ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގައި، ދައުލަތުގެ ކަމާއި ބެހޭ މުވައްސަސާތައް ޒިންމާދާރުވެ މިފަދަ މައްސަލަތަކުގައި ވީހާވެސް އަވަހަށް އަނިޔާ ލިބޭ ކުއްޖާއަށް އިންސާފު ހޯދައިދިނުމަށް ކުޑަކުދިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާ ވޮއިސް އޮފް ކިޑްސް (ވީއޯސީީ) އިން ގޮވާލައިފިއެވެ. ވީއޯސީން ވަނީ، އެ ޖަމިއްޔާގެ ކަންބޮޑުވުންތައް ފާހަގަކޮށް މިރޭ ބަޔާނެއް ނެރެފައެވެ.
ބަޔާނުގައި ބުނެފައިވަނީ ގއ. ކަނޑުހުޅުދޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް އެ ކުއްޖާ ރޭޕް ކުރި ހާދިސާއިން މުޅި ގައުމަށް ސިހުން ލިބިގެން ދިޔަ ކަމަށެވެ. އެހެން ނަމަވެސް، މިއީ މި މުޖްތަމައުގެ ތެރޭގައި އާ ކަމެއް ނޫންކަން ވީއޯސީއިން ވަނީ ފާހަގަކޮށްފައެވެ.
ޖެންޑާ މިނިސްޓްރީއިން ކޮންމެ މަހަކުވެސް ނެރޭ ތަފާސް ހިސާބުތަކުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތައް އިތުރުކަން ދައްކާއިރު، އެފަދަ އަނިޔާތަކުގެ ރިޕޯޓު 400 އަށް އަރާކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
ވީއޯސީއިން ބުނެފައިވަނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ ނިސްބަތް އިތުރުވަމުން ދިޔަ ނަމަވެސް، އެ ކުދިންނަށް އިންސާފު ލިބޭނެ ބައެއް ނެތް ކަމަށެވެ. އެ ކުދިންނަށް އިންސާފު ހޯދައިދެވޭނީ ދައުލަތުގެ ކަމާއި ބެހޭ މުވައްސަސާތައް ޒިންމާދާރުވެ، މުވައްސަސާތަކުގެ ވެރީން ހަރުދަނާވެ މައްސަލަ ހައްލު ކުރުމުގެ އަޒުމެއް އޮވެގެން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ވީއޯސީން ވަނީ، ކަމާއި ބެހޭ މުވައްސަސާތަކުގެ ވެރިން ޒިންމާތަކުން ރެކިގަތުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި، ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމުގެ މަސައްކަތް ކުރުމަށް ގޮވާލާފައެވެ. އަދި ބަޔާނުގައި ވަނީ ބައެއް ނުކުތާތަކެއް ހިމަނާ، އެ ސިޔާސަތުތައް ތަރުތީބު ކުރުމަށް އެދިފައެވެ.
1. ޖިންސީ ކުށުގެ ޝިކާރައަކަށްވާ ކުދިންނަށް އިންސާފު ހޯދައިދިނުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތްތައް ޒިންމާދާރު ކުރުން. (ނޯޓު: ބަޔާނުގައި ވާގޮތަށް)
· މި ގޮތުން މަސައްކަތްތަކުގެ ޒިންމާ އަދާ ނުކުރާ ފަރާތްތައް ތަހުގީގުކޮށް ފިޔަވަޅު އެޅުން. އަދި ޒިންމާ އަދާ ނުކުރާ ކަން ސާބިތުވާ ނުވަތަ ސާބިތުވެފައިވާ މީހުން ވަޒީފާއިން ވަކި ކުރުން. މީގެ ތެރޭގައި ޖެންޑާރ، ފެމިލީ ސޯޝަލް ސާވިސް އާއި ހަވާލުވެ ހުންނެވި ޝިދާތާ ޝަރީފް މަގާމުގެ ޒިންމާ އަދާ ނުކުރާކަން އާއްމުގޮތެއްގައި ފާހަގަވެފައިވާތީ އެކަމާއި ގުޅިގެން މަޖިލީހުން އެ ފަރާތާއި މެދު އަޅާދިނުމަށް އެދެން.
2. މި ސަރުކާރުގައި، އަދި ވޭތުވެ ދިޔަ ހުރިހާ ސަރުކާރެއްގައި ވެސް ބަޖެޓު އެންމެ ކުޑަކޮށް ކަނޑައަޅާފައިވާ މިނިސްޓްރީއަކީ މިނިސްޓްރީ އޮފް ޖެންޑާރ، ފެމިލީ އެންޑް ސޯޝަލް ސާވިސް ކަމުގައި ވީތީ، އެ މިނިސްޓްރީއާއި ހަވާލުކޮށްފައިވާ މުހިންމު ޒިންމާތައް އެކަށީގެންވާ މިންވަރަށް އަދާ ނުކުރެވޭ އެއް ސަބަބަކީ އެ މިނިސްޓްރީގައި އެ މިންވަރުގެ މާލީ ތަނަވަސްކަން ނެތުންކަން ފާހަގަކުރަން. އަދި އެހެންކަމޔން އެ މިނިސްޓްރީގެ ބަޖެޓު މުރާޖާކޮށް އިތުރުކޮށްދީ، މިނިސްޓްރީގެ ހިދުމަތް އެކަށީގެންވާ މިންވަރެއްގައި މުޅި ރާއްޖެއަށް ފޯރުކޮށްދެވޭނެ މިންވަރުގެ މާލީ ތަނަވަސްކަން ފޯރުކޮށްދިނުން.
3. ކުޑަކުދންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ކޯޓުތަކުގައި ނުހިނގާ ގިނަ ދުވަސްތައް ވޭތުވެގެންދާކަން މިއީ އެންމެނަށް ވެސް އެނގޭ ހަގީގަތެއް. އަދި މިކަމުގެ ސަބަބުން ކުށުގެ ޝިކާރައަކަށް ޗާ ފަރާރްތަކަށް ގެއްލުންތައް ލިބި އެ ފަރާތްތަކަށް އިންސާފު ހޯދައިދޭންޖެހޭ ނިޒާމުގެ ތެރެއިން އެ ފަރާތްތައް ރީވިކްޓިމައިޒް ވެގެންދޭ. އެހެން ކަމުން، ކޯޓުތަކުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ބެލުމުގައި ގެންގުޅޭނެ ހާއްސަ އުސޫލެއް ގާއިމްކޮށް މައްސަލަތަކުގެ ޝަރީއަތުގެ މަރުހަލާގައިވެސް މުއްދަތު ކަނޑައެޅުން
4. ޖިންސީ ކުށާއި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތައް ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދިނުން. މީގެ ތެރޭގައި މިހާރު ހަދާފައިވާ ޝެލްޓަރުތައް ރަނގަޅަށް ހިންގުމާއި، މޯލްޑިވްސް ޕޮލިސް ސާވިސް އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވިކްޓިމް ސަޕޯޓު ޔުނިޓްތައް ފުޅާކޮށް ހަރުދަނާ ކުރުން ހިމެނޭ.
5. ޖިންސީ ކުށުގެ ޝިކާރައަކަށް ވާ ކުދިންގެ މަދަނީ ބަދަލު، ޖިންސީ މައްސަލައިގެ ތެރެއިން ހޯދައިދެވޭނެ ގޮތަށް ގާނޫނު ބަދަލު ކުރުން.
6. ޖިންސީ ކުށް ކުރާ ފަރާތްތަކުގެ ސައިކޮލޮޖިކަލް އެސެސްމެންޓު ހެދުން ލާޒިމްކޮށް ކުށުގެ ތުހުމަތު އެޅުވޭ ފަރާތްތައް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުން. އަދި ކުށް ސާބިތުވެފައިވާ ފަރާތްތައް ޖަލު ހުކުމް ތަންފީޒު ކުރުމަށް ފަހު މުޖްތަމައުގެ ތެރެއަށް ދޫކޮށްލުމުގެ ކުރީން އާއްމުކޮށް އިއުލާނުކޮށް، އެ ފަރާތްތަކަށް ކުޑަކުދިންނާއި އެކު އުޅެވޭނެ އަދި މަސައްކަތް ކުރެވޭނެ ހުރިހާ ގޮތެއް ބަންދު ކުރުން.
7. މިނިސްޓާރ އޮފް ޖެންޑާ، އެންޑް ފެމެލީ ސޯޝަލް ސާވިސަސް ޝިދާތާ ޝަރީފް އާއި އެޗްއާރުސީއެމްގެ ރައީސް އާމިނަތު އީނާސް އެ މަގާމުތަކުން ރައްޔިތުންގެ މަޖިލީހުގެ ފަރާތުން އަޒުލު ކުރުމަށާއި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓުގެ އިސްވެރިޔާ ކަމަށްވާ ސުޕްރިޑެންޓެންޑް އޮފް ޕޮލިސް ހަސަން ހަނީފް އަދި އެސިސްޓެންޓް ކޮމިޝަނާރ އޮފް ޕޮލިސް އަދި ފުލުހުންގެ ހެޑް އޮފް އިންވެސްޓިގޭޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި މުހައްމަދު ރިޔާޒުގެ މައްސަލަތައް ބަލާ ވަގުތުން ވަގުތައް ފިޔަވަޅުއަޅައި މަގާމުން ވަކު ކުރުމަށް ގޮވާލަމެމެވެ.
މި އަށް ކަމަކީ، ވެސް ވީއޯސީގެ ބަޔާނުގައި ހިމަނާފައިވާ ކަންތަކެވެ. އަދި އެ ޖަމިއްޔާއިން ވަނީ ވީހާވެސް އަވަހަށް ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތައް ބަލާ ތަހުގީގު މަރުހަލާ ނިންމުމަށް ގޮވާލާފައެވެ.
ޖެންޑާ މިނިސްޓަރު ޝިދާތާއަށް މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭކަމަށް ފާހަގަކޮށް، ބަޔާނުގައި ވަނީ ރައްޔިތުންގެ މަޖިލީހުން ޝިދާތާ ޖެންޑާ މިނިސްޓަރުކަމުން ވަކި ކުރަންޖެހޭ ކަމަށް ވެސް ބުނެފައެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ އެތައް މައްސަލައެއް ވޭތުވެ ދިޔަ މަހެއްހާ ދުވަހުން ފެށިގެން މިދަނީ ފެންމަތިވަމުންނެވެ. ދެކުނުގެ ރަށެއްގައި ތުއްތު ކުއްޖަކަށް ޖިންސީގޯނާކޮށް އެ ކުއްޖާ ރޭޕްކުރި މައްސަލައިގައި ޒިންމާދާރު މަގާމެއްގައި ތިބި އެ ކުއްޖާގެ އާއިލާގެ ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މިދިޔަ މަހުގެ 15 ގައި ފެންމަތިވީ އެ ހާދިސާއަށް ފަހު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، ރޭޕްކުރުމުގެ އެތައް މައްސަލައެއް ފުލުހުން ވަނީ ތަހުގީގު ކުރަން ފަށާފައެވެ.
މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ، ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓު ކުރި ނަމަވެސް ތަހުގީގީ އިދާރާތްތަކުގެ އެއްބާރުލުން ނުލިބުމެވެ. ނުވަތަ މައްސަލަ ތަހުގީގު ކުރިޔަސް، އެ މަރުހަލާ ދިގުލައިގެން ދިއުމާއި، ތުހުމަތުވާ މީހާގެ މައްޗަށް ކުށްސާބިތު ނުވުމެވެ.

