ކޮރާނާ ވައިރަހާ ގުޅިގެން ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ކަންކަމަށް ޚާއްސަ ކުރެވިފައިވާ، ކ. އާރަށް ބޭނުންކުރުމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އޮތް ޕްރެސްކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ ކޮރާނާ ވައިރަހާއި ގުޅިގެން އިތުރު ކަރަންޓީން ފެސިލިޓީއެއް އަޅަންޖެހިއްޖެ ހާލަތެއްގައި އާރަށް ބޭނުން ކުރުމަށް ހުށަހެޅުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަމިއްލަފުޅަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކޮރާނާ ވައިރަހާ ގުޅިގެން ދިވެއްސެއްވިޔަސް ފަތުރުވެރިއެއްވިޔަސް ކަރަންޓީން ކުރަންޖެހިއްޖެނަމަ އެކަން ކުރެވޭނެ ހާލަތަކަށް އާރަށް ތައްޔާރު ކުރެވިފައިވާ ކަމަށެވެ.
”މިކަމާއި ގުޅިގެން ދިވެއްސެއްވިޔަސް ފަތުރުވެރިއެއްވިޔަސް ކަރަންޓީން ކުރަންޖެހިއްޖެނަމަ އެކަން ކުރެވޭނެ ހާލަތަކަށް އާރަށް ތައްޔާރު ކުރެވިފައިވަނީ، ރައީސް ވަނީ އެ އޮޕޝަން ދެއްވާފައި“ މިނިސްޓަރު ވިދާޅުވިއެވެ.
ކޮރޯނާއާ ގުޅިގެން ވަޒީރުން ހިމެނޭ ގޮތަށް އުފައްދާފައިވާ ޓާސްކް ފޯސް ކޮމިޓީން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ކަރަންޓީން ފެސިލިޓީތައް ގެންދާނެ ގޮތް ނިންމާނެ ކަމަށް މިސްނިޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ފަރުކޮޅު ފުށީގައި ވެސް ކަރަންޓީން ފެސިލިޓީގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިރެއާ ހަމައަށްވެސް އިތުރު ކޮޓަރިތައް ނިމިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިސްޓަރ ވިދާޅުވީ އާދަޔާ ޚިލާފަށް ކޮރޯނާ ވައިރަސް ފެތުރިގެން ހިގައިދާނެ ހާލަތަކަށްޓަކައި، މުޅިން އެކަހެރި އޮންނަ ރަށެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް އެއީ ސަރަހައްދެއްގައި އޮތް ކޮން ރަށެއްކަމެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.
ދުނިޔޭގައި ކޮރާނާ ވައިރަސް ފެތުރޭ ހާލަތަށް ބަލާފައި ދިވެހިރާއްޖެއަށް ތައްޔާރު ވެވޭ އެންމެ ރަނގަޅަކަށް މިހާރު ތައްޔާރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

