބަތްވާ ޑރ. ވިޓާލީ ލިއުބިމޮވް އެވެ.
ފަރުހަތު އިސްތިއުފާ ދެއްވީ، މިފްކޯއިން ވިއްކާ މަސްދަޅުގެ އަގަށް ބަދަލު ގެނެސް އިއުލާނު ކުރީ އެކަން ސަރުކާރަށް ނޭނގިކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެފައި ވަނިކޮށެވެ. މިދިޔަ ހޯމަ ދުވަހު މަސްދަޅުގެ އަގު ބޮޑުކުރުމަށް ފަހު، ހަމަ އެ ދުވަހު އަލުން ކުރީގެ އަގަށް ބަދަލުކޮށް އެކަން ކުންފުނިން އިއުލާނު ކުރި އެވެ.
މިފަހުން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މަގާމުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ.
ފަހަކަށް އައިސް ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންގެ މަގާމުތަކަށް އަންނަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. އެގޮތުން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވެސް މިދިޔަ ހަފްތާގައި ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
މީގެ އިތުރުން، ދާދިފަހުން ބޭއްވުނު ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނު ނަތީޖާއަށްފަހު، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ވަނީ މަގާމުން ވަކިކުރައްވައިފައެވެ. އޭގެ ތެރޭގައި އެގްރޯނެޓް ކުންފުނީގެ އެމްޑީއަކަށް ހުންނެވި ހުސެން ދީދީ އާއި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ނަޖާހު ހިމެނެއެވެ.

