ދުނިޔޭގެ ތާރީހު ދުށް އެންމެ ވަރުގަދަ އަދި އެންމެ ނުފޫޒުގަދަ އަންހެން ޝަޚްސިއްޔަތުންގެ ތެރޭގައި މިޞްރުގެ ރާނީ ނެފަރޓިޓީ ހިމެނެއެވެ. ރީތިކަމުގެ ސަބަބުން މިސާލަކަށްވެފައިވާ މި ރާނީއަކީ، ހަމައެކަނި ރީތި ބޭފުޅެއް ނޫނެވެ. އޭނާއަކީ ކުރީގެ މިޞްރުގެ އިޖުތިމާޢީ އަދި ފަންނުވެރިކަމުގެ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނެވި ވަރުގަދަ ލީޑަރެކެވެ.

ނެފަރޓިޓީ ރާނީކަން ކުރެއްވީ މީގެ ގާތްގަނޑަކަށް 3،300 އަހަރު ކުރިން، މިޞްރުގެ 18 ވަނަ ދަރިކޮޅުގެ ފިރުޢައުނު އާމެންހޮޓެޕް 4 (ފަހުން އަކެނާޓެން) ގެ އަނބިކަނބަލުންގެ ގޮތުގައި ލިޔުންތަކުން ހާމަވެއެވެ.
ދީނީ އަދި ފަންނީ އިޞްލާޙުތައް
ނެފަރޓިޓީއަކީ އޭނާގެ ފިރިކަލުން އަކެނާޓެންއާ އެކު، މިޞްރުގެ ދީނީ ނިޒާމަށް ބޮޑު ބަދަލެއް ގެންނެވި ބޭފުޅެކެވެ. އެ ދުވަސްވަރު މިޞްރުގައި އޮތް ގިނަ ކަލާނގެތަކަށް އަޅުކަންކުރުމުގެ އާދަ ދޫކޮށް، ”އަޓެން“ (އިރުގެ ދޯދިތައް) އަށް އެކަނި އަޅުކަންކުރާ ދީނީ ފަލްސަފާއެއް އޭނާ ފެތުރިއެވެ. މި ބަދަލު ގެނައުމުގައި ނެފަރޓިޓީގެ ދައުރު ވަރަށް ބޮޑެވެ.
ހަމައެއާއެކު، އާޓް ނުވަތަ ކުރެހުމާއި ބިނާކުރުމުގެ ފަންނަށްވެސް ބޮޑެތި ބަދަލުތަކެއް އޭނާގެ ދައުރުގައި އައެވެ. ކުރިން ގެންގުޅުނު ހަރުކަށި އުސޫލުތަކުގެ ބަދަލުގައި، އިންސާނާގެ ސިފަތައް ހުރިގޮތަށް ދައްކުވައިދޭ ”އަމަރުނާ އާޓް“ ތައާރަފްކުރެވުނެވެ. މިކަމުގެ އެންމެ އަލިގަދަ ހެއްކަކީ މިއަދު ދުނިޔޭގައިވާ އެންމެ މަޝްހޫރު އެއް އާޓްވޯކް ކަމުގައިވާ ނެފަރޓިޓީގެ ”ބަސްޓް“ ނުވަތަ ބޯކޮޅުގެ ބުދެވެ. 1912 ވަނަ އަހަރު ފެނުނު މި ބުދަކީ އަންހެނެއްގެ ފުރިހަމަ ރީތިކަމާއި މޫނުމަތީގެ ބައްޓަން ސިފަކޮށްދޭ ދުނިޔޭގެ ފެންވަރުގެ އާސާރީ ތުރާފެކެވެ.
ނެފަރޓިޓީގެ ހަޔާތުގެ ގިނަ ކަންތައްތަކަކީ އަދިވެސް ތާރީޚީ މާހިރުންނަށް ހޯދިފައިނުވާ ސިއްރުތަކެކެވެ. އަކެނާޓެންގެ ވެރިކަމުގެ 12 ވަނަ އަހަރަށްފަހު، ތާރީޚީ ލިޔުންތަކުން ނެފަރޓިޓީގެ ނަން ކުއްލިއަކަށް ގެއްލެއެވެ. ބައެއް ތާރީޚީ އިލްމުވެރިން ގަބޫލުކުރާ ގޮތުގައި އޭނާ މަރުވީއެވެ. ނަމަވެސް އަނެއް ބަޔަކު ބުނަނީ އޭނާ ފިރިހެން ނަމެއްގައި (ނެފަރްނެފްރުއާޓެން) މިޞްރުގެ ރަސްކަން ކުރެއްވި ކަމަށެވެ.
އެންމެ ބޮޑު ސިއްރަކީ އޭނާގެ މަގުބަރާއެވެ. މިޞްރުގެ ރަސްކަލުންނާއި ރާނީން ވަޅުލާފައިވާ ”ވެލީ އޮފް ދަ ކިންގްސް“ އިން ނެފަރޓިޓީގެ ހަށިގަނޑު އަދިވެސް ފެނިފައެއް ނުވެއެވެ. ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ސައިންސްވެރިން ކުރަމުންދާ މަސައްކަތުންވެސް، އޭނާ ވަޅުލާފައިވާ ތަނެއް ހޯދިފައެއް ނުވެއެވެ.
ނެފަރޓިޓީއަކީ ހަމައެކަނި ތާރީޚީ ރާނީއެއް ނޫނެވެ. އޭނާއަކީ އަންހެނުންގެ ބާރުވެރިކަމާއި، ރީތިކަމާއި، އަދި ސިޔާސީ ނުފޫޒުގެ ދެވަނައެއް ނެތް މިސާލެކެވެ. މިއަދުވެސް އޭނާގެ ވާހަކަތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން ޝައުގުވެރިވާ، ސިއްރުތަކުން ފުރިގެންވާ ވާހަކަތަކެކެވެ.

