ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުން މަޑުޖައްސައިލުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ފޯޅަވަހީގެ ކުރިމަގާއި އެ ސަރަޙައްދު ބެލެހެއްޓުމުގައި ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ މަޞްލަޙަތު އޮތްކަން ފާހަގަކުރަމުން، އިނގިރޭސިވިލާތުގެ މި ނިންމުމަކީ ދިވެހިރާއްޖެއާއެކު އަލުން މަޝްވަރާތައް ފެށުމަށް ލިބުނު ރަނގަޅު ފުރުޞަތެއް ކަމުގައި ރާއްޖެއިން ދެކޭ ކަމަށެވެ.
ދިވެހިރާއްޖޭގެ ޙައްޤުތަކަށް އިޙްތިރާމްކުރާ، ސަރަޙައްދީ ހަމަޖެހުމަށް ބާރުދޭ، އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތްވާނެ ފަދަ އިންސާފުވެރި ހައްލެއް ހޯދުމަށް އިނގިރޭސި ސަރުކާރަށް ދިވެހިރާއްޖެއިން ކުރާ އިލްތިމާސް ކުރާ ކަމަށް ވަނީ ބުނެފައެވެ.
މިއީ އިންޑިއާ ކަނޑުގެ ދެމެހެއްޓެނިވި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ނުހަނު ބޭނުންތެރި ކަމެއްކަމެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު އޮތް ގުޅުން ގޯސްވަމުން އަންނަ ދަނޑިވަޅެއްގައި އެމެރިކާގެ ރަސްމީ ހުއްދަ ނުލިބުމުގެ ސަބަބުން، ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން މޮރިޝަސްއާއެކު ވެފައިވާ އެއްބަސްވުމަށް އަމަލުކުރުން އެ ގައުމުން މަޑުޖައްސާލީ އިއްޔެއެވެ.
ޗާގޯސް ރަށްތައް މޮރިޝަސްއަށް ދިނުމާ އެންމެ ފުރަތަމަ ވެސް ޓްރަމްޕް ދެކޮޅުހެއްދެވިއެވެ. ނަމަވެސް، މިދިޔަ ފެބްރުވަރީ މަހުގެ ކުރީކޮޅު ޓްރަމްޕް ވަނީ ކުއްލި ގޮތަކަށް ޚިޔާލު ބަދަލުކުރައްވައި، އެއްބަސްވުމަށް ތާއިދުކުރައްވާ މޭރުމަކުން ވާހަކަދައްކަވައިފައެވެ.
އޭގެ ފަހުން އަނެއްކާވެސް ޓްރަމްޕް ވަނީ، އެ އެއްބަސްވުން އުވާލުމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާއަށް އިލްތިމާސް ކުރައްވާފައެވެ. އެ އެއްބަސްވުމާ ޓްރަމްޕް ދެކޮޅުހައްދަވަނީ، ޗާގޯސްގެ ޑިއޭގޯ ގާސިއާގައި ހަދައިފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒާ ގުޅޭ ކަންބޮޑުވުންތައް އޮތް ކަމަށް ވިދާޅުވެއެވެ.
މިދިޔަ އަހަރު މެއި މަހު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން، އެ ސަރަހައްދުގެ ކޮންޓްރޯލް މޮރިޝަސްއާ ހަވާލުކުރުމަށް ފަހު ވެސް، ޑިއޭގޯ ގާސިއާ އޮންނަނީ 99 އަހަރަށް ކުއްޔަށް ދީފައެވެ. އެއީ އަހަރަކު އެވްރެޖްކޮށް 35 ބިލިއަން ޕައުންޑްގެ ކުއްޔަކަށެވެ.
ރާއްޖެއަށް ޗާގޯސް ހޯދުމާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު އިނގިރޭސިވިލާތުގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ޗާގޯސް ލިބުން އެންމެ ހައްގު ގައުމަކީ ރާއްޖެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މޮރިޝަސްއާ ޗާގޯސް ހަވާލުކުރަން އިނގިރޭސިވިލާތުން ހެދި އެއްބަސްވުމަށް ރާއްޖޭން މީގެ ކުރިން ދެކޮޅު ހަދައިފައިވާތީ، އިނގިރޭސިވިލާތުން މީގެ ކުރިން ދީފައިވާ ރައްދެއްގައި ވަނީ، ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި ހިމެނެނީ ޔޫކޭއާއި މޮރިޝަސް އެކަނި ކަމަށެވެ.

