ރައްޔިތުންގެ މަޖިލިަސް މިއަހަރަށް ހުޅުވާ ޖަލްސާ ބާއްވާ ރިޔާސީ ބަޔާން އިއްވުން މާދަމާ ހެނދުނު 9 އެއް ޖަހާއިރު ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ރައްޔިތުންގެ މަޖިލީޙުގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ބުނެފައި ވަނީ މަޖިލިަސް މިއަހަރަށް ހުޅުވާ ޖަލްސާ ބާއްވާނީ މާދަމާ ހެނދުނު މަޖިލީހުގެ އިދާރާގައި ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވާ ޖަލްސާއަށް ހޯމަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
ރައީސް ސާލިހުގެ ދެ ވަނަ ރިޔާސީ ބަޔާން އިއްވުމަށް ހަމަޖެހިފައިވާއިރު ރައީސް ސާލިހުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވާ އެއްކަމަކީ އިގްތިސާދީ ދުވެލި މެކުހަށް ޖެހުމަށް މަސައްކަތް ކުރައްވާނެ ވާހަކައެވެ. އެގޮތުން، އިޤްތިޞާދީ މިންގަނޑުތަކަށް ބަލާއިރު، ރާއްޖޭގެ އިޤްތިޞާދީ ދުވެލި، 2019 ވަނަ އަހަރު ގާތްގަނޑަކަށް 7.6 އިންސައްތައިގައި، ހިފެހެއްޓޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނުގެ ތަސައްވުރަކީ ދައުލަތުގެ ރިޒާވް އެއް ބިލިއަނަށް ގެންދިއުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މީގެ އުތުރުން ރާއްޖޭގެ އިންފްލޭޝަން ރޭޓު ހިފަހައްޓާލެވޭނެ ކަމަށް ލަފާ ކުރެވެނީ 1.3 އިންސައްތައިން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. 2018 ވަނަ އަހަރު ނިމިގެންދިޔައިރު ދައުލަތުގެ ރަސްމީ ރިޒާވްގައި 757.8 މިލިއަން އެމެރިކާ ޑޮލަރު ހުރި ނަމަވެސް، 2019 ވަނަ އަހަރު އަހަރު ނިމޭއިރު އެ އަދަދު 803.4 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެ ކަމަށް ރައީސްވަނީ ވިދާޅުވިއެވެ.
އިޖްތިމާޢީ ދާއިރާއަށް ބަލާލާނަމަ، ހައުސިން ނީޑް އެސެސްމެންޓްގެ ނަމުގައި ބޯހިޔާވަހިކަމުގެ ދާއިރާ އަށް ދިމާވެފައިވާ ދަތިކަން ހައްލު ކުރާނެ ކަމަށް ރައީސް ވައުދުވެވަޑައުގަތެވެ. އެގޮތުން އެ މަސައްކަތް ނިމުމުން ބޯހިޔާވަހިކަމުގެ ސިޔާސަތު އެކުލަވާލާ 2019 އަހަރު އެ ސިޔާސަތު ތަންފީޒް ކުރަން ފައްޓަވާނެ ކަމަށް ރައީސް ވައުދުވެވަޑައިގަތެވެ. މީގެ އިތުރުން، ގެދޮރުވެރިކަމާއި ގުޅޭ ދެ ޤާނޫނެއް ވުޖޫދުކުރުމަށް މަސައްކަތް ކުރައްވާނެކަން ރައީސް ހާމަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާގައި މަޖިލީހުގެ ރައީސް ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ފަހު ދައުރުގައި ކުރި ބައެއް ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި މަސްވެރިންގެ ގާނޫނަށް ގެންނަން ފާސް ކުރި އިސްލާހުތަކާއި ލާމަރުކަޒީ ގާނޫނަށް ގެންނަން ނިންމި އިސްލާހުތަކާއި އަންނަ އަހަރުގެ ބަޖެޓު ފާސްކުރުމާއި އާމްދަނީން ޓެކްސް ނެގުމުގެ ބިލް ނިންމުން ހިމެނޭ ކަމަށެވެ.
މަޖިލިހުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާ އިރު، ކުރީގެ ދައުރުން ލިބުނީ 16 ބިލެވެ. ފަހު ދައުރުގައި 23 ބިލެއް މަޖިލިހަށް ހުށަހެޅި އެވެ. މަޖިލިހަށް ހުށަހެޅި ބިލްތަކުގެ ތެރެއިން 11 ބިލް ނިމުނު އިރު، ނުނިމި 28 ބިލެއް އޮތް ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ގަރާރުތަކަށް ބަލާއިރު، ކުރީގެ ދައުރުން ލިބިފައި ވަނީ 12 ގަރާރެވެ. މަޖިލިހަށް ފަސް ގަރާރެއް ހުށަހެޅި އިރު، ނުނިމި 15 ގަރާރެެއް އެބައޮތެވެ. ސަރުކާރުން ފޮނުވި މައްސަލަތަކުގެ ތެރެއިން ކުރީގެ ދައުރުން ދެ މައްސަލައެއް ލިބުނު އިރު، މި ދައުރުގައި ހުށަހަޅާފައި ވަނީ 16 މައްސަލައެކެވެ. އަދި އެންމެ މައްސަލައެއް ފިޔަވައި ހުރިހާ މައްސަލަތަކެއް މަޖިލިހުން ވަނީ ނިންމައިފަ އެވެ.

