ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައިމުޅަވުމުން ތަރިކައިން ގޯތި ލިބޭ ގޮތް ނުވުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެއް، ހައްލެއް ބޭނުންވޭ: ކުޑޫ

ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ): ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މައިމުޅަވުމުގެ ސަބަބުން ތަރިކައިން ބަންޑާރަ ގޯތި ނުލިބޭ ގޮތަށް އޮންނަ އޮތުން ބަދަލު ކުރަން ބިމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހާއި އެކު، އެފަދަ ހާލަތެއްގައި ތިބި އެތައް އާއިލާއަކަށް ނިސްބަތްވާ ރައްޔިތުންގެ ޝަކުވާ ލިބުނުކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގެ ދަށުން މައިމުޅަވުމުގެ ސަބަބުން ބިން ލިބުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން، ކުޑޫ މަޖިލީހަށް އިސްލާހެއް ހުށަހެޅުއްވީ މިދިޔަ ފެބްރުއަރީ މަހު އެވެ. މި އިސްލާހުގެ މަގުސަދެއްކަމަށް ބުނެފައި ވަނީ، ތަރިކައިގެ އުސޫލުން ބައި ނުލިބުނު ކަމުގައި ވިޔަސް، ބޯހިޔާވަހިކަމުގެ ދަތިކަން ހުރި މައިމުޅަ ދަރިންނަށް ބަންޑާރަ ބިމުން ހިއްސާއެއް ހޯދައިދީ، އެ ފަރާތްތަކުގެ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމެވެ.

މި އިސްލާހު ހުށަހަޅުއްވައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޑޫ ވިދާޅުވީ، ބިމާބެހޭ ގާނޫނުގެ 15 ވަނަ މާއްދާއާއި 17 ވަނަ މާއްދާ މިހާރު ބަޔާން ކުރާ ގޮތުން، މައިމުޅަވުމުގެ ސަބަބުން އާއިލާގެ ބައެއް މެންބަރުންނަށް ބިމުން ބައި ނުލިބޭ ހާލަތްތައް ކުރިމަތިވަމުންދާ ކަމަށެވެ. މީގެ ސަބަބުން މުޖުތަމައުގެ ތެރޭގައާއި އާއިލާތަކުގެ މެދުގައި ބޮޑެތި އަރާރުންތައް އުފެދި، ބޭއިންސާފު ގިނަ ކަންތައްތަކެއް ހިނގަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މެމްބަރު ވިދާޅުވި ގޮތުގައި، މި އިސްލާހަކީ އަމިއްލަ މިލްކިއްޔާތުގައި ހުންނަ ބިންތަކާ ގުޅޭ އިސްލާހެއް ނޫނެވެ. އަދި މިއީ ސީދާ ދައުލަތުގެ މި ބަންޑާރަ ބިމުގެ މައްޗަށް ދައުލަތުގެ މިލްކުވެރިކަން އޮންނާތީ، އެފަދަ ބިންތައް ވާރުތަކުރުމުގައި ދައުލަތުން ވަކި އުސޫލުތަކެއް ކަނޑައެޅުމަކީ އިސްލާމީ ޝަރީއަތާ ހިލާފުވުންކަމަށް ނުދެކޭކަމަށް ވިދާޅުވިއެވެ.

ކުޑޫ ފާހަގަކުރެއްވި ގޮތުގައި ބަންޑާރަ ބިމަކީ ދައުލަތުގެ ބިމަކަށް ވެފައި، އެ ބިމުގެ މިލްކުވެރިކަމުގައި ދައުލަތުގެ ހިއްސާ އޮންނާތީ، ބިން ވާރުތަކުރުމުގައި ޝަރުތުތަކެއް ކަނޑައެޅުމުގެ ބާރު ދައުލަތަށް އޮންނަންވާނެއެވެ. ކުޑޫ ވިދާޅުވީ މިއީ ވާރުތަ މުދަލާ ބެހޭގޮތުން ޝަރީއަތުގައި އޮންނަ އުސޫލުތަކަށް ގޮތްކިއުން ނޫން ކަމަށެވެ.

މި އިސްލާހު ހުށަހެޅުމުން، މިފަދަ މައްސަލަތައް ކުރިމަތިވެ ކަންބޮޑުވުމެއްގެ ތެރޭގައި ތިބި އާއިލާތަކަށް ނިސްބަތްވާ އެތައް ބައެއްގެ ޝަކުވާ ލިބުނުކަން ކުޑޫ ފާހަގަކުރެއްވިއެވެ.

ބިމުގެ މިލްކުވެރިކަމުގައި ހިއްސާވާ ދައުލަތުން ބިން ވާރުތަކުރުމުގައި ޝަރުތުތަކެއް ކަނޑައެޅުމަކީ އިސްލާމީ ޝަރީއަތުގައި މިކަން އޮންނަ ވާރުތައަށް މުދާ ލިބުމަށް އޮންނަ އޮތުމަށް ގޮތްކިއުންކަމަށް އަޅުގަނޑު ނުދެކެން އަދި އެއީ ވާރުތަ މުދަލުން އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފުވުންކަމަށް ވެސް ބުނެވޭކަށް ނެތް. މިހާރު ކަން އޮތް ގޮތަކީ މިކަމަކީ ރާއްޖޭގައި އާންމުކޮށް އެކަމެއް ކުރީއްސުރެވެސް އޮތް ކަމެއް. ހަމަގައިމުވެސް މިއިސްލާހު އަޅުގަނޑު ހުށަހެޅުމާ އެކުވެސް ވަރަށް ގިނަ މީހުން އަޅުގަނޑަށް ގުޅާފައި ބުނީ މިހެން މިހެން ވެގެން ގެ ނުލިބޭ ގޮތަށް ވެއްޖޭ. އަދި ސާފުކޮށް ދަންނަވާލަން މިދައްކަނީ އަމިއްލަ ބިމުގެ ވާހަކައެއް ނޫން. މިދައްކަނީ ބަންޑާރަ ބިމުގެ ވާހަކަ. އެހެންވީމާ އަޅުގަނޑު އެދެނީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން މިއާއި މެެދު ދެކެވަޑައިގަންނަވާ ގޮތެއް ވިސްނާވަޑައިގަންނަވާ ގޮތެއް ރަނގަޅަށް ވިސްނާވަޑައިގަންނަވާ މިކަމަށް ހައްލެއް ގެނެވޭނެ ގޮތަކަށް މިކަން ނިންމަވާ ދެއްވުން.

ކުޑޫ ވަނީ އޭނާ ހުށަހަޅާފައިވާ މި އިސްލާހަށް މަޖިލީހުގެ މެމްބަރުން ތާއީދު ކުރައްވައި، ފުންކޮށް ވިސްނައި ދިރާސާ ކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި މައިމުޅަވާ ކުދިންނަށް ކުރިމަތިވާ މި ބޭއިންސާފަށް ގާނޫނީ ހައްލެއް ހޯދައިދީ، ރައްޔިތުންނަށް އިންސާފު ލިބޭނެ ގޮތަކަށް މިކަން ނިންމަވައިދެއްވުމަށް ވެސް އެދިވަޑައިގަތެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނު އޮތްގޮތުން، ބަންޑާރަ ގޯއްޗެއް ދޫކޮށްފައިވާ މީހަކު މަރުވުމުން އެ ގޯއްޗަކާއި އިމާރާތް ބަހާނީ ހަމައެކަނި ތަރިކައިގެ އުސޫލުން މުދާ ލިބޭ މީހުންގެ މެދުގަ އެވެ.

އިސްލާމީ ޝަރީއަތުގައި ”މައިމުޅަވުމުން“ (މައިންބަފައިން ދުނިޔޭގައި ތިއްބާ ދަރިން މަރުވާ ހާލަތްތަކުގައި، އެ މަރުވި ދަރިންގެ ދަރިންނަށް) ތަރިކައިން ބައި އުނިވާތީ، މިހާރު ކޯޓުތަކުން ވެސް އަމަލުކުރަމުން ދަނީ އެ އުސޫލަށެވެ. ނަތީޖާއެއްގެ ގޮތުން، ކާފަ ނުވަތަ މާމަގެ ތަރިކަ ބަންޑާރަ ގޯތިން މިފަދަ ކުދިންނަށް ބައި ލިބޭނެ ގާނޫނީ މަގެއް މިހާތަނަކަށް ނެތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: