އަޅުގަނޑުމެންގެ ހަށިގަނޑުގެ އެންމެ މުހިއްމު އެއް ގުނަވަނަކީ ހިތެވެ. ގިނަ ފަހަރަށް ޅެންވެރިކަމާއި ލޯބީގެ ވާހަކަތަކުގައި ”ހިތް“ ބޭނުންކުރެވެނީ މަޖާޒީ ގޮތަކަށެވެ. ”ހިތް ކުޅިގަނޑަކަށް ނުހަދާށޭ“ ބުނާއިރު، އޭގެ ފަހަތުގައި ސިއްހީ ގޮތުން ބޮޑު ހަގީގަތްތަކެއް އެބައޮތެވެ. ހިތަކީ ހަގީގަތުގައިވެސް ކުޅިގަނޑެއް ނޫނެވެ. އެއީ ހަށިގަނޑުގެ އިންޖީނެވެ.
ހިތުގެ މަސައްކަތްތަކަށް ބަލާއިރު، މިއީ ހައިރާންވާފަދަ ވަރުގަދަ ގުނަވަނެކެވެ. އިންސާނަކު ދިރިހުރިހާ ހިނދަކު، ހިތުގެ ވިންދު ކޮންމެ ދުވަހަކު ގާތްގަނޑަކަށް 100،000 ފަހަރު ޖަހައެވެ. މި ވިންދު ޖެހުމުގައި އެއްވެސް މެދުކެނޑުމެއް ނުވަތަ ”ބްރޭކެއް“ ނޯވެއެވެ. ނިދާފައި އޮންނަ އިރުވެސް އަދި ހޭލާ ހުންނަ އިރުވެސް، ހިތް އޭގެ ވާޖިބު އަދާކުރުމުގައި ދެމިއޮވެއެވެ.
މި ކުޑަކުޑަ ”ޕަމްޕުގެ“ މައިގަނޑު މަސައްކަތަކީ ހަށިގަނޑުގެ ބޮލުގެ އިސްތަށިގަނޑުން ފެށިގެން ފައިގެ ނިޔަފައްޗާ ހަމައަށް ބޭނުންވާ އޮކްސިޖަން އާއި ނިއުޓްރިއަންޓްސް ފޯރުކޮށްދިނުމެވެ. ހަށިގަނޑުގެ ހުރިހާ ގުނަވަނަކަށް ކާނާ ފޯރުކޮށްދޭ މި ”ޑެލިވަރީ ސާވިސް“ ހުއްޓިއްޖެ ނަމަ، މުޅި ނިޒާމު ފުނޑުފުނޑުވެގެންދާނެއެވެ.
ނަމަވެސް ހިތަކީ ހަމައެކަނި މެޝިނެއް ނޫނެވެ. އެއީ ވަރަށް ”ސެންސިޓިވް“ އެއްޗެކެވެ. ވަރުގަދަ އިމޯޝަންސް ނުވަތަ ނަފްސާނީ ގޮތުން ކުރިމަތިވާ ބޮޑެތި ސްޓްރެސްގެ ސަބަބުން ހިތުގެ ހަރަކާތަށް ސީދާ އަސަރު ކުރެއެވެ. މީހަކު ދެކެ މާ ބޮޑަށް ލޯބިވުމުން ނުވަތަ ކަމަކާ މާ ބޮޑަށް ބިރުގަތުމުން ހިތް ”ބަގުޑަބަގުޑަ“ ޖަހަނީ އެހެންވެއެވެ. ސްޓްރެސްއަކީ ހިތުގެ އެންމެ ބޮޑު ދުޝްމަނެވެ.
ހިތުގެ އެންމެ ފާހަގަކޮށްލެވޭ އަޖައިބަކީ، އެއީ އަމިއްލަ ”ޕަވަރު ސްޓޭޝަނެއް“ ހުންނަ ގުނަވަނަކަށް ވުމެވެ. ހިތުގެ ވިންދު ދެމެހެއްޓުމަށްޓަކައި ހިތް އަމިއްލައަށް އިލެކްޓްރިކަލް ސިގްނަލްތައް އުފައްދައެވެ. މިއީ ސިކުނޑީގެ އެހީއާ ނުލައިވެސް ވަކި ވަގުތަކަށް މަސައްކަތް ކުރުމުގެ ގާބިލުކަން ހިތަށް ލިބިފައިވާ ސަބަބެވެ.
އެންމެ ހިތާމަވެރި ހަގީގަތަކީ، ހިތަކީ ފަސޭހައިން ”ސާވިސް“ ކޮށްލެވޭނެ އެއްޗަކަށް ނުވުމެވެ. މިއީ އައިފޯނެއްގެ ބެޓެރީ ބަދަލުކޮށްލާ ފަދައިން ނުވަތަ ސައިކަލުގެ އިންޖީނު މަރާމާތުކޮށްލާ ފަދައިން ފަސޭހައިން ރަނގަޅު ކުރެވޭނެ އެއްޗެއް ނޫނެވެ. ހިތަށް ލިބޭ ބައެއް ގެއްލުންތަކަކީ ދުވަހަކުވެސް އިއާދަނުކުރެވޭނެ ގެއްލުންތަކެކެވެ.
އެހެންކަމުން، ހިތް ކުޅިގަނޑަކަށް ނުހަދާށެވެ. ތެޔޮ އެއްޗިއްސާއި، ހަކުރު ގިނަ ކާނާއާ ދުރުވެ، ކޮންމެވެސް ވަރަކަށް ހަށިގަނޑު ހަލުލުވާލާ ކަސްރަތެއް ކޮށްލުމަކީ ހިތަށް ދެވޭނެ އެންމެ ބޮޑު ހަދިޔާއެވެ. އެހެން ނޫނީ، ތިޔަ ހިތް ”ސްޓްރައިކް“ ކޮށްފި ނަމަ، ދެން ވާނެ ގޮތް ހިތަށް އަރުވާލަންވެސް ބިރުގަންނާނެއެވެ! ހަނދާން ބަހައްޓާށެވެ، ހިތަކީ ”ޔޫޒް އެންޑް ތުރޯ“ އެއްޗެއް ނޫނެވެ!

