ރާއްޖޭގައި ތިބި ޗައިނާގެ ފަތުރުވެރިން އެ ގައުމަށް ގެންދިއުމަށް ޗާޓާ ފްލައިޓްތަކެއް ބާއްވަމުން އަންނަ ކަމަށް ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ޒަންގް ލިއޮން ވިދާޅުވެއްޖެ އެވެ.
ޗައިނާ ބަހުން ލިޔެފައިވާ އިއުލާނެއް، ސަފީރު ޒަންގް މިއަދު ޓްވީޓް ކުރައްވައި ވިދާޅުވީ އެ ފްލައިޓްތައް ރާއްޖެ އައިއިރު އެއްވެސް ފަސިންޖަރަކު ނާންނަ ކަމަށެވެ. އެއީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އަންނަ އެ ގައުމުގެ ޓޫރިސްޓުން އަނބުރާ ގައުމަށް ގެންދިއުމަށް އައި ފްލައިޓްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރާއްޖޭގައި މިވަގުތު 5000އެއްހާ ޗައިނާ ޓޫރިސްޓުން ތިބި ކަމަށް ވެ އެވެ.
ސަފީރުގެ ޓްވީޓް ރީޓްވީޓް ކުރައްވައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވެސް ވަނީ އެކަން ޔަގީންކޮށްދީފަ އެވެ.
https://twitter.com/AmbassadorZhang/status/1223134892340310017
ކޮރޯނާ ވައިރަސްއާ ގުޅިގެން ސަރުކާރުން އިއްޔެ ވަނީ ރާއްޖެ އާއި ޗައިނާއާ ދެމެދު ކުރާ ސީދާ ދަތުރުތައް މެދުކަނޑާލާފަ އެވެ.
ޗައިނާއަކީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އަދި މިއީ ޗައިނީސް ނިއު އިޔާ ދުވަސްވަރު ކަމުން އެތައް ހާސް ޗައިނާ ޓޫރިސްޓުންނެއް އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުންނެވެ.

