މިދިޔަ އަހަރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި 49 ބިލުގެ ތެރެއިން، 19 ވަނަ ރައްޔިތުންގެ މަޖިލީހުން މިހާތަނަށް ވަނީ، 27 ބިލެއް ފާސްކޮށްދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަމުންނެވެ.
ރައީސް ވިދާޅުވީ، އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައީސް މުޙައްމަދު ނަޝީދަށާއި، މަޖިލީހުގެ ޢިއްޒަތްތެރި ނައިބު ރައީސް އީވާ ޢަބްދުﷲ އަށް އަދި ޢިއްޒަތްތެރި ހުރިހާ މެމްބަރުންނަށް އެމަނިކުފާނުގެ ހިތުގެ އިޚްލާޞްތެރިކަމާ އެކު ޝުކުރު ދަންނަވާ ކަމަށެވެ.
ރައިސް ވިދާޅުވީ، މިއަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި 56 ބިލެއް، މި މަޖިލީހަށް ފޮނުވުމަށް ސަރުކާރުން ޤަޞްދުކުރާ ކަމަށާއި މިހާރު ޢަމަލުކުރަމުން އަންނަ ބައެއް ޤާނޫނުތައް އިޞްލާޙްކުރުމަށް ހުށަހަޅާ 32 ބިލަކާއި، މުޅީން އަލަށް އުފައްދާ ޤާނޫނުތަކާ ބެހޭ 24 ބިލެއް އޭގެ ތެރޭގައި ހިމެނޭނެ ކަމަށެވެ.
އެ ބިލްތައް ފާސްކުރުމުގައިވެސް، މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ޔަގީން ކުރައްވާ ކަމަސް ވެސް ރައީސް ޞާލިހު ވިދާޅުވިއެވެ.
”އެ ބިލްތައް ފާސްކުރުމުގައިވެސް، މި ޢިއްޒަތްތެރި މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން އަޅުގަނޑަށް ޔަޤީން. މި ސަރުކާރަށް މިވީ އަހަރެއްހާ ދުވަހާއި، 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މިވީ އަށެއްކަ މަސް ދުވަހުގެ ތެރޭގައި، ރައްޔިތުންނަށް ފެނިގެން މިދިޔައީ، ދައުލަތުގެ ތިން ބާރު މިނިވަންކަމާއެކު މަސައްކަތްކޮށް، އެއް ބާރުން އަނެއް ބާރަށް އެހީތެރިވެ، ފާރަވެރިވުމާއި ޒިންމާދާރުކުރުވުމުގެ ވަރަށް ރީތި މިސާލެއް.“ ރައީސް ވިދާޅުވިއެވެ
މީގެ އިތުރުން، ރައީސް ވިދާޅުވީ، މި ސަރުކާރަށް މިވީ އަހަރެއްހާ ދުވަހާއި، 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މިވީ އަށެއްކަ މަސް ދުވަހުގެ ތެރޭގައި، ރައްޔިތުންނަށް ފެނިގެން ދިޔައީ، ދައުލަތުގެ ތިން ބާރު މިނިވަންކަމާއެކު މަސައްކަތްކޮށް، އެއް ބާރުން އަނެއް ބާރަށް އެހީތެރިވެ، ފާރަވެރިވުމާއި ޒިންމާދާރުކުރުވުމުގެ ވަރަށް ރީތި މިސާލެއް ކަމަށެވެ.
”އާދެ! ޑިމޮކްރެސީގެ މި އުޞޫލުތައް ނެގެހެއްޓުމުން، އެކަމުގެ ހުރިހާ ލާބަޔަކާއި މަންފާއެއް ލިބޭނީ ޢާންމު ރައްޔިތުންނަށް. ދައުލަތުގެ ކޮންމެ ބާރެއްވެސް، ދުސްތޫރީ އިމުގެ ތެރޭގައި، އެބައެއްގެ މަސައްކަތަށް އެބަޔަކު ސަމާލުކަން ދޭނަމަ، ރައްޔިތުންނަށް ލިބޭ ލާބަޔާއި މަންފާ މިހާރަށް ވުރެ އަދި މާ އިތުުރުވީސް“ ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ.

