އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮވެ، ކޯޓު ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކޮށްފައި ނުވާތީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާނަކީ މެންބަރުކަމުގެ ޝަރުތު ހަމަނުވާ ފަރާތެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ. މިއާއެކު އޭނާގެ މެންބަރުކަމުގެ ގޮނޑި ވަނީ ގެއްލިފައެވެ.
މި މައްސަލައަކީ ސިނާން ސާބިތު ދަރަނި ހުކުމާ އެއްގޮތަށް ދައްކާފައި ނުވާތީ، އޭނާގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި އަމިއްލަ ފަރާތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލަ ހުށަހެޅީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ސިނާނާއި އިތުރު ބަޔަކު ގުޅިގެން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަކާ ގުޅިގެންނެވެ.
އެ ލޯނުގެ ތެރެއިން ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މީގެ ކުރިން އޮތީ ހުކުމްކޮށްފައެވެ. ގާނޫނުއަސާސީގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހުކުމާ އެއްގޮތަށް ސާބިތު ދަރަނި ދައްކަމުން ނުދާނަމަ، އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ. ސުޕްރީމް ކޯޓުގައި މައިގަނޑު ގޮތެއްގައި ބަހުސް ކުރެވުނީ ސިނާން ދަރަނި ދައްކާފައިވަނީ ކޯޓު ހުކުމާ އެއްގޮތަށްތޯ ނޫންތޯއާ މެދުއެވެ.
މި މައްސަލައިގައި ރައުޔު އިއްވަވަމުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ، ފައިސާ ނުދެއްކި އޮތީ ހުކުމް ކުރިކަން ނޭނގޭތީ ކަމަށް ސިނާންގެ ފަރާތުން ބުނިނަމަވެސް، އެކަން އޭނާއަށް ދުރާލާ އެންގިކަން ލިޔެކިޔުންތަކުން ސާބިތުވާ ކަމަށެވެ. އަދި އެ ހުކުމް އިސްތިއުނާފް ކުރަން ނުވަތަ ބާތިލްކުރަން ސިނާންގެ ފަރާތުން ހުށަހަޅާފައި ނުވާކަންވެސް ފަނޑިޔާރު ފާހަގަކުރެއްވިއެވެ.
ފަނޑިޔާރު ޝުޖޫން އިތުރަށް ވިދާޅުވީ، އެ ހުކުމަކީ ޣައިރު ހާޒިރުގައި ކުރި ހުކުމެއް ކަމަށްވާތީ އެއީ ނިހާއީ ހުކުމެއް ނޫން ކަމަށް ސިނާންގެ ފަރާތުން ބުނެފައި ވިޔަސް، އެ ބުނުމަށް ބުރަދަނެއް ނުދެވޭނެ ކަމަށެވެ. މީގެ އިތުރުން، ލޯނުގެ ފައިސާ ހޯދަން ހިތަދޫ ކޯޓަށް ހުށަހެޅި މައްސަލާގައި ސިނާންގެ ފަރާތުން ވަކީލަކު އައްޔަން ކޮށްފައި ވަނިކޮށް، ދިފާއު ހުށަހެޅުމުގެ މުއްދަތު ހަމަވިފަހުން ވަކީލް އެ މައްސަލައިން ތަނާޒުލްވެފައިވާކަން ވެސް ފަނޑިޔާރު ފާހަގަކުރެއްވިއެވެ.
މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް، ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.

