މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ހުސެއިން ފަހުމީ އައްޔަނުކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ވަނީ އޭނާ އެ މަގާމަށް އައްޔަނުކޮށްފައިވާކަން ރަސްމީކޮށް ހާމަކޮށްފައެވެ.
ފަހުމީ މި މަގާމަށް އައްޔަނުކުރެއްވީ އެމްޑަބްލިޔުއެސްސީގެ އެމްޑީގެ މަގާމުގައި ހުންނެވި އަބްދުލް މަތީން އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ފަހުމީއަކީ މީގެ ކުރިން ސްޓެލްކޯގައި 27 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ސްޓެލްކޯގެ އެމްޑީގެ މަގާމުން ވަކިކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ.
މަގާމަށް އައްޔަނުކުރެވުމާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ، ”ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓޭޓް، ޕޮލިސީ އެންޑް މެނިފެސްޓޯ ސެކްޝަންގައި ދައުލަތަށް ޚިދުމަތް ކުރުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ރައީސަށް ޝުކުރު އަދާކުރަން“ ކަމަށެވެ. މީގެ އިތުރުން ރައީސް އޮފީހުގެ މަސައްކަތްތަކުގައި އެ އޮފީހުގެ އިސްވެރިންނާއި މުވައްޒަފުން ދެއްވި އެއްބާރުލުމަށްވެސް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ފަހަކަށް އައިސް ސަރުކާރުގެ އެކި ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަނީ މަގާމުތަކުން އިސްތިއުފާ ދެއްވަން ފައްޓަވާފައެވެ. އެގޮތުން އެމްޕީއެލްގެ އެމްޑީ އާއި މިފްކޯގެ ސީއީއޯގެ އިތުރުން ފެނަކައިގެ ވެރިންވެސް ވަނީ މިދިޔަ ދެ ހަފުތާގެ ތެރޭގައި އިސްތިއުފާ ދެއްވާފައެވެ.
ކުންފުނިތަކުގެ އިސްވެރިން މަގާމުތަކުން ވަކިކުރުމާއި އިސްތިއުފާ ދިނުން އިތުރުވެފައިވާއިރު، ފެނަކަ އާއި އެޗްޑީސީގެ ބައެއް އިސް މަގާމުތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. ނަމަވެސް، މި ބަދަލުތައް ގެންނަ ސަބަބެއް މިހާތަނަށް ސަރުކާރުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

