މިއަދު ކުރިއަށްދާ އެމްޑީޕީގެ ޕްރައިމަރީގެ ވޯޓު ލުމުގައި ގއ. ގެ 3 ރަށެއްގައި ބަހައްޓާފައި ހުރި އެ ޕާޓީގެ ވޯޓު ފޮށިތައް އަންދާލައިފިއެވެ.
އެގޮތުން، މިއަދު އެމްޑީޕީން ކުރިއަށް ގެންދާ ލޯކަލް ކައުންސިލް ޕްރައިމަރީގައި ގއ. ގެމަނަފުއްޓާއި ގއ. ވިލިނގިލި އަދި ގއ. މާމެންދޫގައި ވޯޓް ލާން ބަހައްޓާފައި ހުރި ވޯޓް ފޮށިތައް ވަނީ އަންދާލާފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ 3 ރަށުގެ ވޯޯޓް ފޮށިތައް އަންދާލީ ގއ.އަތޮޅުގެ ޕްރައިމަރީ ބާތިލްކޮށް އަލުން ޕްރައިމަރީ ބާއްވާނެކަން އެމްޑީޕީން އިއުލާން ކުރުމުން އެކަމާއި ހިތްހަމަނުޖެހިގެންނެވެ.
އިންތިޚާބު ބާތިލް ކުރީ ގއ. އަތޮޅު މީހުން މާލޭގައި ވޯޓް ލުން ކުރިއަށް ގެންދިޔަ މަރުކަޒު (ކަލާފާނު ސްކޫލް) ގައި ހުރި ވޯޓް ފޮއްޓެއް ނަގައިގެން މީހަކު ދިއުމުންނެވެ.
ހުވަދު އަތޮޅުގެ ވޯޓްލުން ކުރިއަށް ގެންގޮސްފައިވަނީ ކަލާފާނު ސްކޫލުގައެވެ. ބިޔަ ބޮޑު ހުވަދޫގެ އިތުރުންވެސް ބައެއް އަތޮޅުތަކުގެ އިންތިހާބު ކަލާފާނު ސްކޫލުގައި ކުރިއަށްދިޔުމުން، ވޯޓްލުމަށް ތަފާތު ދަތިތައް ކުރިމަތިވިކަން ވޯޓްލާން ދިޔަ ފަރާތްތަކުން ފާހަގަކުރިއެވެ.
މިގޮތުން އެތައް ބަޔަކު ކިއުގައި ޖެހި ވޯޓްނުލެވި ގަޑިއިރުތަކެއް ހޭދަކުރަން ޖެހުމުން އެކަމުގެ ޝަކުވާ ކަލާފާނު ސްކޫލުގައި ބޮޑުވިއެވެ. އަދި ވޯޓް ކަރުދާސް ދެ ފަހަރެއްގެ މަތިން ހުސްވުމުން، ”ބަޔަކު ވޯޓް ކަރުދާސް ވަގަށް ނެގި“ ކަމުގެ ޝަކުވާ ބޮޑުވިއެވެ.
އަދި ވިލިނގިއްޔަށް ނިސްބަތްވާ ބަޔަކުވަނީ ކަލާފާނު ސްކޫލުގެ ވޯޓްލުމުގެ އިންތިޒާމް ދަށްވުމުން، އެ ”ހޫނު“ ގައި ވޯޓް ފޮށިތައް އުކާލާފައެވެ.
މައްސަލަ ކުރިމަތިވުމާއެކު އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ކަލާފާނު ސްކޫލަށް ވަޑައިގެން ކެންޑިޑޭޓުންނާއި މަންދޫބުންނާއެކު މަޝްވަރާކޮށް ވަގުތީގޮތުން ވޯޓްލުން ހުއްޓާލާ، ރޭގަނޑު9:00 ގައި ވޯޓާއިމެދު ގޮތެއް ނިންމާނެކަމަށް ވިދާޅުވެ އެކަން އިއުލާންކުރިއެވެ.
ހުށަހެޅިފައިވި ޝަކުވާތައް ބެލުމަށްފަހު އެމްޑީޕީއިން ނިންމީ ގއ. ގެ ޕްރައިމަރީ ވޯޓް ބާތިލްކޮށް އަލުން އެހެން ދުވަހަކު ވޯޓްލުމަށެވެ.

