ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެވެށި އަނިޔާ : ތިޔަ ހީކުރާ ވަރަށްވުރެ ނުރައްކާ!

ގެވެށި އަނިޔާ ވަރަށް ނުރައްކާ |ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ގެވެށި އަނިޔާއަކީ، ގެވެށި ގުޅުމަކުން ގުޅިގެންވާ މީހުންގެ ތެރެއިން އެކަކު އެގުޅުމުގައި ހިމެނޭ އަނެކާގެ ނުވަތަ އަނެކުންގެ މައްޗަށް ކުރާ އަނިޔާ އެވެ. ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި ކޮންމެ ތިން އަންހެނުންގެ ތެރެއިން އެކަކީ އޭނާގެ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ޖިސްމާނީ ނުވަތަ ޖިންސީ އަނިޔާ ލިބިފައިވާ މީހެކެވެ. މީގެ ތެރޭގައި ކޮންމެވެސް މީހެއްގެ މަންމަ، ދަރިފުޅު، ރައްޓެއްސެއް ނުވަތަ އަވައްޓެރިއެއް ހިމެނޭނެއެވެ. ގިނަ މީހުނަށް ހީވެފައި އޮންނަނީ ގެވެށި އަނިޔާގެ ޝިކާރައަކަށް ވަނީ އަންހެނުން އެކަނި ކަމަށެވެ. ނަމަވެސް، މުޅިން ކުށް ހީއެކެވެ.

ފިރިހެނުންނާއި ފިރިހެން ކުދިންނަށްވެސް ގެވެށި އަނިޔާ ތަހައްމަލުކުރަންޖެހިދާއެވެ. އެހެން ނަމަވެސް، ނިސްބަތުން ގިނައީ އަންހެނުންނާއި އަންހެންކުދިންނަށް ކުރާ އަނިޔާ އެވެ. ކުރިން ދެންނެވުނު ހިސާބުގެ ތެރެއިން ގާތްގަނޑަކަށް %87 މީހުންނަކީ އަނިޔާލިބިފައިވާ އަންހެނުން އަދި މީގެތެރެއިން ދެބައި ކުޅަ އެއްބައި މީހުންނަށް އަނިޔާ ކުރަނީ ފިރިމީހާ ނުވަތަ ރައްޓެހިވެގެން އުޅޭ ކުއްޖާ އެވެ. ގެވެށި އަނިޔާ މީހަކަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދެވިދާނެއެވެ. ނަފްސާނީ ގޮތުން ދެވޭ އަނިޔާތަކަށް މާބޮޑު އަހަންމިއްޔަތުކަމެއް މުޖުތަމައުގައި ދެވިފައިނުވާއިރު ނަފްސާނީ ގޮތުން ދެވޭ އަނިޔާތައް ބޮޑުވެފައި ގިނަ ދުވަހަށް ދެމިހުރެއެވެ. އެހެން ނަމަވެސް ޖިސްމާނީގޮތުން ދެވޭ އަނިޔާއަކީ ވެސް ކުޑަ އަނިޔާއެއް ނޫނެވެ.

ގިނަ ފަހަރަށް، ގެވެށި އަނިޔާ  މީހަކަށް ދެވޭ ހިސާބަކީ ކައިވެންޏެއް ކޮށްގެން ނުވަތަ ކުއްޖަކާ ރައްޓެހިވެގެން އުޅޭއިރު އަމީހެއްގެ ބާރުވެރިކަން އެ  ފޯރުވަން މަސައްކަތްކޮށް، އެމީހަކު  ކޮންޓްރޯލްގެ ދަށަށް ގެންނަން މަސައްކަތް ކުރާ ހިސާބުންނެވެ. އަދި އެމީހާ ހިތް އެދޭ ގޮތަށް ކަންތައް ނުވުމުން އަނިޔާ ކޮށް  ދިމާލަށް ހަޅޭލަވައި މީހުންގެ ކުރިމަތީގައި އަގު ވައްޓާ ހެދުމަކީ އަނިޔާއެވެ.  އަގެއް ނެތްކަން އަނެކާ އަށް ދައްކުމަކީ އަނިޔާއެވެ. މީހަކަށް ލިބޭ ކުރިއެރުންތަކަށް ހުރަސް އަޅައި ތިމާ ކަންކަމުގައި ވިސްނާ ގޮތަކީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫން ކަމަށް ބުނުމަކީ އަނިޔާއެވެ. އޭނާ ތިބާއަށް އަނިޔާކުރުމުން އެކަން އެގޮތަށް ވާން ދިމާވީ ތިމާގެ ސަބަބުން ކަމަށް ބުނުމަކީ އަނިޔާއެވެ. ތިމާގެ އާއިލާ މީހުންނާއި ރައްޓެހިންނާއި ބައްދަލުކުރުމަށް ހުރަސް އަޅުމަކީ އަނިޔާއެވެ. ތިމާ އޭނާ ދޫކޮށްފައި ހިނގައްޖެނަމަ އަމިއްލައަށް މަރުވާނަމޭ ބުނެ ބިރުދެއްކުމަކީ ނޭނގުނަސް އަނިޔާއެވެ. މި ހުރިހާ ކަމަކީ ވެސް އަނިޔާއެވެ. ގެވެށި އަނިޔާއެވެ.

ރާއްޖޭގައި ގެވެށި އަނިޔާގެ މައްސަލަތައް އިންތިހާއަށް އޮތް ނަމަވެސް އެފަދަ މައްސަލަތައް ޢާއިލާތަކުން ދެކެނީ އެއީ “ޢާއިލީ ކަމެއް” ގެ ގޮތުގައެވެ. އެކަންކަން ފޮރުވައި ރައްކާކޮށްގެން ތިބެނީ “ޢާއިލީ ބޮޑު ސިއްރުގެ” ގޮތުގައެވެ. ޢާއިލާތަކުގެ ތެރޭގައި ހިނގާ ގެވެށި އަނިޔާގެ ކަންކަން ހައްދުން ނެއްޓި އަވަށްޓެރިންނަށާއި ދުރުހިލޭ މީހުންނަށް އެނގިގެންދާއިރު އޮންނަނީ “ވާނެ ހައެތި” ވެފައެވެ. އަނިޔާގެ ޝިކާރަވެރިޔާއަށް ސަލާމަތް ނުވެވޭ ހިސާބަށް ގޮސްފައެވެ. އެފަދަ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ޙައްލު ހޯދުމުގެ ބަދަލުގައި ފޮރުވައި ރައްކައުކޮށްގެން ތިބެނީއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ގެވެށި އަނިޔާގެ މައްސަލަތައް ހުށަހެޅުން އިތުރު ނަމަވެސް އަދިވެސް އަޅުގަނޑުމެންގެ ސަޤާފަތަކީ ޢާއިލީ ކަންކަމާ އެހެން މީހުން ބެހުމުގެ ފުރުޞަތު ނުދީ ގެވެށި އަނިޔާގެ ޝިކާރަވެރިންގެ ގޮތުގައި އެތައް ބަޔަކު ނިކަމެތި ކަމުގައި ބޭތިއްބުމެވެ.

ގެވެށި އަނިޔާއިން ޝިކާރަވެރިން ސަލާމަތް ކުރުމުގެ ބަދަލުގައި އެފަދަ ކަންކަން ހުތުރު ކަންކަމުގެ ގޮތުގައި ފޮރުވައި ސިއްރުކޮށްފައި ބޭއްވުމެވެ. ނަތީޖާ އަކަށް ވެގެންދަނީ އެތައް ބަޔަކު ދިރިއުޅުންމަތިން ފޫހިވެ މާޔޫސް ކަންމަތީގައި ދުވަސްތައް ވޭތު ކުރަންޖެހުމެވެ. ގެވެށި އަނިޔާއިން ލިބޭ އަނިޔާއަށް ކެތް ނުކުރެވި މަދުން ނަމަވެސް މި ދުނިޔެއާއި ބައެއް މީހުންނަށް އަލްވަދާޢު ކިޔަން ޖެހިފައި އެބަހުއްޓެވެ.

އެހެންކަމުން މިއަދު އަޅުގަނޑުމެން އެންމެން އަތާ އަތް ގުޅާލައި، ފިސާރި ސަމާލުވެ ތިބެގެން ގަދަ ހިތްވަރާއެކު މަސައްކަތް ކޮށް، ދިވެހި މުޖުތަމަޢުން ގެވެށި އަނިޔާގެ ނުރައްކާ ނައްތާލަން މަސައްކަތް ކުރަން މިވަނީ ޖެހިފައެވެ.

ޅަދަރިންނާއި ފުރާއަރުގެ ކުދިންނާއި ޒުވާނުންނާއި ހަރު މިހުންނާއި ދުވަސްވީ މީހުން ގެވެށި އަނިޔާއިން ސަލާމަތްކޮށް އުފާ ފާގަތިކަން ގެނެސް ދިނުމަށް ގުޅިގެން މަސައްކަތް ކުރުން އިތުރު ކުރަން ވަނީ ޖެހިފައެވެ.

ގެވެށި އަނިޔާގެ މައްސަލަތަކަކީ ފޮރުވައި ރައްކައުކުރެވޭ ނުވަތަ ޢާއިލީ ކަރާމާތް ގެއްލިދާފަދަ މައްސަލަތަކެއްގެ ގޮތުގައި ނުދެކި އެއީ ބަޔަކު އަނިޔާގެ ޝިކާރައިން ސަލާމަތްކޮށް ފާގަތި ދިރިއުޅުމަކަށް ކޮށްދެވޭ ހެޔޮ ކަމެއްގެ ގޮތުގައި ދެކިގެން ގެވެށި އަނިޔާ ހުއްޓުވަން މަސައްކަތްކުރަަމާތޯއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: