ސަރުކާރުން ދައުލަތުގެ ބަޖެޓަށް އަމަލުކުރަމުން ދަނީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ކަމަށާއި، ބަޖެޓުގައި ވަކި ކަންކަމަށް ކަނޑައަޅާފައިވާ ފައިސާ އެ ނޫން ކަންކަމަށް ހޭދަކުރަމުންދާކަމަށް ހުޅުމާޅެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ގަރާރުގެ ބަހުސްގައި ޝަމްހީދު ވިދާޅުވީ، ގާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ށ) ގައި މަޖިލީހުން ހުއްދަ ލިބިގެން މެނުވީ ބަޖެޓުގައިވާ މިންވަރަށްވުރެ އިތުރަށް ހަރަދުކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ބަޖެޓުގައި ވަކި ކަމަކަށް ފައިސާ ކަނޑައަޅާފައިވާނަމަ، އެ ފައިސާ ހޭދަކުރަންވާނީ ހަމައެކަނި އެކަމަކަށް ކަމަށްވެސް ގާނޫނުއަސާސީގައި ބުނެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝަމްހީދު ވިދާޅުވީ މި ސަރުކާރުން މިއަދާ ހަމައަށް ފެންނަމުން ދަނީ ހަމައެކަނި ބަޖެޓުގެ ޖުމްލަ އަދަދަކީ ބަޖެޓުކަމަށް ބަލައިގެން ހަރަދުކުރަމުންދާ މަންޒަރު ކަމަށެވެ.
މި އަހަރަށް ފާސްކުރި 50 ބިލިއަން ރުފިޔާގެ ބަޖެޓާއި ގުޅޭގޮތުން އަލިއަޅުވާލައްވަމުން ޝަމްހީދު ވިދާޅުވީ، ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓުކުރި ފައިސާ ބޮޑެތި އަދަދުތަކުން އެހެން ކަންކަމަށް ހޭދަކޮށްފައިވާ ކަމަށެވެ. އެގޮތުން ސިއްހީ ދާއިރާއަށް ކަނޑައެޅި ފައިސާގެ ތެރެއިން 500 މިލިއަން ރުފިޔާ، ތައުލީމީ ދާއިރާއިން 400 މިލިއަން ރުފިޔާ، އަދި ކުނި މެނޭޖުކުރުމުގެ ބަޖެޓުން 500 މިލިއަން ރުފިޔާ އެހެން ކަންކަމަށް ހޭދަކޮށްފައިވާކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ފެނާއި ނަރުދަމާއަށް ބަޖެޓުކުރި 1.1 ބިލިއަން ރުފިޔާގެ ތެރެއިން 800 މިލިއަން ރުފިޔާ އަދި ބޯހިޔާވަހިކަމަށް، ހާއްސަކޮށް ސަރުކާރުން އަޅާ ފްލެޓްތަކަށް ބަޖެޓުކުރި 1.8 ބިލިއަން ރުފިޔާގެ ތެރެއިން 1.6 ބިލިއަން ރުފިޔާ އެހެން ކަންކަމަށް ހޭދަކޮށްފައިވާކަން ވިދާޅުވެ، ސަރުކާރުން މާނައެއް ހުރި ރައްޔިތުންނަށް ފައިދާވާ އެއްވެސް މަސައްކަތެއް ކުރިތޯ ޝަމްހީދު ސުވާލު އުފެއްދެވި އެވެ.
ޝަމްހީދު އިތުރަށް ވިދާޅުވީ، ރަށްރަށުގެ އިންފްރާސްޓްރަކްޗާރ ގާއިމުކުރުމަށް ރައްޔިތުންނަށް ހާއްސަކޮށް ބަޖެޓުކުރި ފައިސާ މިހާ ބޮޑު އަދަދުތަކުން އެހެން ކަންކަމަށް ހޭދަކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި ބަޖެޓުން ފައިސާ ހުސްވެފައިވާއިރު، އެ ފައިސާ ހޭދަކުރި ގޮތުގެ ސާފު ތަފްސީލެއް ބަޖެޓުން އެނގެން ނެތްކަމަށް ތުހުމަތު ކުރެއްވިއެވެ.
ޝަމްހީދު ވިދާޅުވީ، ބަޖެޓު ހަދާފައިވަނިކޮށް އެ ފައިސާ ހުސްވުމުގެ މާނައަކީ މަޖިލީހުން ކަނޑައެޅި މަގްސަދު ނޫން އެހެން ކަންކަމަށް ފައިސާ ބޭނުންކުރުން ކަމަށެވެ. ޝަމްހީދު ވިދާޅުވީ ސަރުކާރުން އަމިއްލަ މަންފާ އިސްކުރުމުގެ ސަބަބުން ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތަކަށް ހުރަސް އެޅެމުންދާ ކަމަށެވެ.

