ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ ބަޔާން- ކޮރޯނާ ވައިރަސްއަށް ޝައްކުވެ ފޮނުވި ސާމްޕަލްތައް ނެގެޓިވް: ރައީސް ސޯލިހް

ކޮރޯނާ ވައިރަސް ރާއްޖެއަށް އެތެރެވިޔަ ނުދިނުމަށްޓަކާ ކުރަމުންދާ މަސައްކަތްތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާއިން އުފަންވެގެން ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވުނު ކަރަންޓީން ކުރި މީހުންގެ ޓެސްޓުތައް ނެގެޓިވްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ، މި އަހަރަށް މަޖިލީސް ހުޅުވާ، ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ކޮރޯނާވައިރަސް، އެކި ގައުމުތަކަށް ފެތުރެން ފެށުމާ އެކު، ރާއްޖެ އަންނަ މީހުން ސްކްރީން ކުރުމުގެ މަސައްކަތް އެއާޕޯޓްތަކުގައި ވަނީ ފަށައިފަ އެވެ. އަދި އެ ވައިރަސް ހުރި މީހަކު ފެނިއްޖެ ނަމަ، ކަރަންޓީން ކުރުމަށްޓަކައި ހުޅުމާލޭގެ އޯޓިޒަމް ސެންޓަރު ކައިރީގައި ހުންނަ 10 ކްލާސްރޫމުގެ ޕްރީ ސްކޫލް ވަނީ ހަމަޖައްސައިފަ އެވެ. އަދި ހުޅުމާލޭ ޕްރީސްކޫލްގައި ކަރަންޓީން ކުރާ ގޮތަށް ހަމަޖައްސާފައި ވިޔަސް، ކޮރޯނާވައިރަސްގެ ނުރައްކާތެރި ކަން އިތުރަށް ބޮޑުވެއްޖެ ނަމަ، ތެޔޮ ރައްކާކުރާ ކ. ފުނަދޫގައި ވެސް ކަރަންޓީން ކުރެވޭ ގޮތަށް ވަނީ ނިންމާފައެވެ. އަދި އޭގެ އިތުރުން، ފަރުކޮޅުފުށީގައި ކްލިނިކަލް ފަރުވާ ދޭނެ ސެންޓަރެއް ގާއިމް ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި އާ ރަށުގައި ވެސް ކަރަންޓީން ކުރެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

ރާއްޖެ އިން ކޮރޯނާވައިރަހަށް ޝައްކު ކުރެވިގެން، މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން އެކަހެރި ކޮށްގެން ފަރުވާ ދެމުން އައީ އެންމެ މީހަކަށެވެ. އުމުރުން 20 އަހަރުގެ ދިވެހި އެ ފިރިހެންމީހާ އަށް ކޮރޯނާވައިރަސް ޖެހިފައިވޭތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރުމަށް އޭނާގެ ސާމްޕަލްތައް ވަނީ އިންޑިއާ އަށް ފޮނުވައިފަ އެވެ. އޭނާ ހުރީ އެކަހެރިކޮށް ފުނަދޫގަ އެވެ. އަދި އިތުުރު ދެ މީހަކު ވަނީ އެކަހެރި ކުރެވިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ދުނިޔޭގެ ކަންހިނގާ މަގަކީ، އެއްކަމެއްވެސް ތާއަބަދު އެއްގޮތެއްގެ މަތީ ނޯވެ ބަދަލުވެ ހިނގައިދާ ކަންތައް ކަމަށެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި، ކޮރޯނާ ވައިރަސްގެ ނުރައްކާ ފެތުރެމުންދާއިރު ރާއްޖެއިން މަސައްކަތް ކުރަމުން މިދަނީ ދުނިގޭގެ ސިއްހަތު ޖަމިއްޔާ ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ ލަފާގެ މަތީންކަމަށް ރައީސް ވިދާޅުވިއެވެ. މި ބަލިން ރައްޔިތުން ސަލާމަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ، މިއީ އިގްތިސޯދަށް ވެސް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ވަންނަ ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ބައިނަލްއަގްވާމީ ބައެއް ވައިގެ ދަތުރުތައް މެދު ކަނޑާލީ ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވީތީކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރަށް އަބަދުވެސް މުހިންމުވާނީ ރައްޔިތުންގެ ސިއްހަތުކަމަށް ވެސް އެމަނިކުފާނުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

”ދުނިޔޭގެ ކަންހިނގާ މަގަކީ، އެއްކަމެއްވެސް ތާއަބަދު އެއްގޮތެއްގައި ނޯވެ ބަދަލުވަމުން ދިޔުން. މިއަދު މުޅި ދުނިޔެއަށް ހިޔަނި އަޅަމުން އެދަނީ، ކޮރޯނާ ވައިރަސްގެ ނުރައްކާ. ރާއްޖެއަށްވެސް އެ ނުރައްކާ އެބައޮތް. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ލަފަޔާ އެއްގޮތަށް ސަރުކާރުގެ ހުރިހާ އިދާރާތައް، އެއް ޢަޒުމެއްގައި މަސައްކަތް ކުރަމުން މިއަންނަނީ، މާތް ﷲގެ ހެޔޮ ރަޙްމަތްފުޅާއި އޯގާވަންތަކަމާއެކު، ދިވެހި ރައްޔިތުން އެ ބަލިން ރައްކާތެރި ކުރުމަށް. މިއީ އިޤްތިޞާދީ ގޮތުންވެސް ރާއްޖެއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް.“ ރައީސް ސޯލިހް

ކޮރޯނާ ވައިރަސް ދުނިޔޭގެ އެކި ގައުމުތަކަށް ފެތުރި، މި ވައިރަސްގެ ސަބަބުން ޗައިނާގެ 300 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި މިއަދުގެ ވަގުތެއްގައި ޗައިނާ ނޫން އެހެން ގައުމެއްގެ މީހެއް މި ވައިރަސްގެ ސަބަބުން ފަރުވާ ދެމުންދަނިކޮށް މަރުވިއެވެ. އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވައިރަސް ޖެހުނު މީހުންގެ ތެރެއިން ފަރުވާ ދެވި، 380 އެއްހާ މީހުން ވަނީ އެކީ ރަނގަޅުވެފައެވެ. އޭގެ ތެރޭގައި ލަންކާއިން ކޮރޯނާއަށް ޕޮޒިޓިވްވެ ފަރުވާ ދެމުން ދިޔަ މީހާވެސް ހިމެނެއެވެ.

ޗައިނާ މީހުން ރާއްޖެ އެތެރެކުރުން ހުއްޓާލުމަށް ގޮވާލަމުންދަނިކޮށް، ސަރުކާރުން ވަނީ ޗައިނާއިން ރާއްޖެއަށް، އަދި ރާއްޖެއިން ޗައިނާއަށް ކުރާ ޑައިރެކްޓު ދަތުރުތައް ހުއްޓާލާފައެވެ. އެއަށްފަހު އަނެއްކާވެސް ރާއްޖެއިން އަޅާފައިވާ ފިޔަވަޅަކީ ޗައިނާގެ ރައްޔިތުންނާއި ޗައިނާއަށް ގޮސް އަންނަ އެއްވެސް މީހަކަށް ރާއްޖެ އެތެރެނުވެވޭ ގޮތަށް މަނާކުރުމަށެވެ. އެއީ ޗާޓަރު ފްލައިޓެއްގައި ވެސް ނާދެވޭ ގޮތަށެވެ. ނަމަވެސް މި މަނާވުން ޗައިނާގައި މިހާރު ތިބި ދިވެހިންނަށް ނޯންނާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: