ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައިމުޅަވުމުން ތަރިކައިން ގޯތި ލިބޭ ގޮތް ހެދުމަށް އިސްލާހު ހުށަހަޅަން ޖެހޭނީ އާއިލާއާއި ބެހޭ ގާނޫނަށް: ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މައިމުޅަވުމުގެ ސަބަބުން ތަރިކައިން ބަންޑާރަ ގޯތި ނުލިބޭ ގޮތަށް އޮންނަ އޮތުން ބަދަލު ކުރަން ބިމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު އަންނަން ޖެހޭނީ އާއިލާއާއި ބެހޭ ގާނޫނަށްކަމަށް ހުޅުމާލެ ދެކުނު ދާއިރާ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

މައިމުޅަވުމުގެ ސަބަބުން ތަރިކައިން ބަންޑާރަ ގޯތި ނުލިބޭ ގޮތަށް އޮންނަ އޮތުން ބަދަލު ކުރަން ބިމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. މި އިސްލާހުގެ މަގުސަދެއްކަމަށް ބުނެފައި ވަނީ، ތަރިކައިގެ އުސޫލުން ބައި ނުލިބުނު ކަމުގައި ވިޔަސް، ބޯހިޔާވަހިކަމުގެ ދަތިކަން ހުރި މައިމުޅަ ދަރިންނަށް ބަންޑާރަ ބިމުން ހިއްސާއެއް ހޯދައިދީ، އެ ފަރާތްތަކުގެ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމެވެ.

ބިލުގެ ބަހުސް މަރުހަލާގައި ޝަމްހީދު ވަނީ، މިއީ ދާއިމީ ހައްލެއް ބޭނުންވާ މައްސަލައެއްކަމަށް ވާތީ އިސްލާހު ބޭނުން ވަނީ ބިމާއީ ބެހޭ ގާނޫނަށް ނޫންކަމަށް ވިދާޅުވެފަ އެވެ. ގާނޫނީ ފުރިހަމަ ހައްލެއް ގެނައުމާއި ގުޅޭގޮތުން ޝަމްހީދު ވިދާޅުވީ، ބިލް ޑްރާފްޓް ކުރެވިފައިވާ ގޮތުން ބިމުގެ ވާރިސުންގެ ގޮތުގައި ބެލެވެނީ ހަމައެކަނި ތަރިކައިން މުދާ ވާރުތަވާ ފަރާތްތައް އެކަނި ކަމަށެވެ. މީގެ ސަބަބުން، ކާފަ ނުވަތަ މާމަ ދުނިޔޭގައި ހުއްޓާ މަންމަ ނުވަތަ ބައްޕަ ނިޔާވެއްޖެ ނަމަ، އެ ކުދިންނަށް ކާފަ ނުވަތަ މާމަގެ މުދަލުން އެއްވެސް މިންވަރެއް ނުލިބި މަހްރޫމްވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝަމްހީދު ވިދާޅުވި ގޮތުގައި މިއީ ހަމައެކަނި ބިމާ ގުޅޭ މައްސަލައެއް ނޫނެވެ. މިއީ އެ ކުދިންގެ ކާފަ ނުވަތަ މާމަގެ ފައިސާ އާއި އެހެނިހެން މުދަލުން ވެސް މަހްރޫމްވާ މައްސަލައެއްކަން ފާހަގަކުރައްވައި ވިދާޅުވީ އިސްލާމީ ގިނަ ގައުމުތަކުގައި މިކަމަށް އޮންނަ ހައްލަކީ ”ވަސިއްޔަ ވާޖިބާ“ ގެ އުސޫލު ކަމަށެވެ. ޝަމްހީދު ވިދާޅުވީ މިސްރު، ސޫރިޔާ، އުރުދުން، ކުވައިތު، އަދި ޔޫއޭއީ ފަދަ ގައުމުތަކުގައި އާއިލާއާ ބެހޭ ގާނޫނުގެ ތެރެއިން މިކަމަށް ހައްލު ހޯދާފައިވާކަމަށެވެ. އެހެންކަމުން މި އިސްލާހު އަންނަން ޖެހޭނީ އާންމުކޮށް ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މިކަންކުރާ ގޮތަށް އާއިލާއާ ބެހޭ ގާނޫނު ނުވަތަ ވާރުތަ މުދަލާ ބެހޭ ގާނޫނަށްކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، މިހާރު ހުށަހަޅާފައިވާ އިސްލާހުގައި، ހަމައެކަނި ބިމެއް ނެތް މައިމުޅަވާ ކުދިންނަށް ބިން ލިބޭ ގޮތަށް އޮތް އޮތުމަށް އޭނާ ފާޑުވިދާޅުވިއެވެ. ޝަމްހީދު ވިދާޅުވި ގޮތުގައި އެހެން ވާރިސުންނަށްވެސް ބިން ލިބޭ އުސޫލުން، އެއްވެސް ތަފާތުކުރުމެއް ނެތި މައިމުޅަވާ ކުދިންނަށްވެސް އެ ހައްގު ލިބެންޖެހޭނެއެވެ.

މީގެ އިންނަނީ އާންމުކޮށް އިސްލާމީ ޝަރީއަތް، އިސްލާމީ ގައުމުތަކުގައި މީގައި ލިބޭ މިންވަރު އިންނަނީ ކަނޑައެޅިފައި. އެހެންވީމަ މީ ހަމައެކަނި މައިމޮޅުވާ ކުދިންގެ ތެރެއިން މުދަލެއް ނެތް ފަރާތަކަށް ނޫނީ ބިމެއް ނެތް ފަރާތަކަށް ލިބޭ ގޮތަށް މިއަދު މި އޮތް ޑްރާފްޓް ކޮށްފައިވާ ޑްރާފްޓް ކޮށްފައި އޮތްގޮތަކަށް އަޅުގަނޑަކަށް ބަލައެއް ނުގަނެވޭ. އަދި އެހެންކަމުން ޝަރުއީ މާއްދާއަށް މި އޮތް ޑްރާފްޓްގެ ޝަރުއީ އެއް ނޫނެކޭ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އޮންނަން ޖެހޭ މާއްދާއެއް ނޫން. މިއަށް އިތުރު ފުރިހަމަކަމާ އެކީގަ މައި މޮޅުވާ ކުދިންނަށް އެބޭފުޅުންގެ މުދާ ލިބުން އެއީކީއެއް ރަނގަޅު ގޮތެއް ނޫން އެއްވެސް ގޮތަކަށް. އެހެންވީމަ މީގަ ދުނިޔޭގަ މިއަދު އެސްޓަބްލިޝްވެފަވާ ހައްލު އަޅުގަނޑު ކުރިން ދެންނެވިހެން އެބޭފުޅުން މިކިޔާ ވަސިއްޔަ ވާޖިބާގެ އުސޫލު އަޅުގަނޑުމެން ކޮންމެވެސް ގާނޫނެއްގަ ގާއިމްކުރީމާ.

މި މައްސަލައާ ގުޅޭގޮތުން ރާއްޖޭގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު ދިރާސާ ލިއުންތަކެއް އާންމު ކުރައްވާފައިވާތީ، އެއަށް ރިއާޔަތް ކުރައްވައި ޝަމްހީދު ވިދާޅުވީ، މިއީ ރާއްޖެއަށް އާ ކަމެއް ނޫންކަމަށާއި، މިކަމަށް ފުރިހަމަ ގާނޫނީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ.

ބިމާބެހޭ ގާނޫނަށް ގެންނަ މި އިސްލާހަކީ މިވަގުތަށް ވަރަށް ކުއްލި ހާލަތެއް ކަމުގައިވާނަމަ އެކަމަށް ތާއީދުކުރެއްވި ނަމަވެސް، އެންމެ ރަނގަޅު ގޮތަކީ ހުރިހާ މުދަލަކުން އެ ކުދިންނަށް ހައްގުވާ މިންވަރު ލިބޭނެހެން ”ވަސިއްޔަ ވާޖިބާ“ ގެ އުސޫލު ގާނޫނުގައި ހިމެނުންކަމަށް ޝަމްހީދު ވިދާޅުވި އެވެ.

އެމްޑީޕީގެ މެމްބަރު ކުޑޫ ހުށަހެޅުއްވި މި އިސްލާހަށް، ފުރިހަމައަށް ތާއީދު ނުކުރައްވާ މޭރުމަކުން ޝަމްހީދު ވާހަކަ ދެއްކެވިއިރު އެމްޑީޕީއަށް ކަނޑައަޅާފައިވާ ވަގުތުން ފުރުސަތަށް އެދުމުން، އެ ފުރުސަތު ނުދިނުމުން ޝަމްހީދު ވަނީ ނުރުހުންފާޅު ކުރައްވާފަ އެވެ. އެވަގުތު މަޖިލީހުގެ ތަޅުމުގައި ހުންނެވި މަރަދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޑެޕިއުޓީ ލީޑަރަށް އިޝާރާތްކޮށް ޝަމްހީދު ވާހަކަދެއްކެވުމުން ރިޔާސަތުގައި ހުންނެވި ނައިބު ރައީސް އަހުމަދު ނާޒިމް އެކަން ހުއްޓުވައި، ހަމައެކަނި މަޖިލީހުގެ ރިޔާސަތާއި ވާހަކަ ދެއްކުމަށް ވެސް ވިދާޅުވި އެވެ.

ޕާޓީގެ ވަގުތު ދެއްވުމަށް އެދި ޝަމްހީދު ވިދާޅުވީ އެމްޑީޕީގެ މެމްބަރަކު ވާހަކަ ދެއްކުމަށް އެދިފައި ނެތް އިރު، ޕީޖީ ގުރޫޕުން ފުރުސަތުތައް ހަނިވާގޮތަށް ކަންކަން ހިނގައިގެން ނުވާނެކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: