ޗައިނާގެ ރައްޔިތުންނާއި ޗައިނާއަށް ގޮސް އަންނަ އެއްވެސް މީހަކަށް ރާއްޖެ އެތެރެނުވެވޭ ގޮތަށް މަނާކުރުމަށް ނިންމާ ސަރުކާރުން ރާއްޖޭގެ ބޯޑާރ ސެކިއުރިޓީ ވަރުގަދަކޮށްފިއެވެ.
ކޮރޯނާވައިރަސް، އެކި ގައުމުތަކަށް ފެތުރެން ފެށުމާ އެކު، ރާއްޖެ އަންނަ މީހުން ސްކްރީން ކުރުމުގެ މަސައްކަތް އެއާޕޯޓްތަކުގައި ވަނީ ފަށައިފަ އެވެ. އަދި އެ ވައިރަސް ހުރި މީހަކު ފެނިއްޖެ ނަމަ، ކަރަންޓީން ކުރުމަށްޓަކައި ހުޅުމާލޭގެ އޯޓިޒަމް ސެންޓަރު ކައިރީގައި ހުންނަ 10 ކްލާސްރޫމުގެ ޕްރީ ސްކޫލް ވަނީ ހަމަޖައްސައިފަ އެވެ. އަދި ހުޅުމާލޭ ޕްރީސްކޫލްގައި ކަރަންޓީން ކުރާ ގޮތަށް ހަމަޖައްސާފައި ވިޔަސް، ކޮރޯނާވައިރަސްގެ ނުރައްކާތެރި ކަން އިތުރަށް ބޮޑުވެއްޖެ ނަމަ، ތެޔޮ ރައްކާކުރާ ކ. ފުނަދޫގައި ވެސް ކަރަންޓީން ކުރެވޭ ގޮތަށް ވަނީ ނިންމާފައެވެ. އަދި އޭގެ އިތުރުން، ފަރުކޮޅުފުށީގައި ކްލިނިކަލް ފަރުވާ ދޭނެ ސެންޓަރެއް ގާއިމް ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި އާ ރަށުގައި ވެސް ކަރަންޓީން ކުރެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.
ރާއްޖެ އިން ކޮރޯނާވައިރަހަށް ޝައްކު ކުރެވިގެން، މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން އެކަހެރި ކޮށްގެން ފަރުވާ ދެމުން އަންނަނީ އެންމެ މީހަކަށެވެ. އުމުރުން 20 އަހަރުގެ ދިވެހި އެ ފިރިހެންމީހާ އަށް ކޮރޯނާވައިރަސް ޖެހިފައިވޭތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރުމަށް އޭނާގެ ސާމްޕަލްތައް ވަނީ އިންޑިއާ އަށް ފޮނުވައިފަ އެވެ. އޭނާ ހުރީ އެކަހެރިކޮށް ފުނަދޫގަ އެވެ. އަދި އިތުުރު ދެ މީހަކު ވަނީ އެކަހެރި ކުރެވިފައެވެ.
ކޮރޯނާ ވައިރަސް ދުނިޔޭގެ އެކި ގައުމުތަކަށް ފެތުރި، މި ވައިރަސްގެ ސަބަބުން ޗައިނާގެ 300 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި މިއަދުގެ ވަގުތެއްގައި ޗައިނާ ނޫން އެހެން ގައުމެއްގެ މީހެއް މި ވައިރަސްގެ ސަބަބުން ފަރުވާ ދެމުންދަނިކޮށް މަރުވިއެވެ. އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވައިރަސް ޖެހުނު މީހުންގެ ތެރެއިން ފަރުވާ ދެވި، 380 އެއްހާ މީހުން ވަނީ އެކީ ރަނގަޅުވެފައެވެ. އޭގެ ތެރޭގައި ލަންކާއިން ކޮރޯނާއަށް ޕޮޒިޓިވްވެ ފަރުވާ ދެމުން ދިޔަ މީހާވެސް ހިމެނެއެވެ.
ދުނިޔޭގެ 20 ގައުމަކުން މި ވައިރަސް ފެނިފައިވާއިރު، އެ ގައުމަތަކުން ފެނިފައިވަނީ މަދު ކޭސްތަކެކެވެ. އަދި އޮބްޒަވޭޝަންއާއި، އެކެހެރި ކުރެވިފައިވާ ބައެއް މީހުން ހިމެނެއެވެ. އެ ގައުމުތަކުންނާއި، އަދި ވައިރަސްއާއި ދެކޮޅަށް ފިޔަވަޅު އަޅަމުން އަންނަ ބައެއް ގައުތަކުން ވަނީ ޗައިނާއިން އެ ގައުމަށް ކުރާ ދަތުރުތައް ހުއްޓާލުމާއި އެކު، ޗައިނާ މީހުންނަށް ވަގުތީގޮތުން އެ ގައުމުތަކަށް އެތެރެ ނުވެވޭ ގޮތަށް ފިޔަވަޅުތަކެއް އަޅާފައެވެ. އަދި ޗައިނާއަށް ވޭތުވެ ދިޔަ 14 ދުވަހު ދަތުރުކޮށްފައިވާނަމަ އެ މީހުންނަށް ވެސް ފިޔަވަޅުތަކެއް ބައެއް ގައުމުތަކުން އަޅާފައިވެއެވެ.
ޗައިނާ މީހުން ރާއްޖެ އެތެރެކުރުން ހުއްޓާލުމަށް ގޮވާލަމުންދަނިކޮށް، ސަރުކާރުން ވަނީ ޗައިނާއިން ރާއްޖެއަށް، އަދި ރާއްޖެއިން ޗައިނާއަށް ކުރާ ޑައިރެކްޓު ދަތުރުތައް ހުއްޓާލާފައެވެ. އެއަށްފަހު އަނެއްކާވެސް ރާއްޖެއިން އަޅާފައިވާ ފިޔަވަޅަކީ ޗައިނާގެ ރައްޔިތުންނާއި ޗައިނާއަށް ގޮސް އަންނަ އެއްވެސް މީހަކަށް ރާއްޖެ އެތެރެނުވެވޭ ގޮތަށް މަނާކުރުމަށެވެ. އެއީ ޗާޓަރު ފްލައިޓެއްގައި ވެސް ނާދެވޭ ގޮތަށެވެ. ނަމަވެސް މި މަނާވުން ޗައިނާގައި މިހާރު ތިބި ދިވެހިންނަށް ނޯންނާނެ އެވެ.
ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ޕްރެސް ކޮންފަރެންސްގައި، ކޮރޯނާ ވައިރަސްއާއި ގުޅޭ މައުލޫމާތު ދެއްވުމަށް ކަނޑައަޅާފައިވާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އީސް އިބްރާހިމް މުހައްމަދު ސޯލިހު އެ އެޑްވައިޒަރީ ނެރުއްވީ މިރެއިން ފެށިގެން އަމަލު ކުރަން ފަށާ ގޮތަށް ކަަމަށެވެ. އަދި އެ ފިޔަވަޅު އެޅުއްވީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކަމަށާއި، ރާއްޖެ އަންނަ ޓޫރިސްޓުންނަށް ވެސް އެންމެ ރައްކާތެރި ފިޔަވަޅަކީ އެއީ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
”މި ވަގުތު ސޭފްޓީ އަށް ވުރެ މުހިންމު އެއްވެސް ކަމެއް އަޅުގަނޑުމެންގެ ކުރިމައްޗަކު ނެތް. މިއީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށާއި ރާއްޖެ އަށް ޒިޔާރަތް ކުރާ މީހުންނާއި ރާއްޖޭގައި މިވަގުތު ދިރިއުޅެމުންދާ މީހުންގެ ރައްކާތެރިކަމަށް އެންމެ އިސްކަމެއް ދީގެން އެޅުނު ފިޔަވަޅެއް.“ އަލީ ވަހީދު
ޗައިނާގެ މެއިންލޭންޑުގައި ޓްރާންސިޓް ކުރުމަށް ފަހު އެކި ގައުމުތަކުން ރާއްޖެ އަށް ޓޫރިސްޓުން ދަތުރުކުރެއެވެ. ސީދާ ޗައިނާ އިން މައިގަނޑު ގޮތެއްގައި ރާއްޖެ އަންނަމުން ދިޔައީ އެ ގައުމުގެ މީހުންނެވެ. އެކަމަށް އިޝާރާތްކޮށް ނޫސްވެރިއަކު ސުވާލު ކުރުމުން އަލީ ވަހީދު ވިދާޅުވީ ދުނިޔޭގެ އެއްވެސް ޕާސްޕޯޓް ހޯލްޑަރަކަށް ޗައިނާގެ މެއިންލޭންޑުން ރާއްޖެ އަކަށް އެތެރެއެެއް ނުވެވޭނެ ކަމަށެވެ. އަދި މިއީ ވަކި ގައުމަކަށް އެޅި ފިޔަވަަޅެއް ނޫންކަން ވެސް އަލީ ވަހީދު ވަނީ ފާހަގަކުރައްވާފައެވެ.
މި ފިޔަވަޅު އަޅާފައިވަނީ އެއްވެސް ނުރައްކަލެއް އޮވެގެން ނޫންކަން ފާހަގަކުރައްވާ އަލީ ވަހީދު ވިދާޅުވީ، ހާލަތު ބަދަލުވާ ގޮތަށް ބަލައި ސަރުކާރުން ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި ޓްރެވަލް އެޑްވައިޒަރީއެއް ނެރުމަކީ ރާއްޖެއަށް އެޅެން އޮތް އެންމެ ރަނގަޅު ފިޔަވަޅުކަމަށް ވެސް ވިދާޅުވިއެވެ.
”އެއްވެސް ޗާންސެއް މިހާރު ރާއްޖޭގެ ބޯޑަރުން އެތެރެވާކަށް މިރޭ 12 ން ފެށިގެން ނޯންނާނެ އެއްވެސް ނޭޝަނަލިޓީ އަކަށް. މިއީ ވަކި ނޭޝަނަލިޓީ އަށް އޮތް ފިޔަވަޅެއް ނޫން. ދުނިޔޭގެ އެއްވެސް ޕާސްޕޯޓް ހޯލްޑަރަކަށް ޗައިނާގެ މެއިންލޭންޑުން މާދަމާ އިން ފެށިގެން ފުރައިގެން ވައިގެ މަގުން ވިޔަސް ކަނޑުމަގުން ވިޔަސް ރާއްޖެ އަކަށް އެތެރެއެެއް ނުވެވޭނެ،“ އަލީ ވަހީދު
ޗައިނާގައި ބައެއް ދިވެހިން އަދިވެސް ތިބިއިރު، އަދިވެސް އެ މީހުންނަށް އެނބުރި ގައުމަށް އައުމުގެ ފުރުސަތު އެބައޮތެވެ. ޗައިނާގެ ވޫހާންގައި ތިބި ހަތް ދިވެހިން މިއަދު ވަނީ އިންޑިއާއަށް ބަދަލުކޮށްފައިވާއިރު އެމީހުން ރާއްޖެ ގެންނާނީ އެ ގައުމުގައި ކަރަންޓީނު ކުރުމަށްފަހު އެވެ. ކޮރޯނާ ވައިރަހަށް އެއް ދިވެއްސަކު ވަނީ ޝައްކު ކުރެވިފަ އެވެ. އަދި އޭނާގެ ޓެސްޓްތަކުގެ ރިޕޯޓް ނުލިބެ އެވެ.
”ނަމަވެސް ރާއްޖޭގެ ބައެއް ދިވެހިން އެ ތާނގައި އެބަތިބި. ދިވެއްސަކު ވެސް ދެން ރާއްޖެ އަނބުރާ އަންނަން ވެއްޖެ ނަމަ ސްޓްރެއިޓްކޮށް ދާނީ ކަރަންޓީން ފެސިލިޓީ އަށް،“ އަލީ ވަހީދު
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ރާއްޖެއަށް ބޭރުން އަންނަ މީހުން ސްކްރީން ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އަދި ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ މީހުންގެ ހާލަތު އިތުރަށް ބަލާފައިވާނެ ކަމަށާއި، ނަމަވެސް، އަދި ވައިރަސްއަށް ޝައްކު ކުރެވޭ އިތުރު މީހެއް ފެނިފައިނުވާ ކަމަށެވެ.
އިރަސްއަށް ކިރިޔާވެސް ޝައްކުވާ މީހެއް ފެނިއްޖެނަަމަ ފުރަތަމަ އެއާޕޯޓުން ފެށިގެން އަޅަން ޖެހޭ ފިޔަވަޅުތަކުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އަމީން ވިދާޅުވިއެވެ. އޭގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި، އައްޑޫ ގޭން އިންޓަނޭޝަނަލް އެއާޕޯޓުގައި ދަތުރުވެރިންގެ ހަށިގަނޑުގެ ބޭރުފުށުގެ ފިނިހޫނުމިން ހުރި މިންވަރު ބަލާނެ ތާމަލް ކެމެރާ ބޭނުން ކުރެވޭނެ ގޮތް ހަމަޖައްސާ، އަދި ސްކްރީން ކުރެވޭނެ އިންތިޒާމް ވެސް ގާއިމް ކުރެވިފައިވާކަމަށް ވިދާޅުވިއެވެ. އަދި އިތުރު ތާމަލް ކެމެރާތައް ވެސް ވަނީ ގެނެސްފައެވެ.
ޗައިނާގެ ވޫހާން ސިޓީން އަލަށް ފެނުނު ނޮވެލް ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ އަދަދަަކީ 13،816 އެވެ. އެ ވައިރަހުގެ ސަބަބުން 304 މީހަކު ވަނީ މަރުވެފަ އެވެ.

