ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާއިން މީހުން ރާއްޖެ އެތެރެވުން މަނާ: އަންނަން ބޭނުން ދިވެހިން ގެނެސް ކަރަންޓީން ކުރާނެ!

ކޮރޯނާ ވައިރަސް ރާއްޖެއަށް އެތެރެވިޔަ ނުދިނުމަށްޓަކާ ކުރަމުންދާ މަސައްކަތްތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާގެ މެއިންލޭންޑުން ފުރައިގެން ސީދާ ރާއްޖެ އަންނަ މީހުންނާއި ޗައިނާގައި މަޑުކުރުމަށް ފަހު ރާއްޖެއަށް މީހުން ނާދެވޭ ގޮތަށް ނިންމި ނަމަވެސް ޗައިނާއިން އަންނަ ދިވެހިން ރައްޔިތުން ވަކި މުއްދަތަކަށް ކަރަންޓީނު ފެސިލިޓީގައި ބަހައްޓާނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ގާތްގަނޑަކަށް 11 މިލިއަންގެ އާބާދީއެއް އޮންނަ ޗައިނާގެ ވޫހާންއިން ފުރަތަމަ ފެނުނު މި ވައިރަހަކީ ގައިން ގަޔަށް އަރާ ވައިރަހެއް ކަމަށް ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. އަދި ނިއުމޯނިއާގެ އަލާމާތްތައް ހުންނަ މި ބަލީގެ ސަބަބުން މިހާތަނަށް ބައެއް މީހުން ހާލަތު ވަނީ ސީރިއަސް ވެފައެވެ.

މިދިޔަ މަހުން ފެށިގެން ޗައިނާގެ ވުހާން ސިޓީގައި ފެތުރެމުންދާ ވައިރަހާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ ބަޔާނެއް ނެރެ، ރާއްޖެ އަށް ވެސް އެ ބަލި އައުމުގެ ފުރުސަތު އޮތުމުން، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ލަފާދީފައިވާ ގޮތުގެ މަތީން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ބުނެފައެވެ. ޗައިނާއިން ފެތުރުނު، ކޮރޯނާ ވައިރަސް ރާއްޖެއަށް އެތެރެ ވެދާނެ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ސްކްރީން ކުރަންވެސް ވަނީ ފަށާފައެވެ.

ރާއްޖެ އިން، ކޮރޯނާވައިރަސް އަށް ޝައްކު ކުރެވިގެން މިހާތަނަށް ފަރުވާ ދެނީ އެންމެ މީހަކަށެވެ. ޗައިނާ އިން އައި އުމުރުން 20 އަހަރުގެ އެ ޒުވާނާ އެ ވައިރަހަށް ޕޮޒިޓިވް ތޯ ނުވަތަ ނޫންތޯ ކަށަވަރު ވާނީ ސާމްޕަލްތައް ޓެސްޓްކޮށް ނިމުމުންނެވެ. އޭގެ އިތުރުން ދެ ދިވެއްސެއް ވެސް ވަނީ އެކަހެރިކުރެވިފައެވެ. ރާއްޖެ އިން އެ ޓެސްޓު ހެދެން ނެތުމުން އޭނާގެ ސާމްޕަލްތައް ފޮނުވާފައި ވަނީ އިންޑިއާގެ ޕޫނޭ އަށެވެ.

ޗައިނާގައި 69 ދިވެހިން ދިރިއުޅެމުން އަންނަ އިރު، ނުރައްކާތެރި ކޮރޯނާ ވައިރަސް ފެނުނު، މިހާރު ބަންދުކޮށްފައިވާ ވޫހާން ސިޓީގައި ނުވަ ދިވެހިިން އެބަ ތިއްބެވެ. އެގައުމުގައި ތިބި ދިވެހިންގެ ތެރެއިން އަންނަ ބޭނުންވާ ދިވެހިން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ. 

ޗައިނާގެ ރައްޔިތުންނާއި ޗައިނާއަށް ގޮސް އަންނަ އެއްވެސް މީހަކަށް ރާއްޖެ އެތެރެނުވެވޭ ގޮތަށް މަނާކުރުމަށް ސަރުކާރުން ވަނީ ނިންމާ އެކަން، މީޑިއާތަކަށް ހާމަކޮށްފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ކޮރޯނާ ވައިރަސް ޕްރިވެންޝަން ޓާސްކް ފޯސްގެ ފަރާތުން މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ އެޑްވައިޒަރީ ނެރުއްވީ މިރޭ ދަންވަރު 12 ން ފެށިގެން އަމަލު ކުރަން ފަށާ ގޮތަށް ކަަމަށެވެ. އަދި އެ ފިޔަވަޅަކީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ރައީސް އެޅުއްވި ފިޔަވަޅެއްގެ ގޮތުގައި އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. އެ ނިންމުމަކީ ރާއްޖެ އަށް އަންނަ ޓޫރިސްޓުންނަށް ވެސް އެންމެ ރައްކާތެރި ނިންމެވުންގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ. ޗައިނާ އިން ފެތުރެން ފެށި ކޮރޯނާވައިރަހާ ގުޅިގެން، ރާއްޖެ އާއި ޗައިނާ ދެމެދު ސީދާ ފްލައިޓްތައް މިދިޔަ ހަފުތާގައި ވަނީ ހުއްޓާލައިފަ އެވެ.

އަލީ ވަހީދު ވަނީ އެ ނިންމުމުގައި ޗައިނާގައި ތިބި ދިވެހިން އިސްތިސްނާ ވާނެކަން ފާހަގަކުރައްވާފައެވެ. ޗައިނާއިން އަންނަ މީހުން ރާއްޖެ ވަނުން މަނާކުރަން ސަރުކާރުން ނިންމުމާ ގުޅިގެން އެ ގައުމުގައި މިވަގުތު ތިބި ދިވެހިން ރާއްޖެ އަންނަ ނަމަ، ރާއްޖެ އައުމާ އެކު އެއާޕޯޓުން ވަގުތުން ގެންދެވޭނީ ކަރަންޓީން ފެސިލިޓީއަކަށެވެ.

ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ރާއްޖެ ގެނައުމަށްފަހު، އެ މީހުންގެ ސިއްހީ ހުރިހާ ކަމެއްވެސް ބަލާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި ހަތް ދިވެހިންވެސް ރާއްޖެ ގެންނާނީ އުސޫލުގެ ދަށުން އެ އޮންނަ މުއްދަތަކަށް ބެލެހެއްޓުމަށްފަހުގައި ކަމަށެވެ.

”ރާއްޖޭގެ ބައެއް ދިވެހިން އެ ތާނގައި އެބަތިބި. ދިވެއްސަކު ވެސް ދެން ރާއްޖެ އަނބުރާ އަންނަން ވެއްޖެ ނަމަ ސްޓްރެއިޓްކޮށް ދާނީ ކަރަންޓީން ފެސިލިޓީ އަށް،“ އަލީ ވަހީދު

ޗައިނާގައި ފެތުރެމުންދާ ނުރައްކާތެރި ކޮނޯރާ ވައިރަހާއި ގުޅިގެން ވުހާންގައި ތިބި ހަތް ދިވެހިން އިންޑިއާގައި ވަނީ ކަރަންޓީންކޮށްފައެވެ. ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ވުހާން ގައި ތިބި ހަތް ދިވެހިން އިންޑިއާއަށް ގެނެސްފައިވަނީ، ވުހާންގައި ތިބި އެ ގައުމުގެ ދަރިވަރުންނާއި އެކު އެެއާ އިންޑިއާގެ ހާއްސަ ފްލައިޓެއްގައެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ދިވެހީންވެސް ހިމެނޭ ގޮތަށް އެ ފްލައިޓުގައި ނިއުދިއްލީއަށް ގެނައި ހުރިހާ އެންމެން ދިއްލީ ކައިރީގައި އޮންނަ މަނޭސާރުގައި އެގައުމުގެ އަސްކަރިއްޔާއިން ގާއިމުކޮށްފައިވާ ކަރަންޓީން ފެސިލިޓީގައި ވަކި މުއްދަތެއް ވަންދެން ބައިތިއްބާނެއެވެ. އަދި ހަތް ދިވެހީންގެ ހާލުވެސް ރަނގަޅުކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ނޮވެލް ކޮރޯނާވައިރަސް ޗައިނާގެ ހުރިހާ ޕްރޮވިންސަކުންވެސް މިހާރު ފެނިފައިވާ އިރު، އެހެން ސިޓީތަކުގައި ތިބި ދިވެހީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފޮރިން މިނިސްޓްރީން ޗައިނާ ސަރުކާރާ މަޝްވަރާކުރަމުންދާ ކަމަށާއި، އެ ހުރިހާ ދިވެހީންގެ ރައްކާތެރިކަން ކަށަވަރުކޮށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ޗައިނާ ސަރުކާރުން ދެއްވާކަމަށް މިނިސްޓްރީން ބުނެއެވެ.

ސަރުކާރުން މިހާރު ވަނީ ޗައިނާގެ ފަސް ސިޓީއެއްގައި ތިބި ދިވެހިން ރާއްޖެ އައުމުގެ ހަރަދުތައް ސަރުކާރުން ކޮށްދޭ ގޮތަށް ނިންމައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: