ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިރާއްޖެ ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި ކަނޑައަޅައިފި: ރައީސް

ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމަންވެލްތުގެ ހުރިހާ ޤައުމެއްގެ ފުރިހަމަ ތާޢީދާއެކު ރަސްމީކޮށް ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅައިފި ކަމަށް ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ވުމުގެ ހުރިހާ ޝަރުތެއް ފުރިހަމަކޮށް، ދިވެހިރާއްޖެއިން ކޮމަންވެލްތުގެ މެމްބަރަކަށް އަލުންވުމަށް ހުށަހެޅި ހުށަހެޅުން ކާމިޔާބުވެފައިވާކަން އަންގަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑް ފޯނުން ގުޅުއްވުމަށްފަހުއެވެ.

ދިވެހިރާއްޖެ ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި ކަނޑައެޅިކަން އިއުލާން ކުރައްވައި ރައީސް ސާލިޙް ކުރެއްވި ޓުވީޓުގައި ވިދާޅުވ ީކޮމަންވެލްތުގެ ހުރިހާ ޤައުމެއްގެ ފުރިހަމަ ތާޢީދާއެކު ރަސްމީކޮށް ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅިއްޖެ ކަމުގެ އުފާވެރި ޚަބަރު ސެެކެޓްރީ ޖެނެރަލް  ދެއްވައިފި ކަމަށެވެ. އަދި މިއީ ދިވެހި ރައްޔިތުންނަށް ބައިނަލްއަޤްވާމީ މަސްރަޙުގައި ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ. 

https://twitter.com/ibusolih/status/1223509744050003968

ރާއްޖެއިން ކޮމަންވެލްތްގައި އަލުން ބައިވެރިވާން ހުށަހެޅީ 2018 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ހަތް ވަނަ ދުވަހު އެވެ. ކޮމަންވެލްތްގައި އަލުން ބައިވެރިވާން ހުށަހެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެގޮތުން ކޮމަންވެލްތަށް އަލުން ވަނުމަށް ހުށަހަޅައި، އެމަސައްކަތް ކުރިއަށް ގެންދެވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް 17 ނޮވެމްބަރު 2018 ވަނަ ދުވަހު މަޤާމުގެ ހުވާ ކުރެއްވުމަށްފަހު ނިންމެވި އެންމެ ފުރަތަމަ އެއްކަންތަކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމަށް ސަރުކާރުގެ ފުރަތަމަ ހަފްތާތެރޭ ކެބިނެޓުން ރުހުން ދެއްވުމުން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވައި، ދިވެހި ރައްޔިތުންގެ އުއްމީދުތަކާއި އެއްގޮތަށް ކޮމަންވެލްތަށް ވަނުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ދީފައެވެ.

ކޮމަންވެލްތަށް އަލުން ވަނުމަށް ދިވެހިރާއްޖެއިން ހުށަހެޅުމުން، 2019 ޖެނުއަރީގައި ކޮމަންވެލްތު ސެކްރެޓޭރިއެޓްގެ ފުރަތަމަ އެސެސްމަންޓް ޓީމް ރާއްޖެއަށް ވަޑައިގެން، ކަމާއި ގުޅުންހުރި ފަރާތްތަކާއި ބައްދަލުކުރައްވައި، ރާއްޖޭގެ ފުރަތަމަ އެސެސްމަންޓް ހެއްދެވިއެވެ. އަދި 2019 ވަނަ އަހަރުގެ އެޕްރީލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒާވްކުރުމަށް ކޮމަންވެލްތު އޮބްޒާވަރ ގްރޫޕެއް ރާއްޖެއަށް ޒިޔާރަތްކުރެއްވިއެވެ.

ކޮމަންވެލްތުގެ މެމްބަރަކަށްވުމަށް ދިވެހިރާއްޖެއިން ހުށަހަޅަން ޖެހޭ ހުރިހާ ޑޮކިއުމެންޓެއް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާއި 2019 ޖޫން 12 ވަނަ ދުވަހު މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ލަންޑަނަށް ވަޑައިގެން ހަވާލުކުރެއްވިއެވެ. އަދި 2019 އޮގަސްޓްގައި ކޮމަންވެލްތުގެ ދެވަނަ އެސެސްމަންޓް މިޝަން ރާއްޖެއަށް ޒިޔާރަތްކުރައްވައި، ކަމާ ބެހޭ ފަރާތްތަކާއި ބައްދަލުކުރެއްވިއެވެ.

ދިވެހިރާއްޖެއިން ކޮމަންވެލްތަށް އަލުން މިވަނީ އެޖަމްއިއްޔާގެ 54 ވަނަ މެމްބަރު ޤައުމުގެ ގޮތުގައެވެ. ދިވެހިރާއްޖެއިން މީގެ ކުރިން ކޮމަންވެލްތުގެ މެމްބަރު ޤައުމެއްގެ ގޮތުގައި އޮތް އިރު ވަރަށް ގިނަ ހަރަކާތްތަކެއްގައި ދިޔައީ ބައިވެރިވަމުންނެވެ.

އެގޮތުން ޒުވާނުންނާއި، ސިއްހަތާއި، ތައުލީމުގެ އިތުރުން އަންހެނުންގެ ހައްގުތަކުގެ ދާއިރާފަދަ ދާއިރާތަކުގައި މުހިއްމު މަސައްކަތްތަކެއް ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ކޮށްފައިވެއެވެ. 1992 ވަނަ އަހަރު ކޮމަންވެލްތު ޔޫތު މިނިސްޓަރުންގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ ދިވެހިރާއްޖޭގައެވެ. އަދި ކޮމަންވެލްތު ގޭމްސްގައިވެސް ރާއްޖެއިން ފުރިހަމަޔަށް ބައިވެރިވަމުން އައިސްފައިވާއިރު، 2022 ވަނަ އަހަރު އިނގިރޭސިވިލާތުގެ ބަރމިންހަމްގައި ބާއްވާ ކޮމަންވެލްތު ގޭމްސް ވެގެންދާނީ އެކި ކުޅިވަރުތަކުގައި ދިވެހި އެތުލީޓުންނަށް ވާދަކޮށްލަން ލިބޭ ރަނގަޅު ފުރުސަތަކަށެވެ.

ކޮމަންވެލްތުގެ ވެފައިވަނީ ބައިނަލްއަޤްވާމީ އެހެން ޖަމްއިއްޔާތަކަށްވުރެ ބޮޑަށް ކުދި ޤައުމުތަކުގެ މައްސަލަތަލަށް ފަރިތަ ޖަމްއިއްޔާއަކަށެވެ. މީގެ ކުރީގެ ތަޖުރިބާއަށް ބިނާކޮށް، ކުރިއަށް އޮތްތަނުގައި މޫސުމީ ބަދަލުތަކުގެ މައްސަލަތަކާއި، ވިޔަފާރިއާއި، ޒުވާނުން ބާރުވެރިކުރުވުމާއި، ހެޔޮވެރިކަމާއި، މީހުން ބިނާކުރުމާއި މިންތީގެ ހަމަހަމަކަމާއި އަދުލުއިންސާފުގެ ދާއިރާތަކުން ދިވެހިރާއްޖެއާއި ކޮމަންވެލްތާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވެން އެބަހުއްޓެވެ.

މި އަހަރު ރުވާންޑާގެ ވެރިރަށް ކިގާލީގައި ބާއްވާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެ، ޖަމްއިއްޔާގެ ފުރިހަމަ މެމްބަރެއްގެ ގޮތުގައި ހަރަކާތްތެރިވާނެއެވެ. އަދި ކޮމަންވެލްތުގެ ސަބްސިޑަރީ ޖަމްއިއްޔާތަކުގައިވެސް ދިވެހިރާއްޖެއިން ބައިވެރިވެ، ބިނާކުރަނިވި މަސައްކަތްތަކެއް ކުރާނެއެވެ.

ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމައި، މަޖިލީހުން އޭރު ފާސްކުރީ، އޮކްޓޯބަރު، 13، 2013 ގަ އެވެ. ރާއްޖެ އޭރު ކޮމަންވެލްތުން ވަކިވާން ނިންމީ، ސަރުކާރުގެ އޭރުގެ އަމަލުތަކާ ގުޅިގެން އެ ޖަމާއަތުން ރާއްޖެ ސަސްޕެންޑް ކުރަން މަސައްކަތް ކުރުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: