ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޭ އެޅުމުގެ ހިދުމަތްތައް ހަރުދަނާކޮށް އެއް ވިއުގައަކުން ގުޅާލުމުގެ ބޮޑު މަޝްރޫއެއް ދަނީ ކުރިޔަށް!

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް/ ފޮޓޯ: ހެލްތް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ލޭ އެޅުމުގެ ހިދުމަތްތައް ހަރުދަނާކޮށް، މުޅި ރާއްޖެ އެއް ވިއުގައަކުން ގުޅާލުމަށްޓަކައި މުހިންމު މަސައްކަތްތައް ކުރިޔަށްދާކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.

މި މައުލޫމާތު ނާޒިމް ހިއްސާ ކުރެއްވީ، ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނާއި ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނުގެ ދަށުން ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ނުކުރެވި ގިނަ ދުވަސްވަމުންދާތީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅުއްވާފައިވާ ސުވާލަށް ލިއުމުން ހުށަހެޅުއްވި ޖަވާބުގަ އެވެ.

މެމްބަރު ނާޒިމްއާއި ކުރެއްވި ސުވާލުގައި ވަނީ، ގާނޫނުގައި ސަރީހަ އިބާރާތުން ބަޔާންކޮށްފައިވީ ނަމަވެސް، ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި ލޭގެ ހިދުމަތާ ބެހޭ ގައުމީ ނިޒާމެއް ގާއިމުނުކުރެވި ލަސްވަމުންދާ ސަބަބު ސާފުކޮށްދެއްވުމަށެވެ. އަދި ތެލަސީމިއާ ކުދިންނަށް ގަވާއިދުން ލޭ ދޭނެ ފަރާތްތަކާއި، އެ ކުދިން ސެންޓަރަށް ތައާރަފުކޮށްދޭ ފަރާތްތަކުގެ އިތުރުން، ލޭ ހަދިޔާކުރާ މީހުންގެ ތަފްސީލީ ދަފްތަރެއް މިހާތަނަށް ގާއިމުކުރެވިފައި ނުވަނީ ކީއްވެގެންތޯ ސުވާލު ކުރެއްވި އެވެ.

ކުޑޫ ވަނީ މިފަދަ ދަފްތަރެއް ނެތުމުގެ ސަބަބުން، ލޭ ބޭނުންވާ ކޮންމެ ފަހަރަކު އާއިލާތަކުން އަމިއްލައަށް މީހުން ހޯދަން ޖެހުމަކީ ވަރަށް ބޮޑު ދަތިކަމެއްކަން ފާހަގަކުރައްވާފަ އެވެ. އެހެންކަމުން ލޭ ހޯދުމާއި ދިނުމުގެ ނިޒާމަށް ޒަމާނީ ހައްލެއް ގެނައުމަށް ހުރަސް އެޅެނީ ކޮން ސަބަބުތަކަކާ ހުރެތޯ އާއި، މިކަމަށް ދާއިމީ ހައްލެއް ލިބޭނީ ކޮންދުވަހަކުންތޯ ކުޑޫގެ ސުވާލުގައި ވެއެވެ.

ގާތްގަނޑަކަށް މަސް ދުވަސް ފަހުން މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި، ނާޒިމްގެ ޖަވާބު ވަނީ އިއްވާފަ އެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ، ލޭގެ ބަލިތަކަށް ހާއްސަ ވަށައިޖެހޭ ފަރުވާގެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން، މިހާތަނަށް ރާއްޖޭގެ ހަތަރު ސަރަޙައްދެއްގައި ބްލަޑް ބޭންކް ގާއިމުކޮށް ނިމިފައިވާކަމަށެވެ.

މީގެ އިތުރުން، ތެލެސީމިއާ ކުދިންނާއި ގަވާއިދުން ލޭ އަޅަންޖެހޭ ފަރާތްތަކަށް ފަސޭހަކަމާއެކު ހިޚިދުމަތް ދިނުމަށްޓަކައި 108 ރަށެއްގައި ޓްރާންސްފިއުޝަން ސެންޓަރުތައް ގާއިމުކުރެވި، މި ސެންޓަރުތަކަށް ބޭނުންވާ ލެބޯޓްރީ ޓެކްނޮލޮޖިސްޓުންގެ ވަޒީފާ ހަމަޖައްސާފައިވާކަމަށް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ލޭ އެޅުމުގެ ހިދުމަތް ބައްޓަންކުރުމަށްޓަކައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއެކު ”ނެޝަނަލް ބްލަޑް ސްޓެންޑާޑް“ އެކުލަވާލައި ވަނީ ނިންމާފަ އެވެ. ދެ އަހަރެއްހާ ދުވަހުގެ މަސައްކަތުން އެކުލަވާލި މި މިންގަނޑު މި ހިނގާ މާޗް މަހުގެ ތެރޭގައި ރަސްމީކޮށް އިފްތިތާހު ކުރުމަށް ތައްޔާރުވެފައިވާކަމަށް ނާޒިމް ވިދާޅުވި އެވެ.

ޓެކްނޮލޮޖީގެ ރޮނގުން ގެނެވޭ ބަދަލުތަކާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ، DHIS2 ސޮފްޓްވެއަރ މެދުވެރިކޮށް ލޭގެ ހިދުމަތުގެ ތަފާސްހިސާބުތައް ވަގުތުން ބަލާލެވޭނެ ނިޒާމެއް މިހާރު ވަނީ ގާއިމުކުރެވި ކަމަށެވެ. އަދި މިހާރު މެނުއަލްކޮށް ބަލަހައްޓަމުންދާ ލޭ ހަދިޔާކުރާ ފަރާތްތަކުގެ ރަޖިސްޓްރީ އޮންލައިން ސިސްޓަމަކަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ފެށިފައިވާކަން ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ނާޒިމް ވިދާޅުވީ ތެލެސީމިއާ ކުދިންގެ ޤައުމީ ދަފްތަރު ވަން-ގަވް މެދުވެރިކޮށް ބެލެހެއްޓުމުގެ މަސައްކަތް 2026 ޖެނުއަރީގައި ފެށިގެންދާއިރު، ޑޯނަރ ރަޖިސްޓްރީއާއި ހާއްސަ އެޕްލިކޭޝަނެއް 2026 އޮކްޓޯބަރުގެ ނިޔަލަށް ބޭނުންކުރަން ފެށޭނެ ކަމަށެވެ.

ނާޒިމް މި ޒަމާނީ ބަދަލުތަކާއެކު، ލޭ ހަދިޔާކުރާ ފަރާތްތަކުގެ މައުލޫމާތާއި ލޭގެ ގްރޫޕްތައް ލިބެން ހުރި ސަރަޙައްދުތައް އެނގޭނެ ގައުމީ ޑޭޓާ-ބޭސްއެއް އުފެދި، ލޭ ހޯދުމުގައި ކުރިމަތިވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: