ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަނީގެ މައްސަލައިގައި ގޮނޑި ގެއްލުމުން، ސިނާން ޕީއެންސީ ބައި އިލެކްޝަނުގައި ވާދަކުރަނީ!

ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު ސިނާން: -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރުކަމުގެ ގޮނޑި ދާދިފަހުން ގެއްލުނު މުހައްމަދު ސިނާން، ދާއިރާގެ ބައި- އިލެކްޝަންގައި ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ވާދަކުރެއްވުމަށް ޕްރައިމަރީގައި ވާދަކުރާނެކަމަށް އިއުލާން ކުރައްވައިފިއެވެ.

ސިނާން މިކަން ހާމަކުރެއްވީ އޭނާގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ސިނާން ވަނީ ޖޫން މަހު ބާއްވާ ބައި- އިލެކްޝަން ކާމިޔާބު ކުރުމަށްޓަކައި ޕީއެންސީގެ އާންމު މެންބަރުންގެ ފުރިހަމަ ތާއީދާއި އެއްބާރުލުމަށް އެދިފަ އެވެ.

ސިނާންގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ހުކުމް ކުރީ، އޭނާގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏަކަށް ފައިސާ ނުދައްކާ އޮތުމާ ގުޅިގެންނެވެ. މި މައްސަލައަކީ އިސްލާމިކް ބޭންކުން ނެގި ލޯނަކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާ، ކޯޓުގެ ހުކުމާ އެއްގޮތަށް ދައްކާފައި ނުވާތީ ޣާލިބް ސަލީމް ނަމަކަށް ކިޔާ މީހަކު ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އެ ގޮނޑިއަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ.

ޕީއެންސީން މި ދާއިރާގެ ޕްރައިމަރީ ބޭއްވުމަށް ނިންމާފައި ވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ވަނީ އަންނަ އާދީއްތަ ދުވަހުގެ ހަވީރު 6:00 އާ ހަމައަށެވެ.

ސިނާންގެ އިތުރުން، ޕީއެންސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ އަހުމަދު ސައީދު (ނަޔާ) އަދި މުހައްމަދު އަލީ އެވެ.

އިދިކޮޅު އެމްޑީޕީގެ ފަރާތުން ދާއިރާއަށް ވާދަކުރާނެކަމަށް އިއުލާނު ކުރައްވާފައި ވަނީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.

މަޖިލީހުގެ ބައި އިލެކްޝަނެއް ކުރިޔަށް އޮތް އިރު، ނިމިދިޔަ ކައުންސިލް އިންތިހާބުން ވެސް ސަރުކާރަށް ލިބިފައި ވަނީ ބޮޑު ނާކާމިޔާބީއެކެވެ. އެހެންކަމުން ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ބާއްވާއިރު، ގޮނޑި ކާމިޔާބު ކުރުމަށްޓަކައި ސަރުކާރުން ވެސް ގިނަ މަސައްކަތްތައް ކުރާނެކަމަށް ބެލެެވެ އެވެ. އަދި މީގެ ކުރިން އޮތް މަޖިލިސް ބައި އިލެކްޝަންތަކުގައި، ވެސް މަޖިލިސް ގޮނޑި ކާމިޔާބު ކުރުމަށްޓަކައި ސަރުކާރުތަކުން ވަނީ ބޮޑެތި ހޭދަތައްކޮށް މަޝްރޫއުތައް އިއުލާނުކޮށްފަ އެވެ.

އެމްޑީޕީގެ ސަރުކާރުގައި އައި މަޖިލިސް ދެ ބައި އިލެކްޝަނެއްގެ ގޮނޑި ކާމިޔާބު ކުރުމަށް، މުޅި ސަރުކާރުގައި ހިމެނޭ އިސް ފަރާތްތައް ދަތުރުކޮށް ގޮނޑި ކާމިޔާބު ކުރުމަށް ވަރަށް ބޮޑެތި ޚަރަދުތައް ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: